“ލޯބިވެވިއްޖެ” ގެ ވަދާއީ ދެ ޝޯވ އަދި އަތޮޅުތެރޭގައި ޖޫން މަހު

Mon, 29 May 2023 07:05 PM

View on this article on MUNIAVAS

“ލޯބިވެވިއްޖެ” ގެ ވަދާއީ ދެ ޝޯވ އަދި އަތޮޅުތެރޭގައި ޖޫން މަހު

އެސްޕްރޮޑަކްޝަންސް އަދި ސެޓާރން ސްޓޫޑިއޯގެ ވަރުގަދަ ލޯބީގެ ފިލްމު “ލޯބިވެވިއްޖެ”ގެ ވަދާޢީ ދެ ޝޯވ އަންނަ ޖޫން މަހުގެ ފުރަތަމަ ދެ ދުވަހު ދައްކަން ނިންމާފައިވާ ކަމަށް އެސްޕްރޮޑަކްޝަންސް އިން ބުނެފިއެވެ. މިމަހު 03 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ފެށި މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެއެވެ.

ފިލްމު “ލޯބިވެވިއްޖެ”ގެ ގިނަ ޝޯތަކެއް މިހާތަނަށް ހައުސްފުލްކޮށް ދައްކާފައިވާއިރު އަތޮޅުތެރޭގެ ތިން ރަށެއްގައި ވެސް މި ފިލްމު ދައްކާފައިވެ އެވެ. އޮލިމްޕަސް ސިނަމާގައި ފިލްމުގެ ވަދާއީ ޝޯތައް ބޭއްވިޔަސް އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކުގައި ވެސް މި ފިލްމު އަޅުވަން ބޭނުންނަމަ 7458800 ގުޅުމަށް ފިލްމުގެ ޕްރޮޑިއުސަރުން އެދެއެވެ.

ފިލްމު “ލޯބިވެވިއްޖެ”ގެ ޝޯތަކެއް އަތޮޅުތެރޭގައި އަންނަ ޖޫން މަހު ދެއްކުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން:

🎥 08 ޖޫން 2023 – ބ. ދަރަވަންދޫ، ވ. ފުލިދޫ، ހދ. ހަނިމާދޫ އަދި ޏ. ފުވައްމުލައް

🎥 10 ޖޫން 2023 – ގއ. ކަނޑުހުޅުދޫ

🎥 16 ޖޫން 2023 – ލ. މާބައިދޫ ހިމެނެ އެވެ. މި ރަށްތަކުގެ ފިލްމު ޑިސްޓްރިބިއުޓަރުންނާ ގުޅޭނެ ނަންބަރުތައްވެސް ވަނީ އާއްމުކޮށްފައެވެ.

ލޯބިވެވިއްޖެ” އަކީރާއްޖޭގެ ނަން މަޝްހޫރު ގިނަ ސީނިއާ އެކްޓަރުންތަކެއް ލީޑުން ފެންނަ ފިލްމެކެވެ. އެގޮތުން ލީޑްގައި މިވަގުތު އެންމެ އަލިގަދަކޮށް ވިދަމުން އަންނަ ޢަލީ ސީޒަން، މަރްޔަމް ރިޝްފާ، ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިބްރާހީމް ޝާފިޢު (ފުބޫ)، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު) ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ. އަދި މި ފިލްމުގެ ޚާއްސަ ރޯލަކުން ރާއްޖޭގެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެކްޓަރު އަހްމަދު ނިމާލް ވެސް ފެނެއެވެ.

އަޙްމަދު ޒަރީރު ސްކްރީންޕްލޭ ލިޔުނު މި ފިލްމު ޑައިރެކްޓްކުރީ ޢަލީ ސީޒަން އެވެ. ފިލްމު “ލޯބިވެވިއްޖެ”ގެ ދެވަނަ ބައެއް އަންނާނެ ކަންވެސް ފިލްމުގެ ޕްރޮޑިއުސަރުން ހާމަކޮށްފައިވެއެވެ.


More from MUNIAVAS