ފުވައްމުލަކުން ބޮޑު ތަފާތަކުން މުއިއްޒު ކުރި ހޯދައިފި

Sun, 10 Sep 2023 10:39 AM

View on this article on Mikal News

ފުވައްމުލަކުން ބޮޑު ތަފާތަކުން މުއިއްޒު ކުރި ހޯދައިފި

ފޯރިއާއިއެކު އިއްޔެ ކުރިއަށްދިޔަ މިއަހަރު ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން ބޮޑު ތަފާތުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކުން ކުރި ހޯދައިފިއެވެ. ފުވައްމުލަކު ބެހެއްޓުނު 10 ވޯޓު ފޮށްޓާއި ފުވައްމުލަކު ރައްޔިތުން ވޯޓުލިމަށް މާލޭގައި ބެހެއްޓުނު 3 ވޯޓު ފޮށްޓަށް 8282 މީހުން ރަޖިސްޓްރީވެފައިވީ ނަމަވެސް ވޯޓު ލާފައިވަނީ 6626 މީހުންނެވެ. އެއީ ވޯޓުލުމަށް ރަޖިސްޓްރީވި މީހުންގެ 80 އިންސައްތައެވެ. މިއީ ފާއިތުވީ 3 ރިއާސީ އިންތިޚާބަށް ބަލާއިރުވެސް ނިސްބަތުން އެންމެ މަދުމީހުން ވޯޓުލީ ފަހަރެވެ.

ފޯރިއާއިއެކު ކުރިއަށްދިޔަ މިބުރު ނަތީޖާތައް ބޮޑު ތަފާތުން ބުރަވެފައިވަނީ ޕީއެންސީ ކެންޑިޑޭޓް މުއިއްޒަށެވެ. މުއިއްޒަށް 3202 ވޯޓު ލިބުނުއިރު ވާދަވެރި އެމްޑީޕީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބުނީ 2371 ވޯޓެވެ. މިއީ މުއިއްޒަށް ލިބުނު ވޯޓަށްވުރެ 831 ވޯޓު މަދު އަދަދެކެވެ. ސައްހަ ވޯޓުގެ 48 އިންސައްތަ މުއިއްޒަށް ލިބުނުއިރު އިބްރާހިމް މުހައްމަދު ސާލިހަށް ލިބުނީ 36 އިންސައްތައެވެ. ބޮޑު ތަފާތަކުން މިދެކެންޑިޑޭޓުން ކުރީގައި އުޅޭއިރު 3 ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީގެ ތެރެއިން ނިކުތް މެންބަރުން އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.  އިލްޔާހަށް 655 ވޯޓާއި އެކު ސައްހަ ވޯޓުގެ 10 އިންސައްތަ ލިބުނު އިރު 4 ވަނަ ކެންޑިޑޭޓް  ގާސިމަށް ލިބުނީ 197 ވޯޓާއިއެކު ސައްހަ ވޯޓުގެ 3 އިންސައްތައެވެ. ބާކީ ތިބި 4 ކެންޑިޑޭޓުންނަށްވެސް ލިބުނީ ބާތިލް ވޯޓަށްވުރެ މަދު އަދަދެކެވެ

ފުވައްމުލަކުން ބޮޑު ތަފާތަކުން މުއިއްޒު ކުރި ހޯދިއެވެ. އަވަށްޓެރި އައްޑޫ ސިޓީއިން އެސިޓީގެ ރަނިންމޭޓަކާއިއެކު ނިކުތް އެމްޑީޕީއިން ވަނީ ކުރި ހޯދަފައެވެ. މުޅި ރާއްޖެއަށް ބަލާއިރު 46 އިންސައްތައިން ކުރީގައި އުޅެނީ ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރެއްގައި ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދެވި ފުރަތަމަ ކެންޑިޑޭޓަކަކީ ޕީއެންސީއިން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒެވެ.  ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 570 ވޯޓް ފޮށިން މުއިއްޒު  ވަނީ 100،730 ވޯޓް ހޯއްދަވާފައެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް 11،133 ވޯޓުން ކުރި ހޯއްދަވައި ދެވަނަ ބުރަކަށް ދާނޭކަން މިހާރު ވަނީ ޔަގީންވެފައެވެ.

The post ފުވައްމުލަކުން ބޮޑު ތަފާތަކުން މުއިއްޒު ކުރި ހޯދައިފި appeared first on Mikal News.More from Mikal News