ވޭވަށު ޅަފުތުބޭ ލޯތްބައްޓަކައި ވީ ޤުރުބާން!

Fri, 03 May 2024 06:13 PM

View on this article on MUNIAVAS

ވޭވަށު ޅަފުތުބޭ ލޯތްބައްޓަކައި ވީ ޤުރުބާން!

މިއީ ސިއްރެކެވެ. މިވާހަކަ މުޙައްމަދު މުޞްޠަފާ އަށް ކިޔައި ނުދެއްޗެވެ. ޅަފުތުބޭގެ ރެކޯޑު މުގުރާލި މީހަކު އަދި މިރާއްޖެ އަކުން ނުފެނެއެވެ.



މުސްތަފާގެ ކާފަ މަރުހޫމް ޅަފުތުބެއަކީ އޭނާގެ ލޯބިވެރިޔާ ދެކިލުމަށްޓަކައި ވޭވަށުން ރަތްމަންދުވަށް 18 ކިލޯމީޓަރު ދުރަށް ހިނގާފައި ގޮސް ހެދި މީހެކެވެ. އެއިރު ފައިވާނެއް ނުހުރެއެވެ. ފައިވާން ހުއްޓަސް ހަލާކުވެދާނެތީ ގޮސް ހަދަނީ ހުސްފައިގައި ތޮށިމަތީ ތޫނު ގާތައް މަތީ ހިގާފައެވެ. އަހުރެމެން ކުޑައިރު މަސްހިފަން ތޮށިމަތީ ދުވެހެދީ ވެސް ހަމަ އެބީދައިންނެވެ.

އަހުރެން ޒުވާން އުމުރަށް އެޅުނު އިރު އޭނާއަކީ މުސްކުޅި އުމުރު މީހެކެވެ. އޭނާ އަކީ ހިތްވަރުގަދަ އަޒުމް ވަރުގަދަ ކެރޭ ގޮތްދޫނުކުރާ މީހެކެވެ.

އޭނާ ލޯބިވެރިޔާއާ ބައްދަލުވެ ހަދަން ވީ ޤުރުބާނީ އަހުރެންނަށް ކިޔައިދިނީ ވަރަށް ފޯރިޔާ އެކު އުފާވެރިކަމުގެ އިހުސާސްތަކެއް ހިތުގެ އަޑިންނެރެ، ލޯބިން ލިބުނު ލައްޒަތުގެ ހަނދާނުން ދިރިހުރި އިންސާނެއްކަން ހާމަކޮށްދެމުންނެވެ.

ޅަފަތުބެގެ ޒުވާން އުމުރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯއެއް

ދުވަސްވަރަކީ ހައްޖަށް ދިވަރު ހިކޭ ދުވަސްވަރު ކަމުން ދިޔަވަރު ހިކި މޭދަށުފެނަށް ދިޔަވަރު ވުމުން އޭނާ ހިގައިގަން ނަނީ ގެޔާދިމާ އިރުވައި ފަރާތުންނެވެ. ތޮށިދަށަށް އެރޭއިރު ހުންނާނީ ކަކޫތާފެނަށް ވުރެ މައްޗަށެވެ. އެއްގާ މަތިން އަނެއް ތޮށިމަތިން ގަޑިއެއްހާއިރު ހިނގާލާއިރު ފެންގަޑު ހިނދި ކަކުލަށް ވުރެ ތިރިވުމުން ސްޕީޑު އަވަސްވެ ހިތްތެޅެން ފަށައެވެ. އިހަށް ވުރެ ބާރަށް ތަބިކަށްޓަށް ބާރުލާފައި ދުއްވައި ގަނެއެވެ. މުޅިި ހިތް އުފަލުން ފޮޅި ލޯބީގެ ލަވަތައް ދޫމައްޗަށް ވެރިވާން ފަށައެވެ. ރޭގަނޑު މެންދަމު، ބައެއްފަހަރު ކަޅުއަނދިރީގައި ވިޔަސް އޭނާގެ ހިތްވަނީ ދިއްލި އުޖާލާ ވެފައެވެ.

މިހެން ހަތަރު ގަޑިއިރެއްހާ އިރު ހިނގާއިރު އޭނާގެ މަންޒިލަށް ދެވިދާނެއެވެ.

ޅަފޮއިމަތި ނަމަ މާއަވަހަށް ދެވިދާނެތީ ބައެއް ރޭރޭ މަޑިފުށްޓަށް އަރައި ވަލުތެރޭ ބޮނދައި އޮންނަން ވެސްޖެހެއެވެ.

އެގޮތަކުން މިގޮތުން ވަގުވަގަށް އޭނާގެ ލޯބިވެރިޔާ ގޭތެރެއިން ދަމާނެރެއެވެ. އެ އިރަކީ ފުޅިބައްތީގެ އަލިކަން ނޫން އެހެން އެއްޗެއް ހުންނަ އިރެއްނޫނެވެ. އެ އިރު އަދި ފިތާބައްތި (ޓޯޗު) އެއްވެސް ތައާރަފެއް ނުވެއެވެ.

ޅަފަތުބެގެ ފަރުހުރަސްކޮށް ކުރާ ދަތުރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯއެއް

އޭނާ ބުނާގޮތުން ލޯބިވެރިޔާއާ ބައްދަލުވުމުން ހިތަށް ލިބޭ އުފާވެރިކަން ލިބިފައިވާ ޖިސްމާނީ ވޭތަކަށް ވުރެ އެތައް ހާސް ގުނަ އިތުރެވެ.

ފައިގެ އެތަން މިތަން ޒަޚަމްވެ ލޭކޮށާލައި އެޅިފައިވާ ޅިޔަތަކުން ލޭމަނާނުވެ ހުންނަ ކަމުގެ އިހުސާސް ވަނީ އެނބުރި ދާން ޖެހޭ ހިނދުގައި އެކަންޏެވެ.

ކޮންމެ އަކަސް މިހެން ލޯބިވެރިޔާ އެކު އޭނާއަށް ލިބެނީ ދެ ގަޑިއެއްހާ އިރެވެ.

ދިޔަވަރަށް ބަލައި އެނބުރި ދާން ޖެހެއެވެ. އެއީ ވަކިވަރަކަށް ދިޔަވަރު ބޮޑުވުން ވޭވަށާ ރަތްމަންދުއާ ދޭތެރޭ އިސްކޮޅުނުކާ ހިސާބުތަކެއް ހުންނާތީ އެވެ.

އެ އިރު އާންމުކޮށް މީހުން މިދޭތެރޭ ދަތުރުކޮށް ހަދަނީ ރިޔަލު އޮޑިފަހަރުގައި ނޫނީ ކަނދުފަތީގައި ކަނބާފައެވެ.

ޅަފުތުބޭ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން މީހެއްގެ ކަނދުފައްޗެއް ވަގަށް ނެގި ހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް ކަހަނބަށް ކެނބުމުގެ ނަމުގައި ބައެއް ރޭރޭ ރަތްމަންދުވަށް ކަނދުފަތީގައި ދިޔަކަމަށް ވެއެވެ.

އަހުރެން ހޭލައިގެން އިރު އެގޭގައި ކަނދުފައްޗެއް އޮވެއެވެ. އޭގައި އަހުރެންވެސް މަސްބާނަން ގޮސްހެދީމެވެ. އެ އިރު ކަނދުފައްޗެއް އޮތުމަކީވެސް ލައްކަ ބޮޑުވަރެކެވެ.
ކޮންމެ އަކަސް ލޯތްބަކީ ބާރުގަދަ ހަތިޔާރެކެވެ. ގޮތް ނޭނގޭ ކަރަންޓެކެވެ.

ލޯބިވުން އެއީ ފަސޭހަކަމެކެވެ. އުދަނގޫ ކަމަކީ އިހުސާންތެރިކަމާއެކު ލޯބި ދަމަހައްްޓައި އެލޯތްބަށް އޯގާތެރިކަމުގެ ފެންދީ ބެލެހެއްޓުމެވެ.

އެޓިޓަރުގެ ނޯޓް:

މި ލިޔުން ޝާއިޢުމިކޮށްލީ އެއްވެސް މީހަކަށް ކުޑައިމީސްކަމެއް ރައްދުކުމަކަށް ނޫނެވެ. ރަތްމަންދޫގައި ހިނގާފައިވާ ކަމެއް ކަމަށް ލިޔުންތެރިޔާ ބުނެފައިވުމާއި، މި ދުވަސްވަރު މި ރާއްޖޭގައި މިފަދަ ކަމެއް ހިނގައިގެން އުޅޭތީ މިފަދަ ލިޔުމެއް ލިޔުންތެރިޔާ ހިއްސާކޮށްލުމުން، މުނިއަވަސް މެދުވެރިކޮށް ގެނެސްދިނުމަށް ނިންމީ އެވެ.

ބޭނުންކޮށްފައިވާ ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯތަކެކެވެ.



More from MUNIAVAS