ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ބުދަ ދުވަހަށް ތާވަލުކޮށްފި

Sun, 04 Jun 2023 05:08 PM

View on this article on Naares

ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ބުދަ ދުވަހަށް ތާވަލުކޮށްފި


ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް މިހަފްތާގެ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.



ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލަ ޔާމީންގެ ފަރާތުން ކޯޓުގައި އިސްތިއުނާފްކުރީ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލައިގައި ހުރި ބައެއް ކަންކަން އިސްލާހުކުރުމަށް އެންގުމުން، އެކަންކަން އިސްލާހުކުރުމަށްފަހު މިދިޔަމަހުގެ ތެރޭގައި މައްސަލަ ވަނީ އަލުން ހައިކޯޓަށް ހުށަހަޅާފައެވެ. ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ އެކޯޓުގައި ރަޖިސްޓްރީކުރުމަށްފަހު އަޑު އެހުންތައް ތާވަލު ނުކުރާތީ އިދިކޮޅު ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ. ހައިކޯޓުގެ ރަޖިސްޓްރާއާއި ބައްދަލު ކުރެއްވުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިހަފްތާގެ ބުދަ ދުވަހަށް އިސްތިއުނާފުގެ ޝަރީއަތް ތާވަލް ކުރައްވާފައިވާކަމަށް ވިދާޅުވި ކަމަށެވެ.

މިއީ ރައީސް ޔާމީނަށާއި، އެމަނިކުފާނުގެ ސަޕޯޓަރުންނަށްވެސް ލިބިގެންދާ ހިތްހަމަ ޖެހުމެއް ކަމަށާއި، ޝަރީއަތް ފެށި އެމަނިކުފާނު މިނިވަންވެ ވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޝައްކެތް އޮތް ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ފަށާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްވެސް ދަނީ ކުރިއަށެވެ. ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރައްވައެވެ.



More from Naares