އިތުރު ފަސް ތެލެސީމިއާ ޕޭޝަންޓުން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހެލްތް މިނިސްޓްރީއިން ނިންމައިފި އެވެ.
ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ބޯންމެރޯ ހެދުމަށް އިތުރު 5 ކުދިން ފޮނުވުމަށް ނިންމައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރުއެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒުކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބޯންމެރޯ ހިދުމަތަކީ ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. އަދި ފަރުވާގެ ކަންކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން އެ ހިދުމަތް ދޭގޮތް ހޯދާ ބަލާ ދިރާސާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެ މިނިސްޓްރީން ކޮށްފައިވާކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އަލީގައި ބޯންމެރޯ ހަދާ ކުދިންގެ ފަރުވާގެ ކަންކަން އެންމެ ރަނގަޅުގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
ތެލެސީމިއާގެ ފަރުވާ ދިމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ކަމުގައިވާ އިރު މި ފަރުވާ ހޯދުމުގައި ދިގުމުއްދަތަކަށް ކުއްޖާއަށް ދޭންޖެހޭ ހާއްސަ ހިދުމަތްތައް ދިނުމަށާއި ރާއްޖެ އައުމަށް ފަހު ވެސް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ވަނީ އިލްތިމާސްކޮށްފައި ކަމަށް ހެލްތް މިނިސްޓްރީއިން ބުންޏެވެ.
ތެލެސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުގައި ފަރުވާ ހޯދަމުން ދެއެވެ. މީގެ ކުރިން ވެސް މިސަރުކާރުން ވަނީ ތެލެސީމިއާ ކުދިންގެ ބޯން މެރޯ ހަދަން ފަންޑުކޮށްފައެވެ.
The post ބޯންމެރޯ ހަދަން އިތުރު ފަސް ކުއްޖަކު ފޮނުވަނީ first appeared on Minivan.