“މަޖީދީ ދަންމަރު” ގެ ނަމުގައި ޚާއްޞަ މިއުޒިކް ޝޯއެއް ބާއްވަނީ

Thu, 18 Jul 2024 04:53 PM

View on this article on MUNIAVAS

“މަޖީދީ ދަންމަރު” ގެ ނަމުގައި ޚާއްޞަ މިއުޒިކް ޝޯއެއް ބާއްވަނީ

“މަޖީދީ ދަންމަރު”ގެ ނަމުގައި މަޖީދިއްޔާ ސްކޫލުގެ މުސްކުޅިދަރިވަރުންގެ ތެރެއިން މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ބޭފުޅުންކޮޅެއް އިސްނަގައިގެން ޚާއްޞަ މިއުޒިކް ޝޯއެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ. މި ޚާއްޞަ މިއުޒިކް ޝޯ ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މި މި ޖުލައި މަހުގެ 24 ވަނަ ދުވަހުގެރޭ 9:00 ގައި މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން މާލަމުގައެވެ.



“މަޖީދީ ދަންމަރު” މިއުޒިކް ޝޯއަކީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް، 1000 ދުވަހުގެ ކައުންޓްޑައުން މި ޖުލައިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ބާއްވާ މިއުޒިކް ޝޯއެކެވެ.

މި ޚާއްޞަ ޝޯގައި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ މިއުޒިކީ މައިދާނުގައި މަޝްހޫރު އެތައް ފަންނާނުންނެއްގެ މިއުޒިކީ ހުނަރުވެރިކަން ފެނިގެންދާނެއެވެ. އެކުގައި މިއުޒިކު ކުޅެފައިވާ އެތައް ފަންނުވެރިންނެއް ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން މި ޝޯއިން ފެނިގެންދާނެއެވެ. ކުރީގެ ހަނދާންތައް އާވެގެންދާނެ އެތައް ލަވަޔަކާއި މިއުޒިކީ ހުނަރުވެރިކަން ފެނިގެންދާނެ ކަމަށް ޝޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މި ޝޯވގައި ފެނިގެންދާނެ ބޭފުޅުންގެ ތެރޭގައި މައިޒާން ޢަލީ މަނިކް، ޢަބްދުއްރަޝީދު ޢަލީ (އަބްސީ)، ޕެނަމާ ޝަފީޤް، ޝަމްޢޫން ޙަމީދު، އިބްރާހީމް ޢާމިރު، ފަޔާޒް މަންޞޫރު، މުޙައްމަދު ސުހައިލ،ް ޢަބްދުالله ޝަމާލް، އަޙްމަދު އަނިލް، އަޙްމަދު ޢާމިރު، އަޙްމަދު ސުނިލް، އަޙްމަދު ޢާތިފް (އެކްސްރޭ އާތިފް)، މަބާޙް، އަޙްމަދު އިބްރާހީމް (އައްމަޑޭ)ގެ އިތުރުންވެސް އެތައް ފަންނާނުންނެއް ފެނިގެންދާނެ އެވެ.

އެހާރާއި މިހާރުގެ ލަވަތަކުން ފަޅުފިލުވައިދޭނެ މިޝޯވގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. ޓިކެޓްގެ އަގު ތަކަކީ 300 ރުފިޔާ، 200 ރުފިޔާ، އަދި 150 ރުފިޔާ އެވެ. މި ޝޯގެ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކަށެވެ.

ޓިކެޓް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނީ އަމީރު އަޙްމަދު މަގަށް ވާގޮތަށް ހުންނަ މަޖީދިއްޔާގެ ގޭޓް ނަންބަރ 4 އިންނެވެ. ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން 12:00 އަށް، ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ޓިކެޓް ހޮޓްލައިން ނަންބަރަކީ 7355788 އެވެ.

@muniavas Maajeedhi Dhanmaru #majeediyyaschool #100years #alumni ♬ original sound MUNIAVAS



More from MUNIAVAS