ސްވިޑެން އަތުން ބެލްޖިއަމަށް ފަސޭހަ މޮޅެއް

Sat, 25 Mar 2023 12:43 PM

View on this article on PSM News

ސްވިޑެން އަތުން ބެލްޖިއަމަށް ފަސޭހަ މޮޅެއް

ޔޫރޯ 2024 ކޮލިފައިންގެ ގްރޫޕް އެފްގައި ބެލްޖިއަމް އާއި ސްވިޑްން ބައްދަލުކުރިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

ސްވިޑްންގައި ކުޅުނު މިމެވް ބެލްޖިއަމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެލްޖިއަމްއެވެ. މިމެޗްގައި ބެލްޖިއަމްގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދިނީ ރޮމެލޫ ލުކާކޫއެވެ. މިމެޗްގައި ބެލްޖިއަމްގެ ދެވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައ ޖަހާދިނީވެސް ލުކާކޫއެވެ. އަދި މެޗްގެ 82 ވަނަ މިނެޓްގައި އޭނާވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗްގައި ހެޓްރިކެއްވެސް ހަދާފައެވެ.

މިމެޗްގައި ސްވިޑްންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު އެޓީމަށްވެސް ލިބިގެންދިޔައެވެ. މިމެޗްގައި ދެން އެންމެ ފާހަގަ ވެގެންދިޔައީ މެޗްގެ 73 ވަނަ މިނެޓްގައި ކުޅެން އެރި ސްވިޑްންގެ ތަޖްރިބާކާރު ކުޅުންތެރިޔާ ޒްލަޓާން އިބްރަހިމޮވިޗް ކުޅެން އެރުމެވެ. އޭނާއަށް ސްވިޑްންގެ ސަޕޯޓަރުންވަނީ ހޫނު މަރްހަބާއެއްވެސް ކިޔާފައެވެ. މިއާއެކު އިބްރަހިމޮވިޗް ވެގެން ގޮސްފައިވަނީ އުމުރުން 41 އަހަރާއި ފަސް މަސާއި 21 ދުވަހާއެކު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގ މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް ކުޑަވަގުތު ކޮޅަކަށް ވެގެންގޮސްފައެވެ. މިރިކޯޑް ކުރިން އޮތީ 1983 އަހަރުގެ ކޮލިފައިންގގައި އިޓަލީވިލާތަށް ކުޅުނު ޑީނޯ ޒޮފް އަތުގައެވެ. ނަމަވެސް އިބްރަހިމޮވިޗަށް މިޝަރަފް ލިބުނުތާ މާގިނައިރުތަކެއް ނުވެ ގްރީސް އާއި ޖިބްރޯލްޓަރ ބައްދަލުކުރިމެޗްގައި އިބްރަހިމޮވިޗަށް ވުރެ ހަތަރު ދުވަސް ދޮށީ ކުޅުންތެރިއެއް ކަމަށްވާ ލީ ކަސިއާރޯ ވަނީ ޖިބްރޯލްޓަރ ޓީމަށް ކުޅެފައެވެ.

މިކާމިޔާބީއާއެކު ބެލްޖިއަމްގެ އާ ކޯޗް ޑޮމެނިކޯ ޓެޑެސްކޯގެ ފެށުން މިވަނީ ރަނގަޅުވެފައެވެ. ނަމަވެސް މިގްރޫޕްގައި އޮސްޓްރިއާ އާއި އަޒަރުބައިޖާން ބައްދަލުކުރިމެޗް 4 ލަނޑު އެއްލަނޑުން އޮސްޓްރިއާ ކާމިޔާބު ކުރުމާއެކު ގްރޫޕްގެ އެއްވަނަ މިވަގުތު ލިބިފައިވަނީ އޮސްޓްރިއާއަށެވެ.



More from PSM News