ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބި އަހަރުތަކެއް ވުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް

Mon, 06 May 2024 11:24 AM

View on this article on Mihaaru

ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބި އަހަރުތަކެއް ވުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އަށް އިންސާފު ނުލިބި، ތިން އަހަރު ވެގެން ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއްގެ ގޮތުގައި އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސްއިން ސިފަކޮށްފި އެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލަ އަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ، މިއަދާ ހަމައަށް ވެސް ނަޝީދަށް އިންސާފު ލިބިފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން ބުނީ، މި ހަމަލާގައި ތުހުމަތު ކުރެވުނު މީހުންގެ ތެރެއިން ކުށަށް އިއުތިރާފުވީ މީހުންގެ އިތުރުން އިތުރު މީހުންގެ ޝަރީއަތްތައް ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ދޫވެ، އަދި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.

"[މިއީ] ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެ މައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި 'ނޯމަލައިޒް' ކުރުމުގެ އަމަލެއް ކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ މި ހަމަލާގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.

ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ވެސް ވަރަށް ފަހުން ވިދާޅުވެފައި ވަނީ ޓެރަރިސްޓް ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައި ނުގަނެވޭ ކަމަށެވެ.





More from Mihaaru