ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވުނު

Wed, 08 May 2024 11:29 AM

View on this article on One Online

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވުނު

ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަވޭތޯ ދެ ފަހަރެއްގެ މަތިން ބެލުމަށްފަހު ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ނުބޭއްވުނެވެ.

ހެނދުނު 9:00 ގައި ފަށަން އޮތް ޖަލްސާ ފެށުމަށް ބޭނުންވާ ވަރަށް ކޯރަމް ހަމަވޭތޯ ގާތް ގަނޑަކަށް 9:20 އާ ހަމައަށް ބެއްލެވުމަށްފަހު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، 10:00 ގައި ޖަލްސާ ފަށަން ބޭނުންވާ ވަަރަށް ކޯރަމް ހަމަވޭތޯ ބެއްލެވުމަށް ޖަލްސާ މެދު ކަނޑުއްވައި ލެއްވިއެވެ. ނަމަވެސް އެ ގަޑިއަށް ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވާ އަދަދަކަށް މަޖިލިސް ތަޅުމަށް މެންބަރުން ވަޑައެއް ނުގެންނެވިއެވެ.

އެހެންކަމުން މެންބަރުން ވަޑައިގަންނަވާތޯ 10:20 އަށް ބެއްލެވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަވާ ވަރަށް މަޖިލީހުގެ ގޯތި ތެރޭގައި މެންބަރުން އެބަ ތިއްބެވި ކަމަށެވެ.

އެހެންކަމުން 11:00 ގައި ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވޭތޯ ބެއްލެވުމަށް އަނެއްކާވެސް ޖަލްސާ މެދުކަނޑުއްވައި ލެއްވިއެވެ. މިއަދުގެ ޖަލްސާއާ މެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެގަޑިއަށް ވެސް މެންބަރުން ތަޅުމަށް ނުވެންނެވުމުން 11:07 އެހާކަން ހާއިރަށް ބެއްލެވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ ޖަލްސާގެ ކޯރަމް ހަމަވޭތޯ ތަކުރާރުކޮށް ބެލިއްޖެ ކަމަށެވެ. އަދި ކޯރަމް ބެލް ޖަހައިގެން ވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން ވަޑައި ނުގެންނެވި ކަމަށެވެ. މަޖިލީހުގައި ތިއްބެވީ އެންމެ 10 މެންބަރުން ކަމަށް ވިދާޅުވެ، އަސްލަމް މަޖިލިސް ޖަލްސާ ނިންމަވައިލެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލިސް ތަޅުމުގައި ކުރަން ހުރި މަސައްކަތްތައް މަދު ނަމަވެސް ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ހުރިކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ.

މިހާރު ކުރިއަށް މިދަނީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާތައްކަން ފާހަގަ ކުރައްވައި އަސްލަމް ވަނީ ކޮމިޓީތަކުގެ މަސައްކަތްތައް ނިންމުމަށް މުގައްރިރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަސްލަމް ވިދާޅުވީ، މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެންދާ އިރު، ވަޒީރުންނާ ސުވާލު ކުރުމަށް މެންބަރުން ހުށަހަޅާފައިވާ 21 ސުވާލު އަދި ނުކޮށް އެބަ އޮތް ކަމަށާއި އެކި ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޓީތަކާ އެކު ޖަވާބު ދޭންޖެހޭ 322 މައްސަލަ އެބައޮތް ކަަމަށެވެ.

މި މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، ވަޒީރުންނާ ކުރުމަށް މެންބަރުން ހުށަހަޅުއްވާފައިވާ 21 މައްސަލަ މަޖިލިސް ތަޅުމުގައި އަދިވެސް އެބައޮތް ކަމަށެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ނިމެންދާ އިރު ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ ގޮތުގެމަތިން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޓީތަކުގެ ތެރެއިން މިހާތަނަށް ޖަވާބު ނުލިބޭ 322 މައްސަލަ އެބައޮތް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހަށް ސާކިއުލޭޓް ނުކުރެވޭ އެއްވެސް ކޮމިޓީ ރިޕޯޓެއް 13 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.





More from One Online