ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބައިވެރިވުމާއި އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައީސް ސޯލިހު އެކަން ދޮގު ކުރައްވައިފި އެވެ.
ރައީސް ނަޝީދު ވަނީ މިއަދު މަޖިލީހުގެ ޖަލްސާ ފެށި ވަގުތު މަޖިލީހުގެ ތަޅުމުގައި ކޯރަމް ހަމަނުވުމުން އެކަމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަން ޖެހޭނެކަމަށް ވިދާޅުވެފަ އެވެ.
މިއަދު ހެންވޭރުގެ ގެތަކަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
"އެއީ މުޅީން ދޮގު ވާހަކައެއް. އަޅުގަނޑު 25 އަހަރު އުޅެފައި ހުރި މީހެއް މިއީ މަޖިލީހުގައި. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން," ރައީސް ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މި ހަފްތާ ތެރޭގައި ކުރިއަށް ދަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތެވެ. މިއީ ރައީސް ނަޝީދު އިސްވެ ހުންނަވާ ފެއްޓެވި މަސައްކަތެކެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި އެ ގަރާރު މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފަ އެވެ. އަދި އެ ގަރާރު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ދާންވެސް ވަނީ ފާސްކޮށްފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑަައަޅައިފިނަމަ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އީސީއަށް އެކަން ކުރުމަށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރަން އޮންނަ ޕްރޮސެސްގެ ތެރެއިން އެކަން ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.