ހިންމަފުށީ ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި، އެއްވަނައަށް އުމްރާ ދަތުރެއް

Sun, 28 Apr 2024 12:58 PM

View on this article on Mihaaru

ހިންމަފުށީ ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި، އެއްވަނައަށް އުމްރާ ދަތުރެއް

ކޮންމެ އަހަރެއްގެ ރޯދަމަހު ކ. ހިންމަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގެ މި އަހަރުގެ ވަނަތައް ހޮވައި ނަތީޖާ ފާޅުކޮށްފި އެވެ.

ހިންމަފުއްޓަށް ހުޅުވާލައިގެން ބޭއްވި، 140 ކުއްޖަކު ބައިވެރިވި މުބާރާތުން އެއް ވަނަ ހޯދީ އެ ރަށު ފިނިވިލާގޭ ތަމްކީން ހުސެއިން އެވެ. ގުރުއާން މުބާރާތުގެ އިތުރުން ކައުންސިލުން މި އަހަރު ވަނީ ބަންގި މުބާރާތެއް ވެސް ބާއްވައިފަ އެވެ. ޖުމްލަ 40 ދަރިވަރުން ބައިވެރިވި އެ މުބާރާތުން ވެސް އެއްވަނަ ހާސިލް ކޮށްފައި ވަނީ ވެސް އޭނާ އެވެ.

ތަމްކީންއަށް ގުރުއާން މުބާރާތުން ލިބިފައި ވަނީ ކައުންސިލުން ދޭ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުމުގެ އިތުރުން އުމްރާ ދަތުރެކެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އަދި ޑީއެމްޑީ މުހައްމަދު ޝިހާބް ދެއްވާ 5000ރ. އާއި ދޮންއާދަންފުޅު (ޑޮނާޑް) ދެއްވާ 2000ރ.ގެ އިނާމަކާއި ޕިކްސް އިން މެރިންއިން ދޭ 500ރ. އެވެ.

ހިންމަފުށީ ކައުންސިލްގެ ގުރުއާން މުބާރާތުގެ އެންމެ މޮޅު ދަރިވަރަށް އިނާމު ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުޅި މުބާރާތުން ދެވަނަ އަށް ދިޔައީ އެ ރަށު މަލަ، ރަޣަދް އިންތް އަހުމަދު ހަބީބް އެވެ. އޭނާއަށް އިނާމަކަށް ކައުންސިލުން 12،000ރ. އާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އަދި ޑީއެމްޑީ މުހައްމަދު ޝިހާބް ދެއްވާ 3000ރ. އާއި ދޮންއާދަންފުޅު (ޑޮނާޑް) ދެއްވާ 1500ރ.ގެ އިނާމަކާއި ޕިކްސް އިން މެރިންއިން ދޭ 400ރ. އެވެ.

މުބާރާތުން ތިން ވަނައަށް ހޮވުނީ ބީޗްވިލާ، މުހައްމަދު އަޔާން ހުސެއިން އެވެ. އަޔާން އަށް ދީފައި ވަނީ ކައުންސިލުން ދޭ 7،000ރ. އާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އަދި ޑީއެމްޑީ މުހައްމަދު ޝިހާބް ދެއްވާ 2000ރ. އާއި ދޮންއާދަންފުޅު (ޑޮނާޑް) ދެއްވާ 1000ރ.ގެ އިނާމަކާއި ޕިކްސް އިން މެރިންއިން ދޭ 350ރ. އެވެ.

ހިންމަފުށީ ކައުންސިލްގެ ގުރުއާން މުބާރާތުގެ އެންމެ މޮޅު ތިން ބައިވެރިންް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަންގި މުބާރާތުން އެއްވަނަ ލިބުމުން ތަމްކީންއަށް ލިބިފައި ވަނީ ކައުންސިލުންދޭ ޓްރޮފީ އާއި ހަނދާނީ ލިޔުން އަދި ހިންމަފުށީ ކައުންސިލުން ދޭ 3000ރ. އެވެ.

ގުރުއާން މުބާރާތުގެ ގަދަ 5:

1. ރައަދް ބިންތް އަހުމަދު ހަބީބް

2. ޒުކަން ބިން އިބްރާހިމް ނަސީރު

3. މުހައްމަދު އަޔާން ހުސެއިން

4. މުހައްމަދު ނަޒާން

5. އައިޝަތު ފިރާޝާ

ހިންމަފުށީ ކައުންސިލްގެ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މުބާރާތުގައި 18 އަހަރުން ދަށުންނާއި 18 އަހަރުން މަތީގެ ބައިވެރިންގެ ވަނަތައް ވެސް ވަނީ ހޮވައިފަ އެވެ.

ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ އެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ ބޭނުމަކީ އެ ރަށުގައި ގުރުއާނަށް ލޯބި ޖެހިފައިވާ މީހުން އިތުރުކުރުމަށާއި ރަށުގައި ގުރުއާން އާލާކުރުން ކަމަށެވެ. ބަންގި މުބާރާތް ބާއްވަން ފެށީ ކުޑަކުދިންގެ ހިތްތަކުގައި ނަމާދާ މެދު ލޯބި ޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.





More from Mihaaru