ނ. މަނަދޫގައި ރަޚުމްކުޑަގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާ މަރާލިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ނައީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ގޭގައެވެ. މިއާއެކު މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް ދަނީ މަނަދޫގައި ހަރަކާތްތެރިވަމުންނެވެ.
މި މައްސަލައިގެ ތަޙްޤީޤާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓޫވީޓުގައި ވިދާޅުވީ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުންދާކަމަށެވެ.
ނ.މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން، މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ.
— Mohamed Hameed (@M_Hameedh) May 26, 2023
ކޮމިޝަނަރ ވަނީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުޙައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މި މަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.
ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނައީމާގެ މަރުގެ ތަޙްގީޤު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ.
ނައީމާގެ މަރަށް 50 ދުވަސް މާދަމާ ފުރޭއިރު މިއީ އެ މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. މަރުގެ ތަޙުޤީޤަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވިއެވެ. އަދި, އެ ރަށުގެ ގިނަ ބައެއްގެ ޑީ.އެން.އޭ ސާމްޕަލް ވެސް ނެގިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.