މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދު ނުކުރީ ގޯސްކޮށް، ސުޕްރީމް ކޯޓުން އަލުން ބަންދަށް

Thu, 09 May 2024 01:45 PM

View on this article on Mihaaru

މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދު ނުކުރީ ގޯސްކޮށް، ސުޕްރީމް ކޯޓުން އަލުން ބަންދަށް

މާލޭގައި ޒުވާނަކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ މީހަކު ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި އަދި އެ މީހާ ވަގުތީ ގޮތުން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސެޕްޓެމްބަރު 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ނިންމީ ބަންދު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ސައްމާހުއާ ދެކޮޅަށް ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުރި ކަމަށް ދައުލަތުން ބުނާއިރު، އެކަ މަށް ހައި ކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުގެ އެ ނިންމުމަކީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ނިންމުން ބާތިލްކުރާ ކަމަށް ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެ ހުކުމުގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގެ ދަށުން ސައްމާހު ބަންދު ކުރުމާ މެދު ހަތް ދުވަސް ތެރޭގައި ހައި ކޯޓުން ގޮތެއް ނިންމަންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.





More from Mihaaru