މީޑިއާ ވިލެޖު ގާއިމުކުރާނީ އެސްޓީއޯ ހޮޓާގައި: ރައީސް

Sat, 27 Jul 2024 01:27 AM

View on this article on One Online

މީޑިއާ ވިލެޖު ގާއިމުކުރާނީ އެސްޓީއޯ ހޮޓާގައި: ރައީސް

ހުޅުމާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހޮޓަލުގެ ބައެއް ފަންގި ފަންގިފިލާތައް މީޑިއާ ވިލެޖަށް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މީޑިއާތަކާ ގާތްގުޅުމެއް ބާއްވައިގެން ސަރުކާރު ހިންގަވަން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން މިއަދާ ހަމައަށް މަސައްކަތް ކުރީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މީޑިއާ ވިލެޖެއް ގާއިމުކުރާނެ ވާހަކަ އަޅުގަނޑު ދެންނެވިން. އެކަން ކުރުމަށްޓަކައި މިހާރު ކެބިނެޓުން ވަނީ ކަންކުރާނެ ގޮތް ވެސް ނިންމައިފައި. ހުޅުމާލޭގައި އެތައް އަހަރެއް ވަންދެން ހަދަން ފަށައިފައި ނުނިމި ހުރި އިމާރާތެއް އެހެރީ އެސްޓީއޯގެ އިމާރާތެއް ހޮޓަލެއް އަޅަން ނިންމި ތަނެއް. އެތަން ސަރުކާރަށް މިހާރު އެ ވަނީ ނަގައިފައި. އެތަނުގެ ބައެއް ފްލޯތައް ހާއްސަ ކުރެވޭނީ މި ދެންނެވި މީޑިއާ ވިލެޖު ގާއިމުކުރަން. ކޮންމެ މީޑިއާކަށް ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑަ އަގެއްގައި އެ މީހުންގެ އޮފީސް ހިންގަން އެތަނުން ޖާގަ ދޫކުރާނަން،" ރައީސް ވިދާޅުވިއެވެ.

"ފެންވަރު ރަނގަޅު އެކި ސައިޒްތަކުގެ ސްޓޫޑިއޯތައް އެތާންގައި ހަދާނެ. ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ ޕްރޮޑަކްޝަން ފެސިލިޓީ ފޯރުކޮށްދޭނަން. މީޑިއާތަކަށް ދުވަހަކު ނުލިބޭ ފަދަ ރަނުގެ ފުރުސަތުތައް އެތަނުން ފޯރުކޮށްދޭނަން"

ރައީސް ވިދާޅުވީ މިއަންނަ އަހަރުން ފެށިގެން މީޑިއާތަކަށް ފައިސާ ދިނުމަށް ބަޖެޓުގައި ހިމަނައި އެ ފައިސާ ދޫކުރާނެ ގޮތް ގާނޫނެއްގައި ބަޔާން ކުރާނެ ކަމަށެވެ. އެއިރުން މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ފައިސާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މީޑިއާތައް ވެސް މަސައްކަތް ކުރަންވާނީ ޒިންމާދާރު ކަމާ އެކު ކަމަށާއި ރާއްޖޭގެ ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކުރުމަށް ޒިންމާދާރު މީޑިއާތަކެއް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.





More from One Online