އައްޑޫގައި ފެން އުފެއްދޭ ވަރަށް ވުރެ ބޭނުންކުރާ ވަރު އިތުރު: ފެނަކަ

Mon, 06 May 2024 11:41 AM

View on this article on Mihaaru

އައްޑޫގައި ފެން އުފެއްދޭ ވަރަށް ވުރެ ބޭނުންކުރާ ވަރު އިތުރު: ފެނަކަ

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައި ވަނީ ފެން އުފެއްދޭ ވަރަށް ވުރެ ބޭނުންކުރާ ވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެ ރަށްތަކަށް ސަޕްލައި ފެނުގެ ހިދުމަތް ދޭ ފެނަކަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫގެ އާބާދީ ބޮޑުވުމާ އެކު އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ ކަމަށެވެ. އަދި މިހާރު އިންސްޓޯލްކޮށްފައިވާ ޕްލާންޓުން އުފެއްދޭ ފެނަށް ވުރެ ބޭނުންކުރާ ފެނުގެ ނިސްބަތް އިތުރުވެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން އައްޑޫގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އައްޑޫގެ ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓް ނިމޭއިރު އައްޑު އަށް ދިމާވެފައިވާ ފެނުގެ ދަތި ކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށާއި މިހާރު ވެސް މެދުނުކެނޑި ހިދުމަތް ލިބޭނެ އިންޒާމު ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ފެނަކައިގެ ނޫސްބަޔާނުގައިވެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދޭތެރެދޭތެރެއިން ފެނުގެ ހިދުމަތް މެދުކެނޑުމާއި ޕްރެޝަރުގައި ފެން ނައުމުގެ މައްސަލަތަކާ ހެދި ކައުންސިލަށް ވަރަށް ގިނައިން އާންމުންގެ ޝަކުވާ ލިބޭ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

އެ ކަންބޮޑުވުން ފާޅުކުރައްވައި ނިޒާރު ވިދާޅުވީ އެ ހާލެއްގައި އައްޑޫގެ ރައްޔިތުން އުޅެމުން ދާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ ކަމަށެވެ.

އައްޑޫގެ ސަޕްލައި ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13 ގަ އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ސ. ހިތަދޫގައި އާރްއޯ ޕްލާންޓުތައް ހެދުމާއި ވޯޓާ ސްޓޯރޭޖް ޓޭންކުތައް ހެދުމާއި ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމްކުރުމާއި ލެބޯޓަރީތައް ހެދުމާއި ކަމާބެހޭ އިތުރު ފެސިލިޓީތައް ގާއިމްކުރާނެ އެވެ. އެއީ 283 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.





More from Mihaaru