ގަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި

Sun, 12 Mar 2023 09:40 AM

View on this article on Naares

ގަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.


ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ވަނީ އެ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، އެކި މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން ރައީސް ފުރަތަމަ ވަޑައިގަތީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ، އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފައެވެ. މި ކޮންފަރެންސްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އާއި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ރައީސް ވަނީ ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔައާ ވެސް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ޖަރުމަނުވިލާތުގެ ލީޑަޝިޕަށް ތައުރީފް ކުރައްވާފައެވެ. އަދި، ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ޓެރިފް ރޭޓް ކަނޑައެޅުމާއި، ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ޖަރުމަނުން އަދާކުރާ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ދަތުރުފުޅުގައި ރާއީސް ވަނީ ބާލިންގައި އޮތް އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ފެއާއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.



More from Naares