ތެލެސީމިއާ އައު ސެންޓަރެއް ޤާއިމްކުރުމަށްޓަކައި ހުޅުމާލެއިން އައު ބިމެއް ހޯދައި އެބިމުގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ އައު އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
ބޯން މެރޯ ހަދަން ފަސް ކުއްޖަކު ފޮނުވުމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އާ އިމާރާތެއް ގާއިމްވެ ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ލިބެން ފެށުމާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެ ކަމަށެވެ.
އަދި އެއިމާރާތުގައި ބްލަޑް ބޭންކްގެ ހިދުމަތް ގާއިމްކޮށް އެހިދުމަތް ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތެލެސީމިއާގެ ފަރުވާ ދިމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ކަމުގައިވާ އިރު މި ފަރުވާ ހޯދުމުގައި ދިގުމުއްދަތަކަށް ކުއްޖާއަށް ދޭންޖެހޭ ހާއްސަ ހިދުމަތްތައް ދިނުމަށާއި ރާއްޖެ އައުމަށް ފަހު ވެސް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިލްތިމާސްކޮށްފައިވާ އިރު މި އިމާރާތުގެ ސަބަބުން އެ ހިދުމަތް ފުޅާވެގެން ދާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ބުންޏެވެ.
ތެލެސީމީއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަަމުން ދާއިރު، އޭގެ ތެރެއިން 300 ކުދިންނަކީ މާލޭގައި ދިރިއުޅެމުން ފަރުވާ ހޯދަމުން ގެންދާ ކުދިން ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ.
The post ތެލެސީމިއާ ސެނެޓަރެއް ގާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހޯދައި އާ އިމާރާތެއް ހަދަން ވަނީ ނިންމާފަ: ހެލްތް މިނިސްޓަރު first appeared on Minivan.