ފަލަސްތީނުގެ ގަތުލުއާންމު ހުއްޓުވަން ތެދުވުމަށް އިސްލާމީ އުއްމަތުގެ ލީޑަރުންނަށް ރާއްޖޭން ގޮވާލައިފި

Sun, 05 May 2024 09:16 AM

View on this article on Mihaaru

ފަލަސްތީނުގެ ގަތުލުއާންމު ހުއްޓުވަން ތެދުވުމަށް އިސްލާމީ އުއްމަތުގެ ލީޑަރުންނަށް ރާއްޖޭން ގޮވާލައިފި

އިޒްރޭލުން ކެނޑެނޭޅި ލާއިންސާނީ ހަމަލާތައް ދީ، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން މުޅި އިސްލާމީ އުއްމަތް ތެދުވެ، މިހާރަށް ވުރެ ބޮޑަށް އެކުގައި މަސައްކަތް ކުރަން މުސްލިމް ލީޑަރުންނަށް ރާއްޖޭން ގޮވާލައިފި އެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފާއިތުވި ހަ މަހެއްހާ ދުވަހު، ފަލަސްތީނުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންގެ ފުރާނަ އާއި ހައްގުތަކާއި މުސްތަގުބަލު ގެއްލުވައިލަމުންދާ މަންޒަރު މާޔޫސްކަމާ އެކު ބަލަހައްޓައިގެން ތިބެން މުޅި އިސްލާމީ އުއްމަތަށް މަޖުބޫރުވެފައިވާ ކަމަށެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ފަލަސްތީނުގެ ނައްތާލުމުގެ އަމަލުތަކަކީ އެތަކެއް އަހަރެއް ވަންދެން އިޒްރޭލުގެ އަނިޔާވެރިކަމަށް އަޅާނުލުމުގެ ނަތީޖާކަން ޝަހީމް ފާހަގަކުރެއްވި އެވެ.

"...ހަމަލާތައް ހުއްޓައިލަން ބައިނަލްއަގުވާމީ މުޖުތަމައިން ހަމައެކަނި ގޮވައިލުމަކުން ނުފުދޭ. ހަނގުރާމައިގެ ނަމުގައި މި ގަތުލުއާންމު އަދިވެސް އެ ދަނީ ހިންގަމުން. ހަމަލާތައް ހުއްޓައިލުމުގެ ގޮވައިލުން ތަންފީޒު ކުރެވެންޖެހޭ." - މިނިސްޓަރު ޝަހީމް

ފަލަސްތީނުގެ މައުސޫމް ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިއަން އާންމުން ނުކުމެ އިހުތިޖާޖު ކުރަމުންދިޔަސް، ޝަހީމް ވިދާޅުވި ގޮތުގައި، އދ. އެންމެ ބާރުގަދަ ގުނަންކަމަށްވާ ސަލާމަތީ މަޖިލީހުން ހަމަލާތައް ހުއްޓައިލަން ގޮވައިލުމަށް ހަ މަހަށް ވުރެ ގިނަ ދުވަސް ނެގި އެވެ.

"...ހަމަލާތައް ހުއްޓައިލަން ބައިނަލްއަގުވާމީ މުޖުތަމައިން ހަމައެކަނި ގޮވައިލުމަކުން ނުފުދޭ. ހަނގުރާމައިގެ ނަމުގައި މި ގަތުލުއާންމު އަދިވެސް އެ ދަނީ ހިންގަމުން. ހަމަލާތައް ހުއްޓައިލުމުގެ ގޮވައިލުން ތަންފީޒު ކުރެވެންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ޣައްޒާއަށް ކޮންމެހެން ބޭނުންވެފައިވާ އިންސާނީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމުގެ އިތުރުން އިޒްރޭލުގެ އަމަލުތަކަށް ޖަވާބުދާރީކުރުވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހެ އެވެ.

"މި ހަނގުރާމަ މިހާރު މިހާރަށް ހުއްޓުވަންޖެހޭ."

ގެމްބިއާގައި ކުރިއަށްދާ އޯއައިސީ ސަމިޓުގައި މުސްލިމު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލާ ދެކޮޅަށް ބަލަމުންދާ މައްސަލައިގެ އިތުރުން އޭނާ ހާމަކުރެއްވި ގޮތުގައި ޣައްޒާއާ ގުޅުވައި ޖެނޮސައިޑް ކޮންވެންޝަން ނޫނީ ގަތުލުއާންމު ހުއްޓުވުމުގެ މުއާހަދާގެ ދަށުން މައްސަލައެއް ހުށަހަޅަން ރާއްޖޭން ވަނީ ނިންމާފައި އެވެ.

އަދި އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ފަލަސްތީނަށް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެ މަސައްކަތުގައި އިސްކޮށް ބައިވެރިވެ، ވަކާލުތުކޮށްދިނުމަށް ޝަހީމް ވަނީ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ހަރުއަޑުން ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެންނަކީ 57 ގައުމުގެ އާއިލާއެއް. ދުވަހެއް ދުވަހަކުން އިތުރުވަމުން އަންނަ ބިލިއަނަކަށް ވުރެ ގިނަ މީހުންގެ އާބާދީއެއް. ދެން ކީއްވެތޯ ދުނިޔޭގެ އެހެން ހިސާބުތަކުގައި އުޅޭ މުސްލިމް އަޚުންނަށް އެހީތެރިވާން އަޅުގަނޑުމެން މިވަރަށް ނުކުޅެދިފައި މިތިބެނީ؟." މިނިސްޓަރު ޝަހީމް

އޭނާ ވިދާޅުވި ގޮތުގައި މުޅި އިސްލާމީ އުއްމަތަށް މިއަދު ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި އެވެ. އެ ގޮންޖެހުންތައް އަރައިގަންނަން މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޝަހީމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަކީ 57 ގައުމުގެ އާއިލާއެއް. ދުވަހެއް ދުވަހަކުން އިތުރުވަމުން އަންނަ ބިލިއަނަކަށް ވުރެ ގިނަ މީހުންގެ އާބާދީއެއް. ދެން ކީއްވެތޯ ދުނިޔޭގެ އެހެން ހިސާބުތަކުގައި އުޅޭ މުސްލިމް އަޚުންނަށް އެހީތެރިވާން އަޅުގަނޑުމެން މިވަރަށް ނުކުޅެދިފައި މިތިބެނީ؟،" ޝަހީމް ސުވާލުކުރެއްވި އެވެ.

"ކީއްވެތޯ އަޅުގަނޑުމެންނަށް ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ނުހުއްޓުވިގެން މިއުޅެނީ؟ ކީއްވެތޯ އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ދުނިޔެއަށް ޑިމާންޑު ނުކުރެވިފައި އަޅުގަނޑުމެން މިތިބެނީ؟."

އެ ސުވާލުތަކާ އެކު ޝަހީމް ވަނީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ވެރިންގެ އަޑުތައް ގަދަކޮށް، ފިޔަވަޅުތައް ވަރުގަދަކޮށް، އަނިޔާވެރިކަމުގެ ޝިކާއަރައަކަށްވެފައި ތިބި މުސްލިމުންގެ އިތުރުން އިސްލާމީ އުއްމަތުގެ މުސްތަގުބަލު ސަލާމަތްކުރުމަށް ގޮވާލައްވާފައި އެވެ.





More from Mihaaru