އޭނާ – ބާވީސްވަނަ ބައި

Tue, 09 Apr 2024 03:27 AM

View on this article on MUNIAVAS

އޭނާ – ބާވީސްވަނަ ބައި

މައްސަލަ ހޫނުވިއެވެ. ނާއިދުގެ ވާހަކަތައް ދަނީން ގަބޫލުނުކުރުމުން އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ދަނީނަށް ދަނީންގެ ހާލަތު ނުވިސްނޭކަމަށް އެތައް ފަހަރަކު ބުންޏެވެ. ކެޔޮގަސްތަކުތެރެއިން ފެނުނު ވާހަކަ އާއި އޭރު ހުރި ހާލަތުގެ ވާހަކަ ވެސް ދެއްކިއެވެ. އެއީ ޙަޤީޤަތް ކަމަށް ނުވަންޏާއި ދަނީން މަކަރުހަދަނީ ކަމަށް ވެސް ބުންޏެވެ. އޮޅުވާލަން ނޫޅުމަށާއި އެކުގައި އުޅެން ބޭނުން ނުވަންޏާ އެހެން ބުނުމަށް ވެސް ބުންޏެވެ.



ނާއިދުގެ ވާހަކަތައް ދަނީނަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ކުށްވެރިކުރީ ނާއިދެވެ. އޭނާ ބަނޑުބޮޑުވުމުން ނާއިދަށް އޭނާ މިހާރު ކަމުނުދަނީއެވެ. ޒުވާންކަން ގެއްލި މުސްކުޅިވީއެވެ. ޅަކުއްޖެއް ހޯދަންވީއެވެ. އޭނާގެ ބޮލުގައި ކަމެއް އަޅުވަން ބޭނުންވަނީ އެވެ. ފާޑުފާޑުގެ ތަވީދާއި އެއްޗިސް ހަދައިގެން ގެނެސް އަޅުވަނީއެވެ. މަކަރުހަދައި އޮޅުވާލަނީއެވެ.

ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. އެކަކު ވެސް އަނެކަކަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އަނެކާ ކުށްވެރިކޮށް ތިމާ ދިފާއުވުމަށް ކުރަމުންދިޔަ މަސައްކަތް ދެމީހުން ވެސް އިތުރުކުރިއެވެ.

ރައިހާނާއަށް ފެނުނީ ދަނީން އައިސް ގެއަށް ވަތްތަނެވެ. ދަނީން ދިޔަގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ރައިހާނާ ދެއްކި ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ހަރަކާތްތަކުން ފެންނަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމެވެ. ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

ދަނީން ނުކުމެގެން ދިޔަތަން އައިމިނައަށް ފެނުނު ނަމަވެސް އެއްޗެކޭ ނުބުނެއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ތެރެއަށް ވަނުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ދަރިންނަށް ރަނގަޅުމަގު ދައްކައިދިނުމަކީ މައިންބަފައިން ވާޖިބެވެ. އެއީ ދަރިފުޅު ކުރާ ކޮންމެ ކަމަކާއި ބެހުމެއް ނޫނެވެ. އެކަމުގެ ތެރެއަށް އައިމިނަ ވަންނަން ޖެހިއްޖެނަމަ އެކަން އޭނާ ކުރާނެއެވެ.

ކަމެއް ގޯސްވެއްޖެކަން ރައިހާނާއަށް ޔަގީންވިއެވެ. އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ރައިހާނާ ބޭނުންވި ނަމަވެސް ދަނީން ބޭނުމެއް ނުވިއެވެ.

ވަގުތުގެ ދައުރުވުން މެންދަމާއި ދިމާއަށް ދަތުރުކުރަމުން ދިޔައެވެ. ރަށުތެރެއިން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން ފަހަރަކަށްވުރެ ފަހަރެއް ދިޔައީ އިތުރުވަމުންނެވެ. މަގެއް މަތިން މީހަކު ނުފެނެއެވެ.

ނާއިދަށް ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. މީހަކު ކަރުގައި ހިފައި ނޭވާ ހާސްކޮށްލި ކަހަލައެވެ. ފުންމައިގެން ކަހަލަގޮތަކަށް ތެދުވެ ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ނެތެވެ. ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން އެނދުގައި އިށީން ވަގުތު މޫނުމަތީގައި ޖެހިއެވެ. މީހަކު ފެންނަން ނެތް ނަމަވެސް އެތަނުގައި މީހަކު އެބައުޅެއެވެ. ނޭވާލާ އަޑާއި ހަރަކާތްކުރާއަޑު ކަހަލަ އަޑުތައް ބައެއް ފަހަރު މަޑުމަޑުން އިވެއެވެ.

ހާސްވެ ނުތަނަވަސްވާގޮތް ވީ ނަމަވެސް ނާއިދު މަސައްކަތްކުރީ ހަމަޖެހޭށެވެ. ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ޙަޤީޤަތް ހޯދޭތޯ ބަލާށެވެ. ކުއްލިއަކަށް ކަރުގައި ހިފުމާއިއެކު ބާރުކޮށްލިއެވެ. ސަލާމަތްވާން މަސައްކަތްކުރި ނާއިދަށް އެންމެ ފުރުސަތެއް ވެސް ނުލިބުނެވެ. ކަރުގައި ހިފާފައިވާ އަތް ނައްޓާލާނެ ފުރުސަތެއް ނުލިބުނެވެ. ސަލާމަތަށް އެދި ހަޅޭލަވައިގަނެވޭނެގޮތެއް ވެސް ނުވިއެވެ.

ސަލަމާތް ވެވޭތޯ މަސައްކަތް ކުރަމުންދިޔަ ނާއިދުގެ އަނގައާއި ނޭފަތުން ލޭ ފައިބާން ފެށިއެވެ. ނޭވާ ބެދި ހަރަކާތް ހުއްޓުނީ ވެސް އެވަގުތުއެވެ.

އަރައިގެން އައި އިރާއިއެކު މަގުތަކަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. ދަރިވަރުންނާއި މުދައްރިސުންނެވެ. މުއައްޒަފުންނާއި ބެލެނިވެރިންނެވެ. ހީވާގި މަސައްކަތްތެރިންނާއި ސާފުތާހިރުކަމަށް ލޯބިކުރާ ކަނބަލުންނެވެ. އެމީހެއްގެ ވާޖިބާއިގެން އުޅޭނީ އެމީހެކެވެ. ކޮންމެ މީހެއްގެ ވެސް އަމާޒަކީ އޭނާގެ ވާޖިބެވެ. އެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރެވޭތޯ ބެލުމެވެ.

އޮފީހަށްދާ ގަޑިޖެހެން ކައިރިވީއިރު ވެސް ނާއިދު ސައިބޯކަށް ނާދެއެވެ. އައިމިނަ ގޮސް ނާއިދަށް ގޮވިއެވެ.
ދެތިން ފަހަރަކު ގޮވައިގެން ވެސް ނާއިދުގެ ހަބަރެއް ނުވިއެވެ. ކޮޓަރީގައި އުޅޭތޯ ބަލާލަން ތަޅުގައި ހިފިއިރު ކޮޓަރި ހުރީ ތަޅު ނުލައެވެ. އަނބުރާލުމާއިއެކު ދޮރު ހުޅުވިއްޖެއެވެ. ނާއިދު އޮތީ އުއްޑުން ކަހަލަ ގޮތަކަށް އެނދުމަތީގައެވެ. ގޮވާލުމުން އަނގައިން ނުބުންޏެވެ.

އައިމިނަ ކަންބޮޑުވެ ހާސްވިއެވެ. ނާއިދާއި ދިމާއަށް އޭނާއަށް ދެވުނީ ދުވެފައެވެ. ނާއިދު އޮތީ މަރުވެފައެވެ. ނުވަތަ މަރާލާފަ އެވެ. އޭނާގެ އަނގައާއި ނޭފަތުން ލޭ އައިސްފައި ހުއްޓެވެ. ނޫފައިގެންފައިވާ ކަހަލަ އަލާމަތްތަކެއް ކަރުކައިރިން ފެންނަން ހުއްޓެވެ.

ފެނުނު މަންޒަރާއިއެކު އައިމިނަ މޮޔަވި ކަހަލައެވެ. އަޑުގެ ކޮޅަށް ރޮމުން، އެހީއަށް އެދި ގޮވަމުން މަގަށް ނުކުތެވެ.

މަރާލާފައި އޮއްވައި ނާއިދު ފެނުނު ހަބަރު ރަށުތެރެއަށް ފެތުރޭން ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ. ލިބުނު ހަބަރާއިއެކު ގިނަބައެއްގެ މިސްރާބަކަށް ވީ ނާއިދުމެން ގެއެވެ. އެހަށިގަނޑު ހަމަލޮލުން ދެކިލުން ނުވަތަ އެހީތެރިވުމެވެ. ވާޖިބުއޮތީ އެންމެނަށެވެ. ކޮންމެވެސް ބަޔަކު އެކަމާއި އުޅެން ޖެހެއެވެ. ކޮންމެ ބަޔަކު ކުރިޔަސް އެންމެން ސަލާމަތްވެއެވެ.

ނާއިދުގެ މަރުގެ ހަބަރު ލިބުމާއިއެކު ދަނީންގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ. އެވާހަކަތައް އަހާކަށް ގަބޫލުކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެހެން ނުވާނެއޭ ކިޔައި ރޮއިގަތެވެ. ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއް އޭނާއަށް ކުރިމަތިވަނީ ކީއްވެތޯ ސުވާލުކުރިއެވެ. ޝަކުވާކުރިއެވެ.

މަޑުމަޑުން ވަރުދެރަމުން ތިރިވަމުންދިޔަ ދަނީން އެނދުމައްޗަށް ވެއްޓުނީ ހަބަރު ހުސްވެގެންނެވެ.

ކަމާއި ގުޅުންހުރި ފަރާތްތަކަށް ނާއިދުގެ މަރުގެ ހަބަރު ދިނީ ރަށުކައުންސިލުންނެވެ. ރަށުކައުންސިލުން ޢަމަލުކުރަމުން ދިޔައީ ޕޮލިހުން ދެމުންދިޔަ ލަފަޔާއި އެއްގޮތަށެވެ. ނާއިދުއޮތް ކޮޓަރި ތަޅުލައި އެއްވެސް މީހަކަށް ނުވަދެވޭނެހެން ހެދިއެވެ.

އެނދުމަތިކޮށް ފަރުވާ ދެމުންދިޔަ އައިމިނަ އާއި ހަވާލުވީ އޭނާގެ ޢާއިލާގެ މީހުންނެވެ. އެންމެ މިނިޓަކަށް ވެސް ދުރަށް ޖެހި ނުލައި ދަނީން ކައިރީ ރައިހާނާ އިނެވެ. އޭނާގެ ހުރިހާ ވެސް މީހަކީ ދަނީން އެވެ. އޭނާއަށް ލިބޭ ކޮންމެ ދެރައަކީ ރައިހާނާއަށް ލިބޭ ދެރައެކެވެ.

ނާއިދުގެ މަރާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ދިޔައީ ރަށުކައުންސިލްގެ ފަރާތުންނެވެ.

ޕޮލިހުންނާއިއެކު ކަމުގެ މާހިރުންނާއި ޑޮކްޓަރަކު ވެސް އައެވެ. އިސާހިތަކު މަސައްކަތް ފެށިއެވެ. މަރާލާފައިވާ ކަމަށް ބެލެވޭ ނާއިދުގެ ހަށިގަނޑު ބަލައި، ހަދަންޖެހޭ ޓެސްޓްތައް ހެދުމުގެ މަސައްކަތް ޑޮކްޓަރު ފެށިއެވެ. ކަމާއި ގުޅުންހުރި އެހެން ފަރާތްތަކުން އެމީހުންގެ މަސައްކަތާއިގެން އުޅިގަތެވެ. އައިމިނަގެ ބަޔާން ނެގިއެވެ. ދަނީންގެ ފަރާތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދިއެވެ. އެ ގޭގައި ހަރުކޮށްފައިހުރި ކެމެރާތަކާއި ކައިރީތަންތަނުގައި ހުރި ކެމެރާތަކުގެ ރިކޯޑިން ހޯދިއެވެ.

ޑޮކްޓަރީ ތަހުލީލުތަކުން ޔަގީންވި ގޮތުގައި ނާއިދު މަރާލާފައިވަނީ، ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. ކަރުގައި ހިފާފައިވާ ކަމުގެ ނިސާންތައް ފެންނަން ހުއްޓެވެ. ނޭވާ ހާސްވުން ކަހަލަ ކަމެއް ދިމާވެގެން މަރުވެއްޖެނަމަ ފެންނާނެ އަލާމާތްތައް ހަށިގަނޑުން ފެންނަން ހުއްޓެވެ. ސަލާމަތް ވުމަށް މަސައްކަތް ކޮށްފައިވާކަމަށް ގަބޫލުކުރެވޭ ކަންކަން އެނދުމަތިން ވެސް ފެންނަން ހުއްޓެވެ.

ރަށުތެރެއަށް ވެރިވެފައިވަނީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ. މޮޅީގެ ސާލުން ސާލުލައި މުޅިރަށް މިލާ މޯޅިވެފައިވާ ކަހަލައެވެ. ނާއިދުގެ މަރާއި ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ލިބޭތޯ ޕޮލިހުން މަސައްކަތް ކުރަމުން ދިޔައެވެ. އެފަދަ ކުޑަނަމަވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ހިއްސާ ކުރުމަށް އެދެމުން ދިޔައެވެ.

ނާއިދުގެ މަރުގެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމެއްކަން ހާއިރު އެވެ. ރޭގެ އެއްވެސް ވަގުތެއްގައި އެއްވެސް މީހަކު އެގެއަކަށް ނުވަދެއެވެ. އިރާކޮޅު ނުކުމެގެން ދިޔަގޮތަށް ދަނީން ވެސް ނާދެއެވެ. އޭގެފަހުން އެގެއިން ނުކުތް މީހަކީ އައިމިނަ އެވެ. އޭނާ ވެސް ނުކުތީ މިއަދު ހެނދުނު އެވެ.

ނާއިދުގެ މަރާއި ގުޅުންހުރި އެހެން އެއްވެސް މަޢުލޫމާތެއް ޕޮލިހުންނަކަށް ނުހޯދުނެވެ. ބަލަންވީ ވަރަށް ބަލައި ހަދަން ބޭނުންވި ހުރިހާ ޓެސްޓެއް ހެދުމަށްފަހު ނާއިދު ވަޅުލިއެވެ. އެހިސާބުން ޕޮލިހުންގެ މަސައްކަތް ނިމުނީކަމަށް ބައެއް މީހުން ބުނި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ޕޮލިހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރިއެވެ. ރަށުގައި ތިބޭ ޕޮލިހުންގެ އަދަދު އިތުރުކުރިއެވެ.

ނާއިދުގެ މަރާއިއެކު ޖުމޭނާ އާއި ރާފިއުގެ މަރުގެ ވާހަކަތައް ފެންމަތިވިއެވެ. އެ ދެ މަރު ފަދައިން ނާއިދުގެ މަރުގެ ޙަޤީޤަތް ޕޮލިހުންނަކަށް ނުހޯދޭނެއެވެ. ޕޮލިހުންނަކީ އެވަރުގެ ބައެއް ނޫނެވެ. އެމީހުންނަކަށް އެވަރުގެ ކަމެއް ނުކުރެވޭނެއެވެ. އެ ދެ މަރު ފަދައިން ނާއިދުގެ މަރަކީ ވެސް ޖިންނި ސައިތާނުންނާއި ގުޅިފައިވާ މަރެކެވެ. ނާއިދު މަރާލާފައިވާނީ ޖުމޭނާ އާއި ރާފިއު ވެސް މަރާލި މަޚުލޫޤެވެ. އެކަމުގެ އަޑީގައި ކޮންމެވެސް ބޮޑު ސިއްރެއް ވާނެއެވެ.

ސަހަރާއިން ނުކުމެގެން އައި ހާޖީ ދެއްކި ވާހަކަތައް އަޑުއިވިފައި ހާމިޒްގާތަށް ރުޅިއައެވެ. އެއްޗެކޭ ނުބުނެ ކެތެއް ނުވިއެވެ.

” ކަލޭ ތީ ތިހާ މޮޅުމީހެއް ވިއްޔާ އަމިއްލައަށް ގޮސް އެކަން ހޯދަންވީނު. ރަށަށް ދިމާވެފައިވާ ނުރައްކަލުން ރަށް ސަލާމަތް ކޮށްދީ މި ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް ދޭންވީއެއްނު. މަ ވަރުގެ މޮޅުމީހަކު ނެތްކަމަށް ހެދިގެން މޮޅު ވާހަކަދައްކަން ނުހުރެ މަސައްކަތް އަވަސްކޮށްބަލަ. މާދަމާ ނޫންކަމެއް ނޭނގެ އެހެން މީހަކު މަރާލާނީ. ” ހާމިޒްގެ އަޑާއި ހަރާކާތުން ފާޅުވީ ނުރުހުމެވެ.

” ތިއެއްވެސް އެނގޭނީ ފަންޑިތަ ހަދާ މީހާކާއި ވާހަކަ ދެއްކީމައެއްނު. ތިހެން ދިމާވި އެއްވެސް ކަމެއް ޕޮލިހުންނަށް ހޯދުނުތަ؟ ނުހޯދުނެއްނު …. ކަލޭމެންގެ ނުހުންނާނެ ސިކުނޑިއެއް. އަޑުހަރުކޮށް ތަންތަނުގަ ހަޅޭލީމަ ކަލެމޭނަށް އެވީ. ” ހާމިޒަށް ރައްދުދިން ނަމަވެސް ހާޖީ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

ނުނިމޭ

 



More from MUNIAVAS