ރާއްޖެ އަށް ޕޭޕަލް ގެންނަން ހުރި ދަތިތައް ހައްލުކުރަން އެ ކުންފުންޏާ އެކު މިނިސްޓަރު ސައީދު މަޝްވަރާކުރައްވައިފި

Thu, 22 Aug 2024 10:17 PM

View on this article on Mihaaru

ރާއްޖެ އަށް ޕޭޕަލް ގެންނަން ހުރި ދަތިތައް ހައްލުކުރަން އެ ކުންފުންޏާ އެކު މިނިސްޓަރު ސައީދު މަޝްވަރާކުރައްވައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް އެ ކުންފުނީގެ އިސް ވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް ގެނައުމަށްޓަކައި މި ސަރުކާރު އައި ފަހުން ވަނީ އެމެރިކާގެ ސަރުކާރާއި ކަމާ ގުޅޭ އެކި ފަރާތްތަކާ އެކު މަޝްވަރާތައް ކޮށްފަ އެވެ.

ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޭޕަލް ގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަށް ހުރި ދަތިތައް ހައްލުކުރަން، އެ ކުންފުނީގެ ބައެއް އިސްވެރިންނާ އެކު އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

"ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް،" އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމަށް ފަހު ސައީދު ވިދާޅުވި އެވެ.

ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބުން ވަނީ ހުރަހަކަށެވެ.

ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުފަހި ކުރުމުގެ ގޮތުން، ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މިދިޔަ މާޗް މަހު ފަށައިފަ އެވެ.

ޕޭޕާލްގެ އިތުރުން ޕެޔޮނިޔާ، ސްކްރިލް، ސްޓްރައިޕް އަދި ނެޓެއްލާ ރާއްޖެއަށް ގެންނަން ރައީސްގެ މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.





More from Mihaaru