ބެންކު އޮފް މޯލްޑިވްސް އިން 215 މިލިއަން ރުފިޔާ ހިއްސާދާރުންނަށް

Tue, 30 May 2023 12:20 PM

View on this article on Muraasilu

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާދާރުންނަށް 215 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފިއެވެ.



ބީއެމްއެލްގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ގިނަ އަދަދެއްގެ ޙިއްޞާދާރުން ތަމްސީލްކުރި މި ޖަލްސާ ފަށާފައިވަނީ 20:30 ގައެވެ.

އަހަރީ އާއްމު ޖަލްސާއަށްދިޔައިރު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 40 ރުފިޔާގެ މަގުން 215.2 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައެވެ.

ޤައުމީ ބޭންކަށް 2022 ވަނަ އަހަރު ވަނީ، ހިންގުމުގެ ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައެވެ. ޓެކްސްއަށް ކެނޑުމަށްފަހު ސާފްފައިދާގެ ގޮތުގައި 1.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޤައުމީ ބޭންކްގެ ތާރީހުގައިވެސް ރެކޯޑު އަދަދެކެވެ.

ބީއެމްއެލްގެ 2022 ވަނަ އަހަރުގެ މާލީ އުސްއަލިތަކަށް ބަލާއިރު، ބޭންކަށް ކަސްޓަމަރުން ޖަމާކުރި ފައިސާގެ އަދަދު 29.2 ބިލިއަން ރުފިޔާގައި އުޅޭއިރު، ޖުމްލަ އެސެޓް އުޅެނީ 41.9 ބިލިއަން ރުފިޔާގައެވެ.

ބީއެމްއެލުން މިދިޔަ އަހަރު 16.9 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރި އައު ލޯނުގެ އަދަދު އުޅެނީ، 4.3 ބިލިއަން ރުފިޔާގައެވެ.

ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ.



More from Muraasilu