ސައްހަ ވޯކްޕާމިޓް ނެތް ބިދޭސީން އުފުލާ އުޅަނދުތަކަށް ފިޔަވަޅު އަޅަނީ!

Fri, 09 Jun 2023 12:05 AM

View on this article on Muraasilu

ސައްހަ ވޯކްޕާމިޓް ނެތް ބިދޭސީން އުފުލާ އުޅަނދުތަކަށް ފިޔަވަޅު އަޅަނީ!

މާލެއާއި އަދި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުމަގުން ބިދޭސީން އުފުލާ އުޅަނދުތަކުން، އެ އުޅަނދުތަކުން އުފުލާ ބިދޭސީން އަތުގައި ސައްހަ ވޯކްޕާމިޓު އޮތްތޯ ކަށަވަރު ކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.



އިމިގްރޭޝަނުން އާއްމުކޮށްފައިވާ ދެންނެވުމުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (ސައްހަ ވޯކްޕާމިޓް) ނެތް ބިދޭސީން އުފުލާ އުޅަނދު ތަކަށް ފިޔަވަޅު އެޅުމުގެ ބާރު އެފަރާތަށް ލިބިގެންވާ ކަމަށެވެ. މި ގޮތުން ގަވައިދާ ހިލާފަށް މި ފަދަ އުޅަނދު ތަކުން ބިދޭސީން އުފުލާ ނަމަ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން ގެ ގާނޫނު ނަމްބަރު 76/69 ’ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނު‘ އިން ބާރު ލިބިގެން ހަދާފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރާ ބެހޭ ގަވައިދުގެ 12، 11 ގެ ދަށުން އުޅަނދުގެ ވެރިފަރާތް އަދި އުޅަނދު ދުއްވި ފަރާތް ޖުރިމަނާކޮށް އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ފޮތުގައި ކުރި ކުށް އެންޑޯޒް ކުރެވޭނެ ކަމަށެވެ.

ގަވައިދާ ހިލާފަށް މާލޭގައި އުޅޭ ބިދޭސީން ހޯދައި އެމީހުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މި ގޮތުން ނެގޭ މީހުން ފުރުވާލެވެންދެން ތިބޭނީ ޑިޓެންސަން ސެންޓަރުގައެވެ. މާލޭގެ އިތުރުން މުޅި ރާއްޖޭގައިވެސް މި ފަދަ ބިދޭސީން ހޯދާ އެމީހުންގެ ގައުމުތަކަށް ފޮނުލުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިންވެސް އިމިގްރޭޝަނުންވަނީ ހާމަކޮށްފައެވެ. މި ގޮތުން ސައްހަ ވޯކްޕާމިޓް ނެތް ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް ވަނި އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ.

ސައްހަ ވޯކްޕާމިޓް ނެތް ބިދޭސީން ގިނަ އަދަދަކަށް ރަށްރަށުގައިވެސް އުޅެއެވެ. މިމީހުން މާލެއިން ރަށްރަށަށް އާއްމުކޮށް ދަނީ މުދާ އުފުލާ ބޯޓު ފަހަރުގައެވެ.



More from Muraasilu