ލަންކާގެ ވިސާ ފީއަށް ބޮޑު ބަދަލެއް ގެނެސްފި

Mon, 06 May 2024 12:40 PM

View on this article on Mihaaru

ލަންކާގެ ވިސާ ފީއަށް ބޮޑު ބަދަލެއް ގެނެސްފި

ލަންކާގެ ވިސާ ފީއަށް ގެނައި ބަދަލުތަކުގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލަންކާގެ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި އެ ގައުމުގެ ޓޫރިޒަމް ދާއިރާގެ މީހުން ބުނީ، ވިސާ ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ވިސާ އަށް ދައްކަން ޖެހޭ ފީ އިތުރުވުމުން ސްރީލަންކާ އަކީ މިހާރު އޭޝިއާ ސަރަހައްދުގައި ވިސާގެ ހަރަދު އެންމެ ބޮޑު ގައުމު ކަމަށެވެ.

ލަންކާއަށް ދިއުމަށް ކުރިން 30 ދުވަހަށް 50 ޑޮލަރަށް ވިސާ ލިބެ އެވެ. އެހެން ނަމަވެސް 30 ދުވަހަށް ވިސާ ދިނުމުގެ ބަދަލުގައި ހަ މަހަށް ވިސާ ދޭން ވަނީ ނިންމައިފަ އެވެ. އެ މުއްދަތަށް ވިސާ ޖަހަން 101 ޑޮލަރު ވަރު ހޭދަކުރަން ޖެހެ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާގައި ޔޫރަޕްގެ ގައުމުތަކުން އެ ގައުމުތަކަށް ދާ ޓޫރިސްޓުންގެ އަތުން ވިސާ ފީގެ ގޮތުގައި ދައްކަންޖެހެނީ 25-40 ޑޮލަރެވެ. ތައިލެންޑުން ޔޫރަޕާއި އެހެން ސަރަހައްދުތަކުގެ ގިނަ ގައުމުތަކުން 30 ދުވަހުގެ ވިސާ ހިލޭ ލިބެ އެވެ. އަދި ވިއެޓްނާމްގައި 45 ދުވަހާ ހަމައަށް ހިލޭ ވިސާ ލިބޭ އިރު ވިސާ ނަގާ ބައެއް ގައުމުގެ މީހުންގެ އަތުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ނަގަނީ 30 ދުވަހަށް 25 ޑޮލަރެވެ. މެލޭޝިއާ އާއި ސިންގަޕޯ އާއި އިންޑޮނޭޝިއާއިން ވެސް ޔޫރަޕްގެ ގައުމުތަކަށް 30 ދުވަހުގެ ފްރީ ވިސާ ލިބެ އެވެ.

ރާއްޖެ އަށް ވެސް ހުރިހާ ގައުމަކުން އަންނަ މީހުންނަށް 30 ދުވަހަށް ފްރީ ވިސާ ލިބެ އެވެ.

ލަންކާގެ ވިސާ ފީއަށް ބަދަލު ގެނައި ނަމަވެސް ސާކްގެ ގައުމުތަކުން އެ ގައުމަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

ލަންކާގެ ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން ބުނީ، ތައިލެންޑާއި ވިއެޓްނާމް ފަދަ ވާދަވެރި މަންޒިލްތަކުގައި ހިލޭ ނުވަތަ ކުޑަ ފީއެއް ވިސާ އަށް ނަގާ އިރު، ފީ ބޮޑުކުރުމުން ކުރުމުން ޓޫރިޒަމަށް އޭގެ ހީނަރުކަން އަންނާނެ ކަމަށެވެ.

ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (އެސްއެލްއޭއައިޓީއޯ) އިން ރައީސް ރަނިލް ވިކްރަމަސިންހަ އަށް ފޮނުވާފައިވާ ސިޓީގައި ވަނީ ޓޫރިސްޓަކަށް ބޭނުންވާ 30 ދުވަހުގެ، ސިންގަލް އެންޓްރީ ވިސާ ފަސޭހަކަމާ އެކު ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރީގެ އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ސިސްޓަމް ފަދައިން ސަރުކާރުން ހިންގާ ވެބްސައިޓެއް މެދުވެރިކޮށް ވާދަވެރި އަދި ޔޫޒާ ފްރެންޑްލީ ވިސާގެ މަރުހަލާއެއް އަލުން ގެންނަން ޖެހޭ ކަމަށެވެ.

އެ ގައުމުގެ އިގްތިސާދު ފުޅާ ކުރުމުގެ މައި ތަނބު، ޓޫރިޒަމް ދާއިރާގެ އަމާޒަކީ މި އަހަރު 2.3 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ގެނައުން ކަމަށާއި ވިސާގެ މި ބަދަލުތަކުގެ ސަބަބުން މި އަމާޒަށް ދާން އުނދަގޫވާނެ ކަމަށް ވެސް އެ ކަމިއްޔާ އިން ބުންޏެވެ.

"ކުއްލިއަކަށް ފީ ބޮޑުވުމާއި ކޮމްޕްލިކޭޓެޑް ޕްރޮސެސްގެ ސަބަބުން ޓޫރިސްޓުން އައުމަށް ހުރަސް އެޅިދާނެ. މި ބަދަލުގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ދެ މިލިއަނަށް ވުރެ ދަށްވާނެ،" އެ ބަޔާނުގައި ވެ އެވެ.





More from Mihaaru