ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދެއްކި ފަރާތްތަކަށް ޖެހިގެން އަންނަ މަހުގެ ބިލުން އެ އަދަދު އުނިކުރެވޭނެ: ފެނަކަ

Sun, 05 May 2024 01:32 PM

View on this article on Naares

ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދެއްކި ފަރާތްތަކަށް ޖެހިގެން އަންނަ މަހުގެ ބިލުން އެ އަދަދު އުނިކުރެވޭނެ: ފެނަކަ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ނިމިދިޔަ ރޯދަމަހު ގޭބީސީތަކުން ބޭނުންކުރި ކަރަންޓުން ޑިސްކައުންޓް ދިނުމަށް ޓަކައި މިދިޔަ މަހުގެ ބިލުގައި ވެސް ޑިސްކައުންޓު ހިމެނުމަށްފަހު ފެނަކައިން ގޭބީސީތަކަށް ބިލު ފޮނުވަން ފަށައިފައިވާއިރު، ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދެއްކި ފަރާތްތަކަށް ޖެހިގެން އަންނަ މަހުގެ ބިލުން އެ އަދަދު އުނިކުރެވޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.



ރަމަޟާން މަހުގެ ފަހު ދިހައިގެ ބައެއް ދުވަސްތައް ނިމިދިޔަ އެޕްރީލް މަހުގެ ތެރެއަށް ވެސް ވަނީ އައިސްފައެވެ. ނަމަވެސް ކުރިން ކުންފުނިތަކުން ނިންމީ އެޕްރީލް މަހުގެ ބިލުގައި ޑިސްކައުންޓް ނުހިމަނައި، ހަމައެކަނި މާޗު މަހުގެ ބިލުގައި ޑިސްކައުންޓް ހިމަނާށެވެ.

ނަމަވެސް އެއީ ރައީސް އެ ކަން ކުރަން އެންގެވި ގޮތްކަމުގައި ނުވުމުން، ފަހުން ކުންފުނިތަކުން ވަނީ މިދިޔަ މަހުގެ ބިލުގައި ވެސް ޑިސްކައުންޓް ހިމަނަން ނިންމައިފައެވެ.

އެއާއެކު ފެނަކައިން ބުނީ މިހާރު ޑިސްކައުންޓު ހިމެނޭ ބިލުތައް ފޮނުވަން ފަށައިފައިވާ ކަމަށެވެ.

ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކައިފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ކުރިން ވިދާޅުވި ގޮތުގައި ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުތަކުން، ރައީސް އެދިވަޑައިގެންނެވި ގޮތަށް، ލުއި ދެވިފައިނުވާކަން ފާހަގަކުރެވޭތީ، އެ ކަން ޙައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފައެވެ.

ރޯދަމަހުގެ ބިލަށް ޑިސްކައުންޓު ދިން ނަމަވެސް މާޗު މަހުގެ ބިލު ލިބުނުއިރު މާ ބޮޑު ތަފާތެއް ނުފެންނަ ކަމަށް ބުނެ ބައެއް އާންމު ރައްޔިތުން ޝަކުވާ ކުރިއެވެ. އަދި ބިލު ބޮޑުވެފައިވާކަމުގެ ޝަކުވާ ވެސް ކުރިއެވެ.



More from Naares