ގައުމުތައް ދަރަނީގެ އަޅުވެތި ކަމަށް ގެންދާ ޗައިނާގެ ދަރަނި ދަންތުރަ

Tue, 16 Apr 2024 10:21 AM

View on this article on Minivan

ގައުމުތައް ދަރަނީގެ އަޅުވެތި ކަމަށް ގެންދާ ޗައިނާގެ ދަރަނި ދަންތުރަ

ޕާކިސްތާނުގެ އާބަނދަރާއި އާ ހައިވޭއެވެ. ކަޒަކަސްތާނުގެ އާ ރޭލްވޭ ޓާމިނަލެވެ. ލަންކާގެ ކޮންޓޭނާ ބަނދަރެވެ. ލާއޯސްގެ އާ ބްރިޖް ޕްރޮޖެކެވެ. ސައުދީ އަރަބިއްޔާގެ ސިނޯޕެކް ރިފައިނަރީ އެވެ. ވިއެޓްނާމުގެ ޕަވަ ޕްލާންޓެވެ. ބެލަރޫސްގެ އިންޑަސްޓްރިއަލް ޕާކެވެ. ޕާކިސްތާނުގެ ފައިބަ އޮޕްޓިކް ނެޓްވޯކެވެ. ސާބިއާގެ ރޭލްވޭ އެވެ. މޮންގޯލިއާގެ ބޯޓުދެލި ނަގާ މައިން މަޝްރޫއެވެ. މިޔަންމާގެ ކަނޑުގެ ބަނދަރެވެ. މިހެންގޮސް މިލިސްޓަށް، އެތައް ބިލިއަން ޑޮލަރެއްގެ އެތައް ސަތޭކަ ޕްރޮޖެކްޓެއް އެރުވިދާނެއެވެ. މިފަދަ ގިނަ މަޝްރޫއުތަކުގެ ފައިސާ ޗައިނާއަށް ދެއްކުމަށް ޤައުމުތަކަށް ދަތިވުމުން، ޗައިނާއިން ދަނީ ފަރުދާގެ ފުރަގަހުގައި ތަފާތު އެއްބަސްވުންތަކެއް އެޤައުމުތަކާއެކު ހަދަމުންނެވެ. އެ އެއްބަސްވުންތަކުގެ ނަތީޖާ އަކީ އިޤްތިސާދީ އަދި މާލީ ގޮތުން ޗައިނާގެ އަޅުވެރިކަމުގެ ދަށަށް އެ ޤައުމުތައް ދިއުމުގެ އިތުރުން ޗައިނާއަށް އަސްކަރީ ގޮތުންނާއި މިނޫންވެސް ޗައިނާއިން އިންތިހާއަށް ބޭނުންވެފައިވާ ނުފޫޒުތައް ފުޅާކުރުމަށް ދޮރުހުޅުވިގެން ދިއުމެވެ.



މިސާލަކަށް ޕާކިސްތާނާއި މިޔަންމާ އަދި އަވަށްޓެރި ސްރީލަންކާގައި ގާއިމްކުރި ކޮންޓޭނާ ބަނދަރުތައް ޗައިނާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވުމުން، އެ ބަނދަރުތަކަށް ޗައިނާގެ އަސްކަރީ މަނަވަރުތަކާއި އުޅަނދުތައް ބޭނުން އިރަކު ބަނދަރުކުރުމުގެ ހުއްދަ އޮތީ އެ ޤައުމަށް ލިބިފައެވެ. މިއީ އިންޑިޔާކަނޑުގައި ޗައިނާގެ އަސްކަރީ އޮއިވަރެއް އަބަދުވެސް އޮންނާނެ ކަމެއްކަން ކަށަވަރެވެ. އެ މަންޒަރުތައް ވަރަށް ސާފުކޮށް މިހާރުވެސް ދަނީ ފެންނަމުންނެވެ.

ޗައިނާގެ އިޤްތިސާދީ އަދި އިންފްރާސްޓްރަކްޗަ ތަރައްޤީ ކުރުމުގެ އިސްނެގުމަށް ތާއީދުކޮށް އެއްބަސްވުންތަކުގައި 100 ޤައުމަކުން ވަނީ ސޮއިކޮށްފަ އެވެ. އެއީ ދުނިޔޭގެ އެކި ޤައުމުތަކާ ގުޅުވާލަމުން ގެންދާ ތެލާއި ގޭސް ހޮޅިތަކާއި ބްރިޖާއި ހައިވޭތަކާއި މުވާސަލާތީ މަޝްރޫޢުތަކާއި ބަނދަރާއި ރޭލްވޭތަކާއި އާޓިފިޝަލް އިންޓެލިޖެންސްގެ މަޝްރޫޢުތައް ހިމެނޭގޮތުންނެވެ.

ޗައިނާއާ ބައިއަތު ހިފާފައިވާ ޤައުމުތަކުގެ ތެރޭގައި ހަންގޭރީ، ގްރީސް، މޮމްގޯލިއާ، މެލޭޝިއާ، ރަޝިޔާ، ކެންޔާ، މިޔަންމާ، ކަޒަކިސްތާން، ލާއޯސް، ބެލަރޫސް، ސްރީލަންކާ، ކެމްބޯޑިއާ، ޕޮލޭންޑް، އިންޑޮނޭޝިއާ، ޕާކިސްތާން، ސާބިއާ، އާޒަރުބައިޖާން، ތައިލެންޑް، އުޒްބަކިސްތާން، ތަޖިކިސްތާން، ކިރްގިސްތާން. އަފްގާނިސްތާން، ޔަމަން، އިރާގް، ޔޫކްރެއިން، ޖޯޑަން، އިޕިއޮޕިއާ، ސޫދާން، ބަންގްލަދޭޝް، ހޮންގްކޮންގްގެ އިތުރުން އެފްރިކާގެ ގިނަ ގައުމުތަކެއް މި ލިސްޓުގައި ހިމެނިފައިވެ އެވެ.

އެމެރިކާ ދުނިޔޭގެ ސްޕަޕަވަގެ ގޮތުގައި އޮތުމަށް ބޭނުންކުރި އަދި ކުރަމުންގެންދާ އުކުޅުތައް ދިރާސާކުރުމަށް ފަހު ޗައިނާގެ މިހާރުގެ ސަރުކާރުން 4-8 ޓްރިލިއަން ޑޮލަރުގެ ތަރައްޤީގެ ފަންޑެއް ޤާއިމްކޮށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބިޔަ މަޝްރޫއުތައް ހިންގުމަށް އެހީދިނުމަށް ނިންމައި، އެކަން އެކި ކަންކޮޅުތަކުގައި ފަށައިގަތެވެ. "ބެލްޓް، ރޯޑް އިނީޝިއޭޓިވް" (ބީއާރްއައި) މަޝްރޫއުތައް ޗައިނާ ސަރުކާރުން ހިންގަން ނިންމީ ދުނިޔޭގެ ސްޕަޕަވައަށް ވުމަށް އެ ޤައުމުން ހިފާފައިވާ އަމާޒު އިޤްތިސާދީ ގޮތުން ކާމިޔާބު ކުރުމަށްޓަކަ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ ބީއާރްއައި މަޝްރޫއުތަކުގެ ދަށުން ޗައިނާގެ ދަރަނީގެ ދަންތުރައިގައި ދުނިޔޭގެ އާބާދީގެ 60 އިންސައްތަ މިހާރު ވަނީ ޖައްސާފަ އެވެ. އޭޝިޔާ އާއި އެފްރިކާ އަދި ޔޫޕަރާއި މެދުއިރުމަތީގެ ޤައުމުތައްވެސް ހިމެނޭ ގޮތުންނެވެ. ދުރާލާ ރާވައިގެން ހިކުމަތްތެރިކަމާއެކުގައެވެ.

ޗައިނާގެ ދަރަނީގެ ދަންތުރައިގައި ޖެހުނު ބައެއް ޤައުމުތައް ހުލާސާކޮށް ލިސްޓްކޮށްލަމާހެއްޔެވެ؟ މިސާލެއްގެ ގޮތުން މި ފާހަގަކޮށްލަނީ ދެތިން ޕްރޮޖެކްޓެކެވެ.

ލަންކާގެ ހަންބަންޓޯޓާގެ ކޮންޓޭނަރ ބަނދަރު

އަވަށްޓެރި ސްރީލަންކާއިން ދެހާސް ދިހަ ވަނަ އަހަރު 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާއިން ހޯދީ ހަމްބަންޓޯޓާގެ ކޮންޓޭނަރު ބަނދަރު ހެދުމަށެވެ. އެއީ އޭރުގެ ސަރުކާރު އަދި ދާދިފަހުން އިންތިހާބުކުރި ޕާޓީގެ ވެރިކަމުގައެވެ. އޭރު ރައީސަކަށް ހުންނެވީ ރާޖަޕަކްސާއެވެ. ބަނދަރުގެ މަސައްކަތް ނިންމާލުމުން ލަންކާއިން ރޭވި ގޮތަށް އެ ބަނދަރަށް އެކަށީގެންވާ ވަރަށް ބޯޓު ފަހަރެއް ނައެވެ. މުދަލެއް ނައެވެ. ނަތީޖާއަކަށްވީ އެ ބަނދަރު ހިންގައިގެން ލިބޭ އާމްދަނީން ޗައިނާގެ ލޯނު ދެއްކޭނެ މަގެއް ލަންކާއަށް ނުފެނުމެވެ. އެހެންވެ، ލަންކާ ސަރުކާރަށް ބުރައަކަށްވި ޗައިނާގެ ލޯނުން ސަލާމަތްވުމަށްޓަކައި އެ ބަނދަރު 99 އަހަރަށް ޗައިނާއަށް ކުއްޔަށްދިނެވެ. ޗައިނާއިން އެންމެ ބޭނުންވި ގޮތަށް އިންޑިޔާގެ ގަސްކަރަ ފެންނަ ހިސާބުގައި އެމީހުންގެ އިގްތިސާދީ "މިސައިލެއް" ޤާއިމްކުރީ އެވެ.

އިންޑިޔާއިން މިކަން ސިފަކޮށްފައިވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ފަށާފައިވާ އިގްތިސާދީ ގޮތުން ޤައުމުތައް އަޅުވެތިކުރުމުގެ ޓްރިލިއަން ޑޮލަރުގެ ޕްލޭންގެ ދަށުން ކުޅުނު ހީލަތްތެރި ކުޅިގަނޑެއްގެ ބޮޅެއްގެ ގޮތުގައެވެ. އެމެރިކާއިން ވެސް ޗައިނާގެ "ވަން ބެލްޓް، ވަން ރޯޑް" ޕްރޮޖެކްޓް ސިފަކޮށްފައިވަނީ ޗައިނާ ސަރުކާރުގެ އިސްވެރިން ޗައިނާގެ ވިޔަފާރި ކުންފުނިތައް މެދުވެރިކޮށް، ކޮރަޕްޝަނުގެ ޑީލުތަކުގެ ތެރެއިން ޤައުމުތައް ޗައިނާގެ ލޯނުގެ ދަރަނީގެ ދަލުގައި ޖެއްސުމާއެކު، ޗައިނާއަށް ބަރޯސާވާން މަޖުބޫރުކުރުވުމަށް އަމާޒު ހިފާފައިވާ މަޝްރޫއެއްގެ ގޮތުގައެވެ. ވޯލްޑް ބޭންކާއި އައިއެމްއެފާއި މިނޫންވެސް މިފަދަ ދުނިޔޭގެ މާލީ އިދާރާތަކުންވެސް މިމޭރުމުން ރިޕޯޓްތައް އާންމުކޮށްފައި އެބަހުއްޓެވެ. ދެވަނަ ވިސްނުމަކަށް ޤައުމުތަކުން ދިއުމަށްޓަކައެވެ. އެހެންނަމަވެސް އެކަން ހާސިލެއް ނުވެއެވެ.

"ޓްރިލިއަން ޑޮލަރުގެ ދަރަނި ދަންތުރަ" ޗައިނާއިން ޖަހަނީ، ޤައުމުތަކުގެ އިންފްރާސްޓްރަކްޗަ ޤާއިމްކުރުމަށް ދޫކުރާ ލޯނުތަކުގެ ބޮޑުބައި އެ ޕްރޮޖެކްޓެއް ނިމޭއިރު އަނބުރާ ޗައިނާއަށް ވަންނާނެ ގޮތަށެވެ. އެއީ އެ ލޯނުގެ ދަށުން މަސައްކަތް ހަވާލުކުރަން ޖެހެނީ ޗައިނާގެ ކުންފުނިތަކާ ކަމަށްވާތީ އެވެ. އަދި ގިނަ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރަނީ ޗައިނާގެ މަސައްކަތު މީހުންނަށް ވާތީ އެވެ. ޗައިނާގެ ލޯނުގެ ލާރި ހިފައިގެން، ޕްރޮޖެކްޓް ނިންމާފައި ޗައިނާގެ ކުންފުނި ފުރައިގެން ދަނީ އެ ޤައުމެއްގެ ބޮލުގައި ބުރަ، ބަރު ދަރަންޏެއް އަޅުވައި ދަރަނީގެ ދަންމަޅި ޖަހާފަ އެވެ. އަވަށްޓެރި ސްރީލަންކާއަށް ވެސް ލިބިގެން މި އުޅެނީ އެ ލަނޑެވެ. ޗައިނާއިން ހަމްބަންޓޯޓާގެ ބަނދަރު ކުއްޔަށް ހިފުމާއެކު އިންޑިޔާއިން ވަނީ ދުނިޔޭގެ އެންމެ ފަޅު އެއާޕޯޓްކަމަށްވާ ލަންކާގެ ހަމްބަންޓޯޓާގެ އެއާޕޯޓު ނަގާފަ އެވެ. ކިތަންމެ ބޮޑު ގެއްލުމެއްވިއަސް ވަރިހަމަ ކަމަށް ދެކިގެންނެވެ. ޗައިނާގެ ހަރަކާތްތަކަށް ފާރަވެރިވާނެ "ލޮލެއް"ގެ ގޮތުގައި ބޭއްވުމަށެވެ.

ޕާކިސްތާން

ޕާކިސްތާނު ސަރުކާރުން ތަރައްޤީގެ މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ހަ ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ލޯނު ދެއްކުމަށް ދަތިވުމުން ޗައިނާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، މަސްވެރި އަވަށެއް ކަމަށްވާ ގުވަދާރް ބަނދަރު ހިންގަން 40 އަހަރަށް ޗައިނާ އަށް ވަނީ ހިންގަން ދީފަ އެވެ. ޗައިނާ އަށް މި ލިބުނު ރަނުގެ ފުރުސަތުގައި ޕާކިސްތާނާއެކު އަޝްކަރީ އެއްބަސްވުމަކަށް ގޮސް، ޗައިނާއިން 40 އަހަރަށް ހިންގަން ނެގި ބަނދަރާ މާދުރު ނޫން ހިސާބެއްގައި ޗައިނާގެ އަސްކަރީ ބޭސް އެއް (ކަނޑާއި ވައި ވެސް ހިމެނޭ ގޮތުން) ޤާއިމްކުރި އެވެ. ލޯނުގެ ދަންތުރައިގައި ޕާކިސްތާނު ޖައްސައި ޗައިނާއިން މި ހޯދީ ބިލިއަން ޑޮލަރަށްވުރެ އަގުހުރި ފުރުސަތެކެވެ.

މޮންޓެނޯގްރޯ

އިރުމަތީ ޔޫރަޕިގެ ޤައުމެއް ކަމަށްވާ މޮންޓެނޯގްރޯ މިއީ ޔޫރަޕުގައި ހައިވޭއެއް ނެތް ހަމައެކަނި ޤައުމެވެ. އެހެންކަމުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން މޮންޓެނޯގްރޯގައި ހައިވޭ ޕްރޮޖެއް ހިންގުމަށް އެހީދޭން ނިންމި އެވެ. އެއީ 100 މޭލުގެ ހައިވޭއެކެވެ. މޮންޓެނޯގްރޯ ސަރުކާރުން މި ޕްރޮޖެކެޓް ސިފަކޮށްފައިވަނީ ޒަމާނީ ދުނިއާ އެގައުމު ގުޅުވާލަދޭ މަގެއްގެ ގޮތުގައެވެ.

އާބާދީގައި ހަތްލައްކަވެސް ހަމަނުވާ އެ ޤައުމުގައި ޒަމާނީ ހައިވޭއެއް އެޅުމަށް 950 ބިލިއަން ޑޮލަރުގެ މަޝްރޫއުއާ ބެހޭ ގޮތުން 2006 އަދި 2012 ވަނަ އަހަރު އެ ޤައުމުން ހެދި ފަންނީ ފީޒިބިލިޓީ ދިރާސާގައި ބުނެފައިވަނީ އެފަދަ ބަރުހެލި ޕްރޮޖެކްޓެއް ހިންގާވަރުގެ އިޤްތިސާދީ ދެކޮޅު ޖެހުމެއް އެޤައުމުން ނުފެންނަ ކަމަށެވެ. އަދި ބޮޑުތަނުން ދަރަނިވެރިވެ، އުނދަގޫތަކާ ކުރިމަތިވުމުގެ ފުރުސަތު މާބޮޑު ކަމަށްވެސް އެކަރުދާސްތަކުގައި ލިޔެފައި އެބަހުއްޓެވެ. ހުރިހާ ކަމެއް މިހެން ހުއްޓާ، ޤައުމުގެ ބޮޑުވަޒީރުގެ ސިޔާސީ އެޖެންޑާ އިސްކޮށް، ޗައިނާގެ އެހީއާއެކު މަސައްކަތްފަށައިގަތެވެ. ފުރަތަމަ ޑީލަކީވެސް ހައިވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ 70 އިންސައްތައަކީ ޗައިނާ މީހުންނަށް ހެދުމެވެ. އެހެންކަމުން ޕްރޮޖެކްޓްގެ މުސާރަވެރިންނަށް ހާއްސަކޮށްފައވާ ފައިސާގެ ބޮޑު ބައި ޖީބަށް އަޅައިގެން އެ ގެންދަނީ ޗައިނާއަށެވެ. އަދި ޕްރޮޖެކްޓާ ބެހޭ ގޮތުން ޚިލާފެއް ނުވަތަ ޤާނޫނީ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަމެއް ހަމައެކަނި ހުށަހެޅެނީ ޗައިނާގެ އާބިޓްރޭޝަން ކޯޓަށް ކަމަށްވެސް ހަމަޖެއްސިއެވެ.

ޕްރޮޖެކްޓް ފަށައިގެން ވަކި ހިސާބަކުން އިތުރު ދެ ބިލިއަނެއްހާ ޑޮލަރު ބޭނުންވުމުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލޯނެއް ހޯދުމަށް އެ ސަރުކާރުން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. އައިއެމްއެފުން ބުނެފައިވަނީ މޮންޓެނޯގްރޯގެ ކިބައިގައި އެވަރުގެ ލޯނެއް ދެއްކުމުގެ މާލީ ގާބިލުކަން ނެތްކަމަށެވެ. އައިއެމްއެފްގެ މި ނިންމުމާއެކު، މޮންޓެނޯގްރޯ ބޮޑުވަޒީރު ނިންމީ ޗައިނާ ރުހޭ ފަދަ ޑީލުތަކެއް ޓޫރިޒަމާއި ހަކަތައިގެ ދާއިރާއިން ދީގެންވެސް ޕްރޮޖެކްޓް ނިންމާށެވެ. ޗައިނާއިން ހިސާބު ޖެހި ގޮތަށް ހުރިހާ ކަމެއްވެ ނިމުނީއެވެ.
ރާއްޖޭގެ ބްރިޖް ޕްރޮޖެކްޓަކީ ވެސް ދުނިޔޭގެ ތަޖުރިބާކާރުންގެ ނަޒަރުގައި ޗައިނާގެ ދަންތުރައެކެވެ. "ޗައިނާ-މޯލްޑިވްސް" ފްރެންޑްޝިޕް ބްރިޖުގެ ދަރަނީގެ ސަބަބުން ރާއްޖެއަށް ބުރަކަމާއި އުނދަގޫތައް ކުރިމަގުގައި ނުފޯރާ ނުދާނެކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. ބަލަން ތިބެމާ ހިނގާށެވެ.

ޗައިނާގެ "ވަން ބެލްޓް، ވަންރޯޑް އިނީޝިއޭޓިވް" ޕްރޮޖެކްޓުގެ ދަށުން ބޮޑެތި ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ބޮޑުންނާ ގާތްގުޅުމެއް އޮންނަ އެގައުމުގެ ކުންފުނިތަކާއެވެ. މިކަމުގެ ނަތީހާއެއްގެ ގޮތުން ދުނިޔޭގެ އެންމެ ނުފޫޒުފަދަ އަދި އެންމެ ބޮޑު ކޮންސްޓްރަކްޝަން ދިހަ ކުންފުނީގެ ތެރެއިން ހަތް ކުންފުންޏަކީ ޗައިނާގެ ކޮންޓްރެކްޓަރުންނެވެ. އެއީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއި ޗައިނާ ރޭލްވޭ ގްރޫޕް ލިމިޓެޑާއި ޗައިނާ ރޭލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން ލިމިޓެޑާއި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ގްރޫޕް ލިމިޓެޑާއި ޕަވާ ކޮންސްޓްރަކްޝަން ކޯޕަރޭޝަން އޮފް ޗައިނާ އާއި ޗައިނާ މެޓަލުޖިކަލް ކޯޕަރޭޝަނާއި ޝަންހައި ކޮންސްޓްރަކްޝަން ގްރޫޕެވެ. މި ކުންފުނިތަކުގެ ވިޔަފާރީގެ ދުވެލި ދަނީ ބިލިއަނުން އިތުރުވަމުންނެވެ. މިއީ ދުނިޔޭގެ އެކި ބައްރުތަކުގައި ޗައިނާގެ ނުފޫޒު ފުޅާކުރުމަށް ފަހިކޮށްފައިވާ މަގުތަކެވެ. އަދި ޕަވަރ ގޭމް އޮތީ ކުރިއަށެވެ. ދަރަނީގެ ދަންތުރަ ގެންދާނީ ފުޅާކުރަމުންނެވެ.

 

The post ގައުމުތައް ދަރަނީގެ އަޅުވެތި ކަމަށް ގެންދާ ޗައިނާގެ ދަރަނި ދަންތުރަ first appeared on Minivan.



More from Minivan