ރޯދަމަހު ކަރަންޓު ބިލުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް

Sun, 28 Apr 2024 02:13 PM

View on this article on Minivan

ރޯދަމަހު ކަރަންޓު ބިލުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް

ރޯދަ މަހު ފެނާއި ކަރަންޓު ބިލުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ރައްޔިތުންނަށް ދީފައިވާކަން ހާމަވެއްޖެއެވެ.



މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އަދި ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވަނީ، ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލު ދެ ބިލަކަށް ބެހިގެންދިޔަ ނަމަވެސް މިމަހު ލިބުނު ބިލަށް ޑިސްކައުންޓު ލިބިފައިނުވާތީ ބައެއް އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ ތަފްސީލު ދެއްވާފައެވެ.

އެގޮތުން، ފަހުމީ ވިދާޅުވީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް މިދުވަސްވަރު މޫސުމަށް އަންނަ ބަދަލާއެކު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ބިލްތައް ބޮޑުވަމުން އަންނަ ކަމަށެވެ. އެހެންކަމުން، ނިމިދިޔަ ރޯދަމަހު ކަރަންޓު ބިލް ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެމަހުގެ ބިލުން ވަރަށް ބޮޑު ޑިސްކައުންޓެއް ދީފައިވާނެ ކަމަށާއި އޭގެތެރޭގައި އަލަށް ކަރަންޓުލި ފަރާތްތައްވެސް ހިމަނާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް ކޮންޒިއުމަރުންނަށް ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާނެކަން ވެސް ފަހުމީ ފާހަގަ ކުރެއްވިއެވެ.

ރޯދަމަހުގެ ޑިމާންޑް ކާވްއަށް ބަލާއިރު ރޯދަ މަހުގެ ޕީކްއާ އެހެން މަސްތަކުގެ ޕީކްއާ ތަފާތުކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ އެހެން މަސްތަކުގައި ޕީކް އުޅެނީ 12 އިން ފެށިގެން ދޭކަށް އަދި ރޭގަނޑުގެ ވަގުތުގައި ކަމަށްވީ ނަމަވެސް ރޯދަ މަހުގައި ޕީކް އުޅެނީ ހަވީރު 4-6 އަކާއި ދޭތެރޭގައި ކަމަށެވެ.

ފަހުމީ ވިދާޅުވީ ބިލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށޭ ދުވަހާއި ނިމޭ ދުވަހު މާލޭގެ ހުރިހާ ތަނަކުން ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު އޮތް ގޮތަށް ބަލާއިރު ބިލް ކުރާ މުއްދަތަށް ބަދަލު ގެނައުމަކީ ވެސް އުނދަގޫ ވާނެ ކަމެއް ކަމަށާއި ލުއި ދީފައިވާނީ ރޯދަ މަހުގެ ބޮޑުބައި ހިމެނޭ ގޮތަށް ކަމަށް ފަހުމީ ވިދާޅުވިއެވެ.

"ރަމަޟާން މަހު ޑިސްކައުންޓަށް 20 މިލިޔަން ރުފިޔާ އަޅުގަނޑުމެންނަށް ދެވުނު، ފެނާއި ކަރަންޓަށް. ރައީސުލްޖުމްހޫރިއްޔާއަށް ފެނިލެއްވީ އިގްތިސާދު އޮތް ގޮތުން މިވަގުތު ރައްޔިތުންގެ ހާލަތު ހުރި ގޮތުން އަދި ކޭޝްފްލޯ ހުރި ގޮތުން ރޯދަ މަހަށް ލުޔެއް ދިނުމުގެ ގޮތުން ރައީސް ދެއްވި ޑިސްކައުންޓެއް ޑިސްކައުންޓަކީ. އެއީ ވަރަށް އޯގާތެރި ޑިސްކައުންޓެއްގެ ގޮތުުގައި އަޅުގަނޑު ދެކެނީ،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ބެލި ބެލުމުން އެހެން މަސްތަކުގައި ކަރަންޓުގެ ޕީކު ހުންނަ މިންވަރު ރޯދަމަހު އިތުރުވާއިރު ރޯދަމަހުގެ ބިލުން ޑިސްކައުންޓު ދޭން ނިންމި ނިންމުމަކީ ރަނަގަޅަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ކަރަންޓުގެ ރީޑިން ނެގުމުގައި އަދި ބިލު ކުރުމުގައި މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި ބިލް ކުރަމުން ދިޔައީ ޔޫއާރްއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމަށާއި ރޯދަ މަހު ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ފެނަކައިން އާންމުކޮށް ބިލު ކުރަމުން އަންނަނީ މަހުގެ 25 އިން އަނެއް މަހުގެ 24 އަށް ކަމަށާއި ފުރަތަމަ ޑިސްކައުންޓު ދިން ބިލުގައި ރޯދަ މަހުގެ އެއްބައި ހިމެނިފައިވާއިރު ރޯދައިގައި ނުހިމެނޭ ދުވަސްތައް ވެސް ހިމެނާފައިވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

އަދި މުއާޒް ވިދާޅުވީ އެ ބިލުގައި އާންމު މަސްމަހަށް ވުރެ އިތުރު ނުވާ ބިލުތަކުން ޖެހިގެން އައި މަހުން 10 ޕަސެންޓް ޑިސްކައުންޓު ދޭނެ ކަމަށާއި ފުރަތަމަ ބިލުން އެއްވެސް ޑިސްކައުންޓެއް ނުލިބޭ ބިލުތަކަށް ވެސް މި ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ އަދަދު އިތުރުވަމުންދާ ވަރަކަށް ކަރަންޓު ބިލު ބޮޑުވަމުންދާއިރު، ރޯދަމަހު ފެނަކައިން ޑިސްކައުންޓުގެ ގޮތުގައި ވަނީ 25 މިލިއަން ރުފިޔާ ދީފައެވެ.

The post ރޯދަމަހު ކަރަންޓު ބިލުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް first appeared on Minivan.



More from Minivan