ހަނދާންނެތޭ ބަލި ހުންނަ މީހުންނަށް މި ފަސް ނިއުޓްރިއެންޓްސް ވަަރަށް މުހިންމު

Thu, 17 Aug 2023 11:39 PM

View on this article on MUNIAVAS

ހަނދާންނެތޭ ބަލި ހުންނަ މީހުންނަށް މި ފަސް ނިއުޓްރިއެންޓްސް ވަަރަށް މުހިންމު

“އަލްޒައިމާ ނުވަތަ ހަނދާންނެތުމުގެ ބަލި ހުންނަ މީހުންގެ ސިކުނޑީގައި މި ފަސް ނިއުޓްރިއެންޓްސް (މާމިން އޮށްޓަރު) ހުންނަ މިންވަރު މަދުވާނެ.

އެއީ ހުރިހައި އުމުރެއްގައިވެސް ސިކުނޑީގެ ހާލަތު ރަނގަޅަށް ބެހެއްޓުމަށްޓަކައި މުހިންމު އެއްޗެއް.”

– ދިރާސާވެރީން

އަލްޒައިމާ ނުވަތަ ހަނދާންނެތުމުގެ ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި މި ފަސް ނިއުޓްރިއެންޓްސް (މާމިން އޮށްޓަރު) ހުންނަ މިންވަރު، އެ ބަލި ނުހުންނަށް މީހުންނަށް ވުރެން ދަށްވާނެ ކަމަށް ދާދިފަހުން އާއްމުކޮށްފައިވާ ދިރާސާ ކަރުދާހެއްގައި ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ވާރޖީނިއާ ޓެކް ކެރޮލިއަން ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރު ސީ. ކެތުލީން ޑޯރޭ އަދި އޭނާގެ ޓީމުން ޝާއިޢުކުރި ‘ދަ ޖާރނަލް އޮފް އަލްޒައިމާސް ޑިޒީޒް’ގަ އެވެ.

މި ދިރާސާކުރުމަށް ދިރާސާވެރީން 31 ޑޯނަރުންގެ ސިކުނޑި ބޭނުންކުރިއެވެ. އެެއީ ނިސްބަތުން 75 އަހަރަށްދާ މީހުންގެ ސިކުނޑިތަކެވެ. ބޭނުންކުރި ހުރިހައި ސިކުނޑިތަކަކީ އަލްޒައިމާ ޖެހިގެން މަރުވެފައިވާ މީހުންގެ ސިކުނޑިތަކެއް ނޫންކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ބަލިޖެހިފައި ނެތް މީހުންގެ ސިކުނޑިތަކާއި ބަލިޖެހިފައިވާ މީހުންގެ ސިކުނޑިތައް އަޅައިކިޔުމުން އެނގުނީ ބަލިޖެހިފައިވާ މީހުންގެ ސިކުނޑީގައި އަންނަނިވި މައިކްރޯނިއުޓްރިއެންޓްސް – ވިޓަމިންތައް އަދި މިނަރަލްތައް ހުންނަ މިންވަރު މަދުކަމަށެވެ.

ލައިކޯޕީން: މިއީ ބާރުގަދަ ވިހަ މާއްދާތައް ނައްތާލާ އެންޓިއޮކްސިޑެންޓެކެވެ. ސެލްތައް ހަލާއްކުވުމުން ރައްކާތެރިކޮށްދިނުމަށް ލައިކޯޕީން އެހީތެރިވެދެއެވެ. ލައިކޯޕީން އަކީ ޓޮމާޓޯ، ކަރާ، ރަތް އޮރެންޖު، ފިޔާތޮށި މޭބިސްކަދުރު، އެޕްރިކޮޓް އަދި ފޭރު ފަދަ މޭވާއާއި ތަރުކާރީގައި ހުންނަ ފަނޑު ރަތްކަން ގެނެސްދޭ މާއްދާއެވެ.

ރެޓިނޯލް: މިއީ ވިޓަމިން އޭ ގެ ވައްތަރެކެވެ. މިއީ ދިފާޢީ ނިޒާމު ބަރާބަރަށް ހިންގުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން ފަނޑު އަލިކަމުގެ ތެރޭގައި އަހަރުމެންނަށް ތަންތަން ފެންނަނީ ރެޓިނޯލްގެ އެހީގައެވެ. މީގެ އިތުރުން ހަންގަނޑުގައި އޮފުކަން ދަމަހައްޓަނީވެސް މި މާއްދާގެ އެހީގައެވެ.

ޗީޒް، ބިސް، ތެޔޮކަން ހުންނަ މަސް، ކިރު، ޔޯގަޓް އަދި ޖަނާވާރުގެ ފުރަމޭގައި ރެޓިނޯލް ހުންނާނެ އެވެ. ހަށިގަނޑަށް ލިއްބައިދޭ ބީޓާ-ކެރޮޓީން، ރެޓިނޯލްއަށް ބަދަލުވެއެވެ. އެހެންކަމުން ނުސީދާކޮށް ރެޓިނޯލް ލިއްބައިދޭނެ ކާނާގެ ތެރޭގައި ރީނދޫ، ރަތް އަދި ފެހިކަން ގަދަ ފަތް ހުންނަ ތަރުކާރީތައް ކަމަށްވާ ސްޕިނޭޗް، ކެރެޓް، ކައްޓަލަ އަދި ރަތް ޕެޕަރގެ އިތުރުން ރީނދޫކޮށް ހުންނަ މޭވާތައް ކަމަށްވާ އަނބު، ފަޅޯ އަދި އެޕްރިކޮޓް ހިމެނެއެވެ.

ލުޓެއިން: މިއަށް ޢާއްމުކޮށް ކިޔަނީ ލޮލުގެ ވިޓަމިން އެވެ. ގަބޫލުކުރެވޭ ގޮތުން މިއީ ލޮލުގައި ހުންނަ ޓިޝޫތައް އިރުގެ ދޯދިން ސަލާމަތްކޮށްދޭ މާއްދާއެކެވެ. ލުޓެއިން ހިމެނޭ ކާނާގެ ތެރޭގައި ބިހުގެ ގޮބޮޅި، ސްޕިނޭޗް، ކޭލް، ޒުވާރި، އޮރެންޖް ޕެޕަރ، ކިވީ، މޭބިސްކަދުރު، ޒޫޗީނިސް އަދި ސްކޯޝް ހިމެނެއެވެ.

ޒީޒަންތިން: މިއީވެސް އެންޓިއޮކްސިޑެންޓެކެވެ. ލޮލުގެ ޓިޝޫތައް އިރުގެ ދޯދިން ރައްކާތެރިކޮށްދިނުމަށް އެހީވެދެއެވެ. މި މާއްދާ ހުންނަ ބައެއް ކާނާގެ ތެރޭގައި ބިސް، އޮރެންޖް، މޭބިސްކަދުރު، ގޮޖި ބެރީޒް، އަނބު އަދި އޮރެންޖް ޕެޕަރ ހިމެނެއެވެ.

ވިޓަމިން އީ: މިއީވެސް އެންޓިއޮކްސިޑެންޓެކެވެ. ވިޓަމިން އީ އަކީ ދިފާޢީ ނިޒާމު ރަނގަޅުކޮށްދިނުން އަދި ހިތުގެ ލޭހޮޅިތައް ބެދުމުން ދުރުކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. ވިޓަމިން އީ އެކުލެވޭ ކާނާގެ ތެރޭގައި ތެޔޮ، އެކި ވައްތަރުގެ ނަޓްސް، އޮށް، މޭވާ އަދި ތަރުކާރީތަކުގެ ތެރެއިން ސަންފްލާވަރ ތެޔޮ، ސޮއީބީން ތެޔޮ، އާމަންޑްސް، ބަދަން، ސްޕިނޭޗް، ބަރަބޯ، ރެެޑް ބެލް ޕެޕަރ، އަސްޕަރަގަސް، އަނބު އަދި އެވަކާޑޯ ހިމެނެއެވެ.

“އަހަރުމެން ގަބޫލުކުރާގޮތުން ކެރޮޓެނޮއިޑް މުއްސަނދި ކެއުން ކާނަމަ، މީހާ ކޮންމެ އުމުރެއްގައި ހުއްޓަސް ސިކުނޑީގެ ހާލަތު ހުންނާނީ ރަނގަޅަށް.

– ޕްރޮފެސަރު ސީ. ކެތުލީން ޑޯރޭ


More from MUNIAVAS