ފުއާދުގެ މެސެޖަކަށް ފަހު އޮންލައިން ރީ ރެޖިސްޓްރޭޝަން މެދުކެނޑިއްޖެ

Sun, 17 Sep 2023 02:47 PM

View on this article on Muraasilu

ފުއާދުގެ މެސެޖަކަށް ފަހު އޮންލައިން ރީ ރެޖިސްޓްރޭޝަން މެދުކެނޑިއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމަށް، ކުރިން ވޯޓުލީ ތަން ބަދަލުވާ ނަމަ އެކަން ބަދަލު ކުރުމަށް (ރީރެޖިސްޓްރޭޝަން) ކުރުމަށް ހަމަޖެހިަފއިވާ އޮންލައިން ޕްލެޓުފޯމު ހުއްޓިއްޖެއެވެ. ފޯމު ހުށައަޅައިގެންނާއި އޮންލައިންކޮށްވެސް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ދެވަނަ ބުރުގެ ވޯޓު ލުމަށް ރީރެޖިސްޓްރޭޝަނުގެ ބޭނުން ހިފާފައެވެ. މި ގޮތުން ދެ ދުވަހުގެ ތެރޭގައި 25000 އަށް ވުރެ ފޯމު އިލެކްޝަނަށް ލިބިފައިވާކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އޮންލައިންކޮށް އެދެމުންދާ ފަރާތްތަކެވެ. ގިނަ ބަޔަކު ރީރެޖިސްޓްރޭޝަން ހަދަމުންދާތި އެކަމާ ކަންބޮޑުވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު ވަނީ ނުރުހުންވެ ވާހަކަ ދައްކާފައެވެ. މިއީ ސައްހަ ފޯމުތަކެއްތޯ ބެލުމަށްވެސް އިލެކްޝަން ކޮމިޝަނަށް ގޮވާލާފައެވެ. ރީރެޖިސްޓްރޭޝަނަށް ލިބޭ ތަރުހީބަށް އެމްޑީޕީން ވަނީ މަރުހަބާ ކިޔާފައެވެ. ރިޔާސީ އިންތިހާބގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައި ނުވާތީވެ ދެވަނަ ބުރުގައި ވީހާވެސް ގިނަ ބަޔަކު ވޯޓު ލުމަށް ޝައުގުވެރިވެ އަލުން ރަޖިސްޓްރީ ކުރުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން މި މައްސަލާގައި ވާހަކަ ދެއްކުމުން، އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުވެސް ވަނީ ރީރެޖިސްޓްރޭޝަނުގެ ކަންބޮޑުވުންތައް ހުރިކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފައެވެ. މީގެ ކުރިންވެސް ސަރުކާރާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ފުއާދު ތައުފީގު މީޑިއާތަކަށް އިންޓަވިއު ދެއްވިތާ އިރުކޮޅެއްގެ ތެރޭގައިވަނީ އޮންލައިން ރީރެޖިސްޓްރޭޝަން ހުއްޓި ’ސަރވަ ޑައުން‘ ވެފައެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ނުުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މާލެއިން ބޭރުގަ އުޅޭ ފަރާތްތަކުން ބުނަމުން ދަނީ މިއަދު ހަވީރު ވަގުތު ހަމަވާން ކުޑަތަންވުމުން މިހެން ކަންތައް ކުރާނީ ގަސްތުގައި ކަމަށާއި މިއީ އަނެއްކާވެސް ގިނަ ބަޔަކު ވޯޓުން މަހުރޫމު ކުރުވަން ކުރާ ކަމެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބްރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވަނީ ރީރެޖިސްޓްރޭޝަނުގައި ގޯހެއް އުޅޭކަން ފާހަގަ ނުކުރެވޭ ކަމަށާއި، ރިޖެކު ކޮށްލާފައިވާ ފޯމު ތަކަކީ ބައެއް ކަންކަން ފުރިހަމަ ނުވާ ފޯމު ތަކެއް ކަމަށެވެ.


More from Muraasilu