‏ޒުވާން ޓެނިސް ކުޅުންތެރިޔާ ކައިސަން އާއި ބެޑްމިންޓަން ކުޅުންތެރިޔާ ތޯއިފް އަރުތަ ޕްރޮގުރާމަށް

Sat, 25 Mar 2023 09:08 PM

View on this article on PSM News

‏ޒުވާން ޓެނިސް ކުޅުންތެރިޔާ ކައިސަން އާއި ބެޑްމިންޓަން ކުޅުންތެރިޔާ ތޯއިފް އަރުތަ ޕްރޮގުރާމަށް

‏ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގެ ލިސްޓުގައި ޒުވާން ޓެނިސް ކުޅުންތެރިޔާ ކައިސަން އާއި ބެޑްމިންޓަން ކުޅުންތެރިޔާ އަޙްމަދު ތޯއިފް ހިމަނައިފިއެވެ.

އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުންމީދީ ގިނަ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.

މި ލިސްޓުގައި ކައިސަން އާއި ތޯއިފް ހިމެނިކެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އިއުލާން ކުރެއްވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަރުތަ ޕްރޮގުރާމުގައި ހިމެނުނު ތޯއިފް އަކީ 2021 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން ޗެމްޕިއަނެވެ. އަދި ރިވައިވަލް ސްޕޯޓްސް ކުލަބުގެ އެހީއާއެކު އޭނާ އަންނަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ކުރިއެރުން ހޯދަމުންނެވެ.

އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަޚުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އަރުތަ ޕްރޮގްރާމުގެ ދަށުން ހުރިހާ ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ޚާއްސަ ކުރެވިގެން ގާއިމުކުރެވޭ "ސެންޓަރ ފޯރ ފިޓްނަސް އެންޑް ރިހެބިލިޓޭޝަން" ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.



More from PSM News