ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދުގެ އާއިލާއަށް ފުލުހުންގެ ތައުޒިޔާ

Sun, 28 Apr 2024 04:26 PM

View on this article on Police Life

 ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދުގެ އާއިލާއަށް ފުލުހުންގެ ތައުޒިޔާ

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޒިޔާދު، ސ. ނަމްބަރު 1272، (ކ.މާލެ / ވ.ނަސީމީމަންޒިލް) މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.



 

ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރަމެވެ. އަދި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޞްރަތު ގައި ދުޢާ ދަންނަވަމެވެ. އާމީން.

 

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒިޔާދު މެދުނުކެނޑި 26 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކުރައްވާފައިވެއެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގައި އުޅުއްވި އިރު ސެކިއުރިޓީ ޑިވިޜަން އާއި އެން.އެސް.އެސް ޓްރެއިނިންގ ޔުނިޓްގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑު، މެރިން ޕޮލިސް ޑިޕާރޓްމަންޓު، ޕޮލިސް އެކަޑަމީ އަދި ސައުތު ސެންޓްރަލް ޕޮލިސްގައި މަސައްކަތްކުރައްވައި، ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އަދި ނިޔިާވިއިރު މަސައްކަތްކުރައްވަމުން ގެންދަވާފައިވަނީ ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ޑިއުޓީ އޮފިސަރެއްގެ މަގާމުގައެވެ.  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދުއަށް ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާޤީ ކުލަ 1، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ހާއްސަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، މިނިވަން ފަންސާހުގެ މެޑަލް، ޖުމްހޫރީ ފަންސާހުގެ މެޑަލް ހިމެނެއެވެ.

 

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދު ނިޔާވި އިރު ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. ނިޔާވިއިރު ޢުމުރަކީ 44 އަހަރެވެ.

 



More from Police Life