އޭނާ – ފަންސަވީސްވަނަ ބައި

Fri, 19 Apr 2024 01:08 AM

View on this article on MUNIAVAS

އޭނާ – ފަންސަވީސްވަނަ ބައި

ދަނީންގެ ކިބައިން ފެންނަމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ނާއުންމީދުގެ ކުލަވަރެވެ. ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން ދަނީން ވާހަކަތައް ނިންމާލިއެވެ.



މަރިޔަންދީ ވާހަކަ ދައްކަން ފެށީ އިރުކޮޅެއް ފަހުންނެވެ. ދަނީނަށް ވަނީ ވަރަށްބޮޑު ގޯހެއް ހެދިފައެވެ. އަދުލީ ކަމަށް ހީކޮށް އެހެން މަޚުލޫޤަކާއި ގާތްވެވިފައެވެ. އެގުޅުން އިން ފަހަނަ އަޅައި ގޮސްފައެވެ. ދަނީނަށް ލިބުނީ ދަނީނާއި ނާއިދުގެ ދަރިއެއް ނޫނެވެ. ޙަޤީޤަތް ގަބޫލު ކުރަން ޖެހެއެވެ. ދަރިފުޅު ނުފެނުނީ އެހެންވެއެވެ. ދަރިފުޅުގެ ބައްޕަގެ ޢާއިލާ ކައިރީ ދަރިފުޅު ހުންނާނެއެވެ. ދެން އޮތީ އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމެވެ. އެކަން ވާނެއެވެ. ރައިހާނާ އެދުނު ފަދައިން ދަނީނަށް އެހީތެރިވުމަށް މަރިޔަންދީ ހުރީ ތައްޔާރަށެވެ. ބޭނުންވަނީ ދަނީންގެ ހިތްވަރާއި ކެރުމެވެ. ބުނާގޮތަށް އުޅުން ބަދަލުކުރުމާއި ބުނާ ކަންކަން ބަރާބަރަށް ފުރިހަމަ ކުރުމެވެ. ހިތްވަރާއިއެކު ނުކުމެ ދިރިއުޅުން އާރާސްތުކުރުމަށް މަސައްކަތް ކުރުމެވެ. މާޒީ ފޮހެލައި މުސްތަޤުބަލު އުޖާލާ ކުރުމަށް ހިތްވަރު ކުރުމެވެ.

މަރިޔަންދީ ބުނިފަދައިން ކަންކަން ކުރުމަށް ދަނީން އެއްބަސްވިއެވެ.

މަރިޔަންދީ ބަލައި ޝަމާއިލްމެން އައީ ހައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ޝަމާއިލާއި ސަމްރާގެ ކިބައިން ދަނީން މަޢާފަށް އެދުނެވެ. އޭނާއާމެދު އެއްވެސް ހިތްބަރުކަމެއް ނުބޭއްވުމަށްއެދި އާދޭސް ކުރިއެވެ.

” އަހަރެމެންގެ ހިތުގައި ދަނީންއާމެދު އެއްވެސް ހިތްބަރުކަމެއް ނެތް. އިރާދަ ކުރެއްވިއްޔާ ތިޔަ ނުރައްކަލުން ދަނީން ސަލާމަތް ވާނެ. އަހަރުމެން ދަނީން ދޫކޮށެއް ނުލާނަން. ” ދަނީނަށް ބަލާލަމުން ސަމްރާ ހިނިތުންވެލިއެވެ. ސަމްރާގެ ވާހަކަތަކަށް އާނއެކޭ ބުނަމުން ޝަމާއިލް ވެސް ހީލިއެވެ. ދަނީންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަ ފޮހެލައި ސަމްރާ ހިތްވަރު ދިނެވެ.

ދަނީންގެ ފަރުވާގެ މަސައްކަތް ފެށީ ތިން ދުވަސްފަހުންނެވެ.

ކާމިޔާބުގެ ކުލަވަރު މަޑުމަޑުން ފެނުނު ނަމަވެސް ފަސޭހައެއް ނުވިއެވެ. އެކަން ވާނީ އެހެންކަން މަރިޔަންދީއަށް އެނގެއެވެ. އޭނާ ހުރީ އެ ހުރިހާކަމަކަށް ވިސްނައި ތައްޔާރު ވެގެންނެވެ.

ދެލޮލުން އޮހޮރެމުންދިޔަ ކަރުތައް ފޮހެލަމުން ސިޔާއާ ދިމާއަށް ދަނީން ބަލާލިއެވެ. މާޔޫސްކަމާއި ހިތްދަތިކަމުން ފުރިގެންވީ އެ ބަލައިލުން ސިޔާގެ ހިތަށް ތަދުކުރިއެވެ. މަޑުމަޑުން ތެދުވެގެން އައިސް ދަނީންގެ ބޮލުގައި ފިރުމައިލިއެވެ. ހިތްވަރާއި ނަސޭހަތް ދިނެވެ.

” ގަބޫލުކުރަން ދަތިވިޔަސް މިއީ ޙަޤީޤަތް. ” ދަނީން ބަލައިލީ ސިޔާގެ މޫނަށެވެ.

ސިޔާގެ މަސައްކަތް ނިމުނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މަސައްކަތް ނިމުމާއިއެކު ސިޔާ ބޭނުންވީ މާލެ ދާށެވެ. އިތުރަށް އެންމެ ދުވަހަކު ވެސް މަޑުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

ދުވަސްވަރަކީ ހަނދުފޮއި މޫސުމްގެ އެންމެ ހިތްގައިމު ދުވަސްވަރެވެ. ކަނޑު މަޑުވެފައި ވައިވެސް މަޑެވެ. މިއަހަރު ތެރޭގައި ވެސް މޫސުމް މިއަށްވުރެ ރީތި ދުވަސްވަރެއް ނާދެއެވެ.

ކަނޑު ދަތުރެއް ކޮށްލަން މިއަށްވުރެ ހިތްގައިމު ދުވަސްވަރެއް ނުލިބޭނެކަމަށް އަޒްފާ އާއި ފަވާޒު ދެއްކި ވާހަކަ ސިޔާއަށް ގަބޫލު ކުރެވުނެވެ. އެހިތްގައިމުކަމާއި އުފާވެރިކަން ތަޖުރިބާކޮށްލާ ހިތް ވިއެވެ.

ދަތުރުކުރަން ބޭނުންވާ ގޮތް ފަރުސާންގާތު ސިޔާ ބުންޏެވެ. އެގޮތް ބޭނުންވަނީ ކީއްވެގެންކަން ވެސް ބުންޏެވެ.

ފަރުސާންމެން ޖާގަހޯދި ބޯޓު ފުރަން ހަމަޖެހިފައިއޮތީ ރޭގަނޑު ދިހައެއް ޖަހާއިރުއެވެ. އެބޯޓުން އެތައް ބަޔަކު މާލެ ދެއެވެ. އެތައް މުދަލެއް ގެންދެއެވެ. ބަނދަރު ސަރަހައްދަށް ޖަމާވާ މީހުން ފަހަރަކަށްވުރެ ފަހަރެއް ގިނަވަމުން ދިޔައެވެ.

ސިޔާމެން ފުރުވުމަށްޓަކައި އަޒްފާ އާއި ފަވާޒު ބަނދަރަށް ނުކުތެވެ. ހަތަރު މީހުންގެ މެދުގައި އެތައް ވާހަކައެއް ދެކެވުނެވެ.

އޭނާ އެދުނު އެދުމަށް އިޖާބަދީ ސިޔާއަށް އެހީތެރި ވެދިނީތީ އަޒްފާގެ ދެމަފިރިންނަށް ފަރުސާން ޝުކުރުއަދާކުރިއެވެ. އެކަން އެހާ ފަސޭހައިން ކާމިޔާބުވީ އަޒްފާމެންގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބުމުންކަން އޭނާ ހަނދާންނައްތައެއް ނުލައެވެ.

” ވަރަށްބޮޑަށް ޝުކުރިއްޔާ! …. މާލެ ގޮސްފިއްޔާ ހަނދާންކޮށް ގުޅާތި. ” އަޒްފާއާ ސަލާންކޮށްލަމުން ފަވާޒަށް ބަލާލި ސިޔާގެ ކިބައިން ފެނުނީ ކާމިޔާބުގެ ހިތްހަމަ ޖެހުމެވެ. ލިބުނު އެހީތެރިކަމާއި އެއްބާރުލުން އުފަލާއިއެކު ބަލައިގަންނަ މަންޒަރެވެ.

” މާލެ ދާން ރާވާ ހިސާބުން އަންގާނަން …. ފޯނަށް ޖަވާބު ނުދީފިއްޔާ ފަރޭއަށް ގުޅާނަން. ހަބަރެއް ނުވެއްޖެއްޔާ ގޭ ދޮށަށް ގޮސް އުނދަގޫ ވެސް ކުރާނަން. އެވަރު ރަނގަޅެއްނު. ” ސިޔާގެ ގައިގާ އަޒްފާ ބައްދާލިއެވެ. ބާއްޖަވެރި އަމާން އޮމާން ދަތުރަކަށް އެދެމުން ބުރަކަށީގައި ފިރުމާލިއެވެ.

” މާ ގިނަ ދުވަހު ތިހެން ހުންނަން ވެއްޖެއްޔާ ވަގުތު ފާއިތު ވެދާނެ. އަވަހަށް ކައިވެނި ކުރޭ. ހަނީމޫނަށް އަންނަންވާނީ މިކޮޅަށް. ” ފަވާޒު ވާހަކަދެއްކީ ފަރުސާނާއި އެވެ. ފުރުސަތު ފަހިވެފައި އޮތްކަން ހާމަކުރަމުން ރަނގަޅު ނަސޭހަތެއް ދިނެވެ.

” އާން. ތިއީ ވަރަށް ސަޅިގޮތެއް. ” ފަރުސާން ހިނިތުންވެލިއެވެ.

ރަށު ބަނދަރުން ބޯޓު ނުކުތުމާއިއެކު ދަތުރުވެރިންތައް އޮށޯންނަން ފެށިއެވެ. ދަތުރުވެރިން ތިބުމަށް އެކިފެންވަރުން ޖާގަ ހަމަޖައްސާފައި ހުއްޓެވެ. ޕްރައިވެޓް ކޮޓަރި އާއި ޢާއިލީ ކޮޓަރިއެވެ. އާދައިގެ މީހުނަށް ތިބެވޭނެހެން ތައްޔާރުކޮށްފައިވާ ބޮޑު ޖާގައެކެވެ. ކޮންމެތަނެއް ވަނީ އެއަރކޯންކޮށް ގޮދަޑި އާއި ބާލީސް ބަހައްޓާފައެވެ. ކޮންމެ މީހަކަށް ވަކިން ޖާގައެއް ހަމަޖައްސައި ނަންބަރު ޖަހާފައި ހުއްޓެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެހެން ހަދާފައިވާ ދެބައި ހުއްޓެވެ.

ހަނދުވަރުގެ އަލިން ކަނޑުމަތި އެއްކޮށް ވަނީ އަލިވެ އުޖާލާ ވެފައެވެ. ރާޅުގެ އަސަރު އެއްވެސް ވަރަކަށް ނެތެވެ. ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ބައެއް ދަތުރުވެރިން ނިދާލުމަށް އިސްކަން ދިންއިރު ބައެއް ދަތުރުވެރިން ނުކުތީ ބޯޓުގެ ސަންޑެގަށެވެ. ދީފައިވާ ނަލަނަލަ ހަނދުވަރުގެ ސަބަބުން އެތަން ވަރަށް ޗާލެވެ. ގޮނޑި އާއި މޭޒު ބަހައްޓައި ކޮފީ ބޮވޭނެހެން އެތަން ވަނީ ތައްޔާރުކޮށްފައެވެ. ކޮފީޝޮޕެއް ކަހަލައެވެ.

ސިޔާ އާއި ފަރުސާން ޑެގަށް ނުކުތްއިރު ވިއްސަކަށް މީހުން އެތަނުގައި ތިއްބެވެ. އެއްބަޔަކު ކޮފީ ބޮނީއެވެ. އަނެއް ބަޔަކު ކޮންމެވެސް ވާހަކައެއްގަ ޖެހިފައި ތިބީ އެވެ. ވަކިވަކިން ދުރުދުރުގައި ދެތިން ޖޯޑެއް ތިއްބެވެ.

” ބާއި … އަންނަނީ. ކޮފީ ބޮނީ. ” ފަރުސާންމެން ޑެގަށް ނުކުތުމާއިއެކު އެތަނުގައި ހުރި ބޭރުމީހާ ގޮވާލިއެވެ. ހީވާގޮތުން އެއީ އެތަނާއި ހަވާލުވެ ހުރި މީހާއެވެ.

ދެތަށި ކޮފީ ހިފައިގެން ފަރުސާނާއި ސިޔާ ގޮސް އިށީނީ ވަކިން ހުރި މޭޒެއްގައެވެ. އެތަނުގައި އިށީންދެލައިގެން ތިބިއިރު ބޯޓުގެ ކުރީކޮޅުން ޑެގުގެ ބަޔަކާއިއެކު ވަރަށް ރީތިކޮށް ކަނޑު ފެންނަން އޮތެވެ. އެތަނުގައި ބަޔަކު އުޅޭނަމަ ކުރާ ހުރިހާ ހަރަކާތަކާއިއެކު ވަރަށް ސާފުކޮށް ފެންނާން އެވެ.

” ހާދަ ހިތްގައިމު ރެއެކޭ …. ސިޔާއާއެކު ދަތުރެއް ކޮށްލަން މިއަށްވުރެ ހިތްގައިމު ރެއެއް ނުލިބޭނެކަން ޔަގީން. ” ސިޔާގެ މޫނަށް ބަލަހައްޓައިގެން އިން ފަރުސާން ބުނެލިއެވެ.

” އާން. ވަރަށް ރީތި ރެއެއް. ހިތްގައިމު ދަތުރެއް. ދުވަހަކު ހަނދާން ނުނެތޭނެ. ހިދުމަތްތައް އެހާމެ ފުރިހަމަ. އަދި ވާނެ މިކޮޅަށް އަންނަން. ” ފަރުސާންގެ ވާހަކައިގަ ސިޔާ ބައިވެރިވިއެވެ. ފަރުސާނާއިއެކު އެފަދަ ދަތުރެއް ކޮށްލެވޭތީ ސިޔާއަށް ލިބިފައިވާ އުފަލާއި ހިތްހަމަ ޖެހުން އޭނާގެ ކިބައިން ފާޅުވާން ހުއްޓެވެ.

ކުރީކޮޅު ޑެގަށް ނުކުތް ޒުވާން ފިރިހެނާ ސިޔާއަށް ފެނުނީ ކުއްލިއަކަށެވެ. އޭނާ ހުރީ ސިޔާއަށް ބަލަހައްޓައިގެންނެވެ. ސިޔާ ބަލާލުމާއިއެކު އަތުން ހަނާއަޅާލިއެވެ. އަތްތިލައަށް ދޮނެއް ދިނުމަށްފަހު އަތުގެ އިޝާރާތުން ސިޔާއަށް ފޮނުވާލިއެވެ. އިށީންދެއިން ތަނުގެ ސަބަބުން އެއިން އެއްވެސް މަންޒަރެއް ފަރުސާނަކަށް ނުފެނެއެވެ.
ނުނިމޭ

 



More from MUNIAVAS