ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފި

Thu, 09 May 2024 07:05 PM

View on this article on Mihaaru

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފި

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް އިންޑިއާ އިން އަނބުރާ ގެންގޮސް މިއަދު ނިންމާލައިފި އެވެ.

އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. ދެ ވަނަ ބެޗު ދިޔައީ މިދިޔަ މަހު އެވެ. އެއީ 51 ސިފައިންނެވެ. ބާކީ ތިބި ހުރިހާ ސިފައިން މިއަދު ވަނީ ގެންގޮސްފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި އެންމެ ފަހުން ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް އަނބުރާ އެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިންގެ ބަދަލުގައި، އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ތިން އުޅަނދު އޮޕަރޭޓް ކުރާނީ މަދަނީ މީހުން ކަމަށާއި އެ މީހުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވަނީ މި މަހުގެ 10ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ދާނެ ކަމުގެ ޔަގީންކަން ވަރަށް ކުރިން ދެއްވައިފަ އެވެ. އެއީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ގޮތަށް އެޅި ފިޔަވަޅެކެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 89 ސިފައިންގެ މީހަކު ތިއްބެވެ. ނަމަވެސް، އެއީ އެހާތަނަށް ކަށަވަރުކުރެވުނު އަދަދު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ މީހުންނަކީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނަށާއި އޭގެ މެއިންޓަނަންސަށް ތިބި މީހުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުގެ ކުރިން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ދިވެހި ސަރުކާރުން އެދުނު އެދުމަށް އިހުތިރާމްކޮށް، އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މިއީ ދެ ގައުމުގެ ގުޅުން ވަރުގަދަކަން ސާބިތު ކޮށްދިން ކަމެއް. ދެ ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއް ވެސް ވާހަކަ ދައްކައިގެން ޑިޕްލޮމެސީ ވިއުގަނޑުގެ ތެރެއިން ހައްލު ކުރެވޭނެ ކަން ޔަގީން ކޮށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.





More from Mihaaru