ދެ މިލިއަން ހަރަދުވާ ޕްރޮޖެކްޓްތަކަށް ބަޖެޓްގައި ދެ ލައްކަ ރުފިޔާ ވެސް ޖަހާފައި އެބަހުރި: ރާފިއުTrending Now

Mon, 06 May 2024 12:08 PM

View on this article on Mihaaru

ދެ މިލިއަން ހަރަދުވާ ޕްރޮޖެކްޓްތަކަށް ބަޖެޓްގައި ދެ ލައްކަ ރުފިޔާ ވެސް ޖަހާފައި އެބަހުރި: ރާފިއުTrending Now

ދެ މިލިއަން ރުފިޔާ ހަރަދުވާ ބައެއް ޕްރޮޖެކްޓްތަކަށް، ބަޖެޓްގައި ދެ ލައްކަ ރުފިޔާ ވެސް ޖަހާފައި އެބަހުރި ކަމަށާއި އެއީ މަޝްރޫތައް ލަސްވާ ސަބަބެއް ކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން، ރާފިއު މަޖިލީހަށް ވަޑައިގެންނެވި އިރު އެންމެ ގިނަ ސުވާލު އަމާޒުވީ ރަށްރަށުގައި ހުރި ޕްރޮޖެކްޓްތައް ލަސްވުމުގެ މައްސަލައިގަ އެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓެއް ހަވާލު ކުރާއިރު، ބަޖެޓްގައި އެކަމަށް ހަމަޖެހިފައި ވަނީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ. މަސައްކަތް ހަވާލުކުރުމަށް ފަހު، އެޑްވާންސަށް ދޭ 15 ޕަސެންޓް ދިނުމަށްފަހު ދެން ދެވަނަ ޕޭމަންޓް ދައްކަން ބަލާއިރު އެ އަހަރެއްގެ ބަޖެޓްގައި ދެން އެކަމަށް ތަން ނުދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެންނަށް ޖެހޭނީ [ބަޖެޓްގެ] އެހެން ކޯޑަކުން އެ ފައިސާ ބަޖެޓަށް ޓްރާންސްފާ ކުރަން. ދެން ކޮން ކޯޑަކުންތޯ އަޅުގަނޑުމެން ބަޖެޓަށް އެ ފައިސާ ޓްރާންސްފާ ކުރާނީތޯ ބަލާއިރު، ދެން އެ ފައިސާ ނަގާ ކޯޑް އެއީ ވެސް ކޮންމެވެސް ރަށެއްގެ ކޮންމެވެސް ޕްރޮޖެކްޓަކަށް ވެފައި މި އިންނަނީ. އެހެންވީމަ ދެން މި ވާގޮތަކީ ހަމަ އެ ރަށުން އެ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދަން ޖެހޭ،" ރާފިއު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ --- ފޮޓޯ: މަޖިލިސް

ބަޖެޓްކޮށްފައި ހުރި ގޮތުން ޕްރޮޖެކްޓްތައް ހިންގަން ބަޖެޓްގެ ދަތިކަން ވަރަށް ބޮޑަށް އެބަހުރި ކަމަށް ރާފިއު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ޖެހޭނީ ދަންމާލަން އަނެއްކާ ވެސް ޖެހިގެން އޮންނަ އަހަރު އެކަން ކުރިއަށްގެންދާ ގޮތަށް،" ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާފިއު ވިދާޅުވި އެވެ.

"އެބަހުރި އެނގޭތޯ ދެ މިލިއަން ތިން މިލިއަންގެ ޕްރޮޖެކްޓަށް ދެ ލައްކަ ތިން ލައްކަ ރުފިޔާ ބަޖެޓްގައި ހިމެނިފައި. އެހެންވީމަ ދެވަނަ ފަހަރަކަށް ޕޭމަންޓަކަށް ދާއިރުގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދަން ދަތިވޭ."

މަސައްކަތްތައް ލަސްވާ އަނެއް ސަބަބެއް ކަމަށް ރާފިއު ވިދާޅުވީ މަސައްކަތަށް ބޭނުންވާ ތަކެތި ގެންނަން ހަވާލުވާ ކުންފުނިން އޯޑަރުކޮށްގެން އެ ގަންނަން ނަގާ ވަގުތު ދިގުލައިގެންދާ މައްސަލަ އެވެ.

ތަކެތި ނުގަނެވި ދިގުލައިގެން ދިއުމުން، މިނިސްޓްރީން ހަވާލު ކުރި ކުންފުނިން އެހެން ކުންފުންޏަކަށް ސަބް ކޮންޓްރެކްޓްގެ ގޮތުގައި ދެވަނަ ކުންފުންޏަކަށް އަދި އެ ކުންފުނިން އެހެން ކުންފުންޏަކަށް ވެސް ދީ ތިންވަނަ ކުންފުންޏަކަށް ވެސް ދެވިގެން ގޮސް ތަކެތި ގެނައުން ލަސްވެގެންދާ ކަމަށް ރާފިއު ވިދާޅުވި އެވެ.





More from Mihaaru