ކުޅުދުއްފުށީ ކަރަންޓް މައްސަލަ: އެންމެފަހުން ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމެއް ފޮނުވައިފި

Mon, 15 Apr 2024 04:46 PM

View on this article on Minivan

ކުޅުދުއްފުށީ ކަރަންޓް މައްސަލަ: އެންމެފަހުން ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމެއް ފޮނުވައިފި

ހދ.ކުޅުދުއްފުށި ސިޓީ ފެނަކަ އިންޖީނުގެއިން ކަރަންޓްގެ ހިދުމަތް ދިނުމުގައި މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް އެންމެފަހުން ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމެއް އެރަށަށް ދިއުމަށް ފުރައިފިއެވެ.



ކުޅުދުއްފުށީގައި ފެނަކައިން ހިންގަމުން އަންނަ އިންޖިނުގެއިްނ ކަރަންޓްގެ ހިދުމަތް މެދުކެނޑެމުން އަންނަތާ ގިނަ ދުވަސްތަކެއް ވީފަހުން، އިއްޔެ ވަނީ އައު އިންޖީނެއް ބަހައްޓައި ކަރަންޓްގެ ހިދުމަތް ދޭން ފަށާފައެވެ. ނަމަވެސް އެ އިންޖީނު ބޭނުންކުރަން ފެށިތާ ގިނަ އިރެއްނުވެ، އިންޖީނުގެ ކަރަންޓް ކޭބަލެއްގައި ރޯވެގެން އިއްޔެ މެންދުރު ކަރަންޓް ކަނޑައިގެންދިޔައިރު، މިއަދު ހެނދުނު އަނެއްކާވެސް ވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައެއްގައި ޖަނަރޭޓަރުތައް ކޮންޓްރޯލްކުރާ މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓް ގޮސްފައެވެ.

ފެނަކައިން ބުނާގޮތުގައި އެ މައްސަލަ ދިމާވީ ކަނެކްޝަން ހެދިއިރު ދިމާވި ކަމަކުންނެވެ.

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އެކްސްގައި ވިދާޅުވެފައެވެ.

ފެނަކައިން ބުނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މިއަދުގެ އިރުއޮއްސުމުގެ ކުރިން ރަނގަޅު ކުރެވޭނޭކަމަށް ލަފާކުރެވޭ ކަމަށެވެ.

ފެނަކައިން ވަނީ ކުޅުދުއްފުށީ އިންޖީނުގޭގައި ދިމާވި މައްސަލަ ތަހުގީގުކުރާނޭކަމަށް ބުނެފައެވެ. މިގޮތުން އެކަމުގައި މުއައްޒަފެއްގެ އިހުމާލެއް ވޭތޯ ބަލައި، އިހުމާލެއް ވާނަމަ އެ މުއައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާވެސް ކުރާނޭކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

The post ކުޅުދުއްފުށީ ކަރަންޓް މައްސަލަ: އެންމެފަހުން ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމެއް ފޮނުވައިފި first appeared on Minivan.



More from Minivan