ނަޝީދު އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

Sat, 20 May 2023 05:09 PM

View on this article on Muraasilu

ނަޝީދު އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ސިޔާސީ ހަރަކާތް، ”ފިކުރެއްގެ ދިރުން“ އިން އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން މިފަހުން އިސްތިއުފާދެއްވި އަފްޝަން ލަތީފު ހަމަޖައްސަން ނިންމައިފިއެވެ.

އަފްޝަން އަކީ ކުރިން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ހުސެން އަމްރުގެ އަނބިކަނބަލުންނެވެ. އެމްޑީޕީގެ ވާދަވެރި ޗެއަރޕަސަން އިންތިހާބުގައި އަފްޝަން މަސައްކަތް ކުރެއްވީ ރައީސް ނަޝިދުގެ ތާއިދު އޮތް އިމްތިޔާޒުގެ ކެމްޕޭނުގައެެވެ. މި އިންތިހާބުން ބަލިވުމުން ނަޝީދު އިސްވެ ހުންނަވާ ފިކުރެއްގެ ދިރުން ނަމުގައި ވަކި ގޮތްޕެއް އުފެއްދުމުގެ މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތުންވެސް އެމްޑީޕީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ނުވުމުން އެންމެ ފަހުން މިދިޔަ ހަފްތާގައި ވަނީ ނަޝީދަށް ތާއިދުކުރާ މަޖްލިސް މެމްބަރުންނާއި ބައެއް އާއްމު މެމްބަރުން އެމްޑީޕީން ވަކިވެފައެވެ.

އާއިލާއަށް ވަގުތު ދިނުމަށާއި އަމިއްލަ ކަންކަން ކުރުމަށް ވަގުތު ހޯދުމަށް ކަމަށް ބުނެ އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާދެއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ފިކުރެއްގެ ދިރުމުން އުފައްދަން މަސައްކަތްކުރަމުންދާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން ހަމަޖައްސަން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ، ފިކުރެއްގެ ދިރުން ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައެވެ.

އަފްޝަން ގެ ފިރިކަލުން ހުސެއިން އަމުރަކީ މި ދުވަސްވަރު އެމްޑީޕީއާއި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް ފަރާތެވެ. އެސްޓީއޯގެ ވެރިއެއްގެ ހައިސިއްޔަތުންވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތް ހަމަނުޖެހި ބައެއް ޕްރޮޖެކްޓުތައް ލަސްކޮށްފައިވާ ކަމުގެ ތުހުމަތުވެސް އެދުވަސްވަރު ބައެއް ފަރާތްތަކުން އަމުރުގެ މައްޗަށް ކޮށްފައިވެއެވެ.

އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙާމެދު ހިތްހަމަނުޖެހި، ރައީސް ނަޝީދު ފެއްޓެވި ސިޔާސީ ހަރަކާތް ”ފިކުރެއްގެ ދިރުން“ އިން އެންމެ ފުރަތަމަ މަސައްކަތްކުރީ އެމްޑީޕީގެ ތެރޭގައި ވަކި ގޮތްޕެއްގެ ގޮތުގައި ސިޔާސީ ހަރަކާތް ހިންގުމަށެވެ. އެހެންނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެކަމަށް ރައީސް ޞާލިޙާއި، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެއްވެސް ފިޔަވަޅެއް ނަޝީދާ ދެކޮޅަށް މިހާތަނަށް އެމްޑީޕީން އަޅާފައިނުވެއެވެ. ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.


More from Muraasilu