ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާ ސްޕީޑް ގަން

Thu, 01 Jun 2023 03:11 PM

View on this article on Police Life

ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާ ސްޕީޑް ގަން

މިއީ ކޮންމެ މަހަކު އެއްފަހަރު ޝާއިއުކުރާ ލިޔުންތަކެކެވެ. މި ލިޔުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން 2023 ވަނަ އަހަރަށް ތައްޔާރުކުރި ކަލަންޑަރުގައި ހިމަނާފައިވާ، ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި މައުލޫމާތު ހިިމެނޭ ލިޔުންތަކެކެވެ. މި ސިލްސިލާގެ ހަވަނަ ލިޔުން ހާއްސަކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަމުން ގެންދާ ސްޕީޑް ގަން އަށެވެ.

 

ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވަނީ ކަނޑައަޅާފައިވާ ދުވެއްޔާ ހިލާފަށް އުޅަނދު ދުއްވުމުގެ ސަބަބުންކަން ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކަށަވަރުވެގެން ދެއެވެ. ސަބަބަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިންގަނޑުތަކެއް ކަނޑައަޅާފައިވާއިރު، ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވުމެވެ.

 

ގްރޭޓަރ މާލޭ އޭރިއާގައިވާ ބްރިޖް އަދި ހައިވޭގައި ދުއްވުމަށް ކަނޑައަޅާ ހުއްދަ ދުވެއްޔަކީ 25 ކިލޯމީޓަރާއި 50 ކިލޯމީޓަރާ ދެމެދެވެ. ލާމު ލިންކު އަދި އައްޑޫސިޓީ ލިންކު ރޯޑުގައި 60 ކިލޯމީޓަރާ ހަމައަށް ދުއްވޭ ހިސާބުތައް ކަނޑައަޅާފައިވެއެވެ. ވަކި ދުވެއްޔެއް ކަނޑައަޅާފައި ނުވާނަމަ އާންމުކޮށް ރަށު ތެރޭގައި ސައިކަލާއި ކާރު އަދި ބަސް ދުއްވުމަށް ކަނޑައަޅާފައި ވަނީ 30 ކިލޯމީޓަރަށެވެ.

 

މުދާ އުފުލުމަށް ބޭނުންކުރާ ހުރިހާ އުޅަނދެއް ދުއްވުމަށް ކަނޑައަޅާފައި ވަނީ 25 ކިލޯމީޓަރަށެވެ. މި ދެންވުނު ސްޕީޑަށް އާންމު ރައްޔިތުން އަމަލު ކުރަމުންދޭތޯ ބެލުމަށް ދިވެހި ފުލުހުން ބޭނުން ކުރަމުންދާ އެއް ވަސީލަތަކީ ސްޕީޑް ގަންއެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު ބޭނުން ކުރަމުން ދަނީ ލޭޒަ ސްޕީޑް ގަންތަކުގެ ތެރެއިން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ސްޕީޑް ގަންއެކެވެ. މި ސްޕީޑް ގަންއަށް 1.5 ކިލޯމީޓަރުގެ ދުރުން އުޅަނދުގެ ސްޕީޑް ދެނެގަނެވެއެވެ. އުޅަނދެއް ދުއްވާފައި އަންނައިރު އެ އުޅަނދަކަށް ލޭޒަރ އެޅުވުމުން އެ އުޅަނދު ދުއްވާފައި އަންނަ ސްޕީޑް ކެމެރާއަށް ރެކޯޑު ކުރެއެވެ. މިގޮތުން ރެކޯޑު ކުރަނީ އެ އުޅަނދުގެ ފޮޓޯ އަކާއި އެ އުޅަނދުގެ ވީޑިއޯ ކޮޅެކެވެ.

 

ކަނޑައެޅިފައިވާ ދުވެއްޔާ ހިލާފުވާ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އެކަން ތަކުރާރު ކޮށްފިނަމަ ވާނެގޮތް ބުނެދެވޭނެއެވެ. ކަނޑައެޅިފައިވާ ދުވެއްޔާ ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 48 ގަޑި އިރަށް އެ މީހެއްގެ ދުއްވުމުގެ ހުއްދަ ހިފެހެއްޓޭނެއެވެ. މި ހުއްދަ ދޫކުރެވޭނީ ފައިސާދެއްކި ކަމުގައި ވިޔަސް 48 ގަޑި އިރު ހަމަވުމުންނެވެ. ކަނޑައެޅިފައިވާ ދުވެއްޔާ ތިންވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެ މީހަކު ދުއްވި އުޅަނދު 15 ދުވަހުގެ މުއްދަތަށް ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. މި އުޅަނދު ދޫކުރެވޭނީ 15 ދުވަސް ހަމަވުމުންނެވެ.

 

ކަނޑައެޅިފައިވާ ދުވެއްޔާ ހިލާފަށް ދުއްވުމަކީ ތިމާއާއި އެހެން މީހުނަށް އޮތް ނުރައްކަލެކެވެ. މީގެ ނުރައްކަލަކީ ހަމައެކަނި ބާރަށް ދުއްވުމެއް ނޫނެވެ. ކަނޑައެޅިފައިވާ ވަރަށްވުރެ މަޑުން ދުއްވުމަކީވެސް ނުރައްކަލަށް ހުށަހެޅިގެންދާކަމެކެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުން ސްޕީޑް ގަން ބޭނުން ކުރަމުންދަނީ ދުވެއްޔާ ހިލާފުވާ މީހުން ދެނެގަނެ ސްޕީޑުގެ ސަބަބުން އޮތް ނުރައްކާ ކުޑަކުރުމުގެ މަގުސަދުގައެވެ. ދިވެހި ފުލުހުންގެ އަމާޒަކީ މަގުމަތީގެ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ސުމަކަށް ހެދުމެވެ.



More from Police Life