ފްލެޓުތައް ނިމުމުގެ ކުރިން ފްލެޓު ކޮމިޓީން މައްސަލަތައް ބަލައި ނިންމާނެ: ސަރުކާރު

Sun, 28 Apr 2024 01:47 PM

View on this article on Mihaaru

ފްލެޓުތައް ނިމުމުގެ ކުރިން ފްލެޓު ކޮމިޓީން މައްސަލަތައް ބަލައި ނިންމާނެ: ސަރުކާރު

ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ނިމެންވާ އިރަށް، ކުރީ ސަރުކާރުން އެ ފްލެޓުތައް ދޫކުރި ގޮތް ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް ނިންމާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ކުންފުނިތަކަކާ 4000 ޔުނިޓުގެ 16 ޓަވަރު އެޅުމުގެ މަސައްކަތް އެބަކުރެ އެވެ.

އެ ފްލެޓުތައް ލިބޭނެ ފަރާތްތަކުގެ ލިސްޓެއް އޭރު ނެރުނު ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓުތައް ހަވާލު ކުރުން ހުއްޓުވި އެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު ބޮޑެތި މައްސަލަތަކެއް އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ.

މި ސަރުކާރުން ވަނީ އެ މައްސަލަތައް ބަލައި ހައްގުވެރިންނަށް ފްލެޓު ދިނުމަށް އާ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުލޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ފްލެޓު ކޮމިޓީގެ މަސައްކަތް ބާރަށް ކުރިޔަށް ދާ ކަމަށެވެ.

އެކަމާ ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީން ފާހަގަ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ފްލެޓުތައް ހަދާ ނިމެންވާއިރަށް ކޮމިޓީގެ މަސައްކަތްތައް ނިންމައި ފްލެޓު ހަވާލު ކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

"ފްލެޓުތަކުގެ މަސައްކަތް އަދި ނުނިމޭ. ފްލެޓުތައް ހަދާ ނިމެން ވާއިރަށް މި އުންމީދު ކުރަނީ ފްލެޓް ކޮމިޓީގެ ނިންމުންތައް ނިމި ހައްގުވެރި ފަރާތްތަކަށް އެ ހަވާލު ކުރެވިގެން ދާނެ." ހީނާ ވިދާޅުވި އެވެ.

ފްލެޓުތައް ނިމޭނެ ތާރީހަކާ ގުޅޭ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން 4،000 ހައުސިން ޔުނިޓު އެއްކޮށް ނިންމައި، ސަރުކާރާ ހަވާލުކުރަން މަސައްކަތް ދަނީ ކުރަމުންނެވެ.

އެކަން ކުރުނަށް އިތުރު ލޭބަރުން ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.





More from Mihaaru