ޓޫރިސްޓުން ތިބި ސަފާރީއެއް ވޭވަށު ފަރަށް، ސަފާރީގެ ބޮޑުބައި އަޑީގައި

Fri, 26 Jul 2024 07:57 PM

View on this article on Mihaaru

ޓޫރިސްޓުން ތިބި ސަފާރީއެއް ވޭވަށު ފަރަށް، ސަފާރީގެ ބޮޑުބައި އަޑީގައި

ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއް މ. ވޭވަށު ފަރަށް ރޭ ދަންވަރު އަރައިފި އެވެ.

"މައިނާ އެކެއް" ކިޔާ އެ ސަފާރީގައި 18 ޓޫރިސްޓަކާއި 9 ފަޅުވެރިން ތިއްބެވެ. އެ އެންމެން ވެސް ވަނީ ސަލާމަތްކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ވޭވަށު ކައުންސިލްގެ ރައީސް މަހްމޫދު ވަހީދު މިރޭ "މިހާރު" އަށް ވިދާޅުވީ އެ ރަށުގެ ހުޅަނގު ފަރާތު ފަރުމައްޗަށް އެ ސަފާރީ އެރިކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން، ރޭ ދަންވަރު 12 ޖެހި ފަހުން ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު ސަފާރީ ކައިރިއަށް ގޮސް އޭގައި ތިބި މީހުން ސަލާމަތްކޮށްގެން އެއްގަމަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.

"އެ ގަޑީގައި ކަނޑު ވެސް ވަރަށް ގަދަ. އަޅުގަނޑުމެން ދިޔައިރު އެންމެން ތިބީ މޫދުގައި. ރަށުން ދިޔަ ދެ ޑިންގީ އާއި ލޯންޗާއި ސަފާރީގެ ޑިންގީގައި މީހުން އެއްގަމަށް ގެނައީ،" އޭނާ ވިދާޅުވި އެވެ.

"ސަފާރީ އޮތީ ވަރަށް ބޮޑަށް އަރިވެފައި. ބޮޑުބައި އަޑީގައި."

އޭނާ ވިދާޅުވި ގޮތުގައި، އެ ރަށުގެ ފަޅުތެރޭގައި އަޅާފައި އޮތް އެ ސަފާރީ ފަރަށް އެރި ކަމަށް ބެލެވެނީ ރޭ އައި ބާރު ވިލާގަނޑެއްގައި ސަފާރީގެ ނަގިލި ކަހާލައިގެންނެވެ.

އަދިވެސް އެ ސަފާރީ ފުން ނުކުރެވެ އެވެ. އެމްއެންޑީއެފްގެ ކޯސްޓް ގާޑު ވެސް މިހާރު އެ ސަރަހައްދުގައި އެބައޮތެވެ.

މަހްމޫދު ވިދާޅުވީ ސަފާރީން ދަތުރުކުރި ޓޫރިސްޓުން މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، އެ ސަފާރީގެ ފަޅުވެރިން އަދިވެސް އެ ރަށުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.





More from Mihaaru