ރައީސް ފޮނުވި ސިޓީ ހޯދަން އެދޭނަން: އަސްލަމް

Wed, 07 Jun 2023 11:21 AM

View on this article on Naares

ރައީސް ފޮނުވި ސިޓީ ހޯދަން އެދޭނަން: އަސްލަމް


ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ މެދުވެރިކޮށް ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގހެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.



ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ތާއިދުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީ ސިއްރުކޮށްގެން އުޅުއްވާކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. އަދި މިސިޓީއަކީ މިމައްސަލައިގެ އަސްލު މަންޒަރު ބަދަލުކޮށްލި ސިޓީކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މިމައްސަލާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަންވެސް ކުރައްވާ އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި އޮތުމަކީ މަޖިލީހުގެ މަސައްކަތް ހުއްޓުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ފުޅާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާއިރު، އެސިޓީ މަޖިލީހަށް ހޯއްދެވުމަށް 241 ކޮމެޓީން ކުރަންޖެހޭ މަސައްކަތް ކުރެވޭނީވެސް ކޮމެޓީތައް އެކުލަވާލިވެގެންކަމަށް އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާއި ގުޅޭގޮތުން އަޅުގަނޑަށް ގޮތެއް ނުނިންމިފައި އޮތީ 241 ކޮމެޓީ ނުބޭއްވިގެން. 241 ކޮމެޓީ ބޭއްވޭ ފުރަތަމަ ދުވަހު އަޅުގަނޑު އެކޮމެޓީގެ ޗެއާއަށް އިތުރަށް އިންނަ ކަމުގައިވާނަމަ، ރައީސުލްޖުމްހޫރިއްޔާގެ އެ ސިޓީފުޅު ހޯދަންވެސް 241 ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ އެއް ފޮނުއްވަން އަޅުގަނޑު މިހިރީ ގަސްތުކޮށްގެން.

– އަސްލަމް ވިދާޅުވިއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގަ، ރާއްޖެއިން ހުށައެޅިގޮތަށް، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ކުރެއްވި ހުކުމުގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

އިޓްލޮސްގެ މައްސަލަ ސާބިތު ކުރުމަށް އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ރައީސް ފޮނުވި ސިޓީ ނުހިމެނޭކަން ފާހަގަ ކުރަން. ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގަ ކަޅާއި ހުދުން ލިޔެފަ އޮތްކަން ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން.

– ބަންޑާރަނަ ނައިބް ވިދާޅުވިއެވެ.

މިމައްސަލަގާއި ޖަވާބުދާރީވެ ވަޑައިގަންނަވަމުން ބަންޑާރަ ނައިބް ވިދާޅުވީ ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށް ވުމަކީ ދުނިޔޭގެ ތަބައީ އުސޫލަށް ވެދާނެކަމަށެވެ. އެހެންނަމަވެސް، ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއް ކަމަށާއި، ގާނޫނު މާނަކުރުމަކީ ކޮންމެ މީހަކު ހިތުހުރި ގޮތަކަށް ކުރާން އޮންނަ ކަމެއް ނޫންކަމަށް ރިފްއަތު ވިދާޅުވިއެވެ. ބަންޑާރަ ނައިބް ވިދާޅުވީ މި މައްސަލާގައި ކުރީގެ އެއްވެސް ސަރުކާރަކުން ގޮތެއް ނިންމަން ނުކެރުނު ކަމަށެވެ. އަދި މިކަމުގައި ކުރީގެ ބަންޑާރަ ނައިބުން ވެފައިވާ އިހުމާލު ބޮޑުކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.



More from Naares