"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ކާޓޫން ސީރީޒަކާއި ވާހަކަ ސީރީޒެއް

Fri, 26 May 2023 08:58 PM

View on this article on PSM News

"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ކާޓޫން ސީރީޒަކާއި ވާހަކަ ސީރީޒެއް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ، ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފިއެވެ.

ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު އޮލިމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަރަފުވެރި މެހްމާނު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

މިއަދު އިފްތިތާޙްކުރި ކާޓޫނު ސީރީސް އަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ ދިރިއުޅުމުގެ ރީތި ބައެއް އާދަތަކަށް ކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި މި މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

މި ކާޓޫނު ސީރީސްގައި ޖުމްލަ 12 އެޕިސޯޑް ހިމެނޭއިރު މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ވަނީ އޭގެ ތެރެއިން 6 އެޕިސޯޑް ރަސްމިއްޔާތުގައި ބައިވެރިވި ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ދައްކާލާފަ އެވެ. އަދި، މި 6 އެޕިސޯޑް އާންމުކޮށް ދެއްކުމަށްޓަކައި ޚާއްސަ ދެ ޝޯ 27 މޭއި ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު އޮލިމްޕަހުގައި ބާއްވާގޮތަށް މި މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވިދާޅުވީ، މި ކާޓޫނު ސީރީސް އާއި، ވާހަކަ ފޮތްތަކުގެ ވީޑިއޯ ވަރޝަންގެ ސަބަބުން އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅާލުމާއި، އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ރީތި ސިފަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް މަގުފައިވެގެންދާނެ ކަމަށެވެ. އަދި، މައިންބަފައިންނާއި، ބެލެނިވެރިން ކުދިންނާއެކު މި އުފެއްދުންތައް ބަލައި އެއިން ލިބިދޭ މެސެޖުތަކުގެ އެހީގައި ކުދިންނަށް ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދިނުމަށް ޒިފްލީނާ ޙަސަންގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.

"މި ފޮތްތަކުގައި ވަރަށް ބޭނުންތެރި މެސެޖުތަކެއް ހިމެނޭ. އޭގެ ރުޅި ކޮންޓްރޯލްކުރުމުގެ މުހިއްމުކަމުގެ ވާހަކަ. އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުމުގެ ވާހަކަ. އިޙްތިރާމްކުރުމުގެ ވާހަކަ. ޢާއިލާގެ މެންބަރުންނަށް އެހީތެރިވުމުގެ މުހިއްމުކަމުގެ ވާހަކަ. އަންހެން ކުއްޖަކަށްވީތީ ނުވަތަ ފިރިހެން ކުއްޖަކަށްވީތީ ވަކި ކަންތައްކެއް ނުކުރެވޭނެކަމަށް ޤަބޫލު ނުކުރުމުގެ ވާހަކަ ހިމެނޭ. މިއީ ހައްތަހާވެސް ކުޑަކުދިންގެ ކިބައިގައި ބޮޑެތިވަމުން އަންނައިރު އަށަގަންނަންޖެހޭ ކަންކަން" ޒިފްލީނާ ވިދާޅުވިއެވެ.

މިއަދު އިފްތިތާޙްކުރި ވާހަކަފޮތް ސީރީސްގެ ވީޑިއޯ ވަރޝަންގެ މަޤްޞަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު މި މިނިސްޓްރީގެ ފަރާތުން ނެރުނު ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގައި ހިމެނޭ ވާހަކަތަކުން ކުދިންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ވީހާވެސް ގިނަ ކުދިންނާ ހަމައަށް ފޯރުކޮށްދިނުމެކެވެ.

ޖުމްލަ 6 ވާހަކަ ފޮތް ހިމެނޭ މި ސީރީސްގެ ވާހަކަ ފޮތްތައް ޖެންޑަރ މިނިސްޓްރީގެ ފަރާތުން މި އަހަރުގެ ކުރީކޮޅު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާކޮށްފައެވެ.

ގެވެށި ގުޅުން ކެމްޕެއިނަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ޖެންޑަރ މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ.

މި ކެމްޕެއިންގެ ވަކިވަކި މަަޤްޞަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.


More from PSM News