އޭޖީގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވި، މަޝްވަރާގައި!

Mon, 05 Jun 2023 09:56 AM

View on this article on PSM News

އޭޖީގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވި، މަޝްވަރާގައި!

ޗާގޯސް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި ދެފަހަރެއްގެ މަތިން މަޖިލިސް މެދު ކަނޑާލައިފިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި މައްސަލަ މިދިޔަ ހަފްތާގެ ބުދަ ދުވަހަށް މަޖލީހުގައި އެޖެންޑާކުރެއްވިއެވެ. އެދުވަހުގެ ޖަލްސާއަށް ބަންޑާރަ ނައިބު ވަޑައިނުގެން ލިޔުމުން ޖަވާބުދާރީވެވަޑައިގެންފައިވާތީ މަޖިލީހުގައި ޚިޔާލު ތަފާތުވުންތައް އުފެދި އެ މައްސަލަވަނީ ކުރިޔަށް ނުގެންދެވިފައެވެ. މަޖިލީހުގެ ރައީސް ނިންމެވީ މިމައްސަލާގައި ސުޕްރީމް ކޯޓުގެ އިސްތިރާޖީ ލަފައެއް ހޯއްދެވުމަށެވެ.

މިމައްސަލާގައި ބަންޑާރަ ނައިބު ވަނީ މަޖިލީހަށް ވަޑައިގެން ޖަވާބު ދާރީވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. އެނިންމެވުމާއިއެކު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަ ނައިބު ވަޑައިގެން އިންނެވި ނަމަވެސް މަޖިލީހުގެ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންވަނީ މަޖިލީހުގައި އިހުތިޖާޖު ކުރައްވައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާފައެވެ.

މިއާއިއެކު މަޖިލީހުގެ ރައީސް ވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރެއްވުމަށް މަޖިލިސް މެދު ކަނޑާލާފައެވެ. އޭގެ 10 ވަރަކަށް މިނިޓްފަހުން ޖަލްސާ ފައްޓަވައި، މައްސަލަ ހުށަހެޅުއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ފުރުސަތު ދެއްވުމުންވެސް ވަނީ މައްސަލަ ހުށަނާޅުއްވައި ބަންޑާރަނައިބާ ސުވާލުތަކެއް ކުރިމަތި ކުރިމަތި ކުރައްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މައްސަލަ ހުށަހެޅުއްވުމަށްފަހު ނޫނީ ސުވާލު ކުރެއްވުމުގެ ބައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އާދަމް ޝަރީފް ވަނީ މިމައްސަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި ވާހަކަ ދައްކަވަން ބޭނުންވާތީ މަޝްވަރާއަށް އެދިވަޑައިގެންފައެވެ. އެއާއިއެކު މަޖިލީހުގެ ރައީސް ވަނީ އަނެއްކާވެސް މަޖިލިސް މެދުކަނޑުއްވާލައްވައި މަޝްވަރާއަށް ފުރުސަތު ދެއްވާފައެވެ. މިމައްސަލާގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގައި ބޭކާރު ވަގުތު ނަގާލަން ފުރުސަތު ނުދެއްވުމަށް ރިޔާސަތަށް ގޮވާލައްވާފައެވެ. އަދި މައްސަލަ ހުށަހަޅުއްވަން ކެރިވަޑައިނުގަންނަވާނަމަ އަނބުރާ މައްސަލަ ގެންދެވުމަށް ގޮވާލައްވާފައެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.



More from PSM News