މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

Fri, 02 Jun 2023 10:46 PM

View on this article on Muraasilu

މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ހއ. އިހަވަންދޫ އަދި ހދ. ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.



ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދޭ ގޮތުގައި އެ އޮޕަރޭޝަންތަކުގެ ތެރެއިން އިހަވަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭ ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖަންސައް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، 26 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



More from Muraasilu