ގެސްޓްހައުސްތަކުގެ ދުވެލި، އިގްތިސާދީ މަޑުޖެހުމަކަށް: ވިސްނުންތެރިކަމާ އެކު ފިޔަވަޅު އަޅަން ޖެހޭ

Sun, 28 Apr 2024 11:49 AM

View on this article on Mihaaru

ގެސްޓްހައުސްތަކުގެ ދުވެލި، އިގްތިސާދީ މަޑުޖެހުމަކަށް: ވިސްނުންތެރިކަމާ އެކު ފިޔަވަޅު އަޅަން ޖެހޭ

އެޕްރީލްމަހު ވޯލްޑް ބޭންކުން ނެރެފައިވާ 'ސައުތު އޭޝިއާ ޑެވެލޮޕްމަންޓް އަޕްޑޭޓް' ގައި ލިޔެފައިވާ ގޮތުގައި، އަގުބޮޑު ރިސޯޓް ދޫކޮށް ގެސްޓްހައުސްތަކާ ދިމާއަށް ޓޫރިސްޓުންގެ އަމާޒު ހިފުމުގެ ސަބަބުން، އާމްދަނީ އިތުރުވާ މިންވަރު މަޑުޖެހި، ޖީޑީޕީ ކުރިއަރާ މިންވަރު ދަށްވެއްޖެއެވެ.

މީގެ އިތުރުން ފެބްރުއަރީ-މާޗް ގައި އެމްއެމްއޭ އަދި ގައުމީ ސްޓެޓިސްޓިކްސް ބިޔުރޯއިން ނެރެފައިވާ 2023ގެ ހަތަރު ވަނަ ކުއާޓާ (އޮކްޓޯބަރު - ޑިސެމްބަރު 2023) ގެ ރިޕޯޓުތަކުގައި ވެސް މި ވާހަކަ ވަނީ މި ނިސްބަތުން ބުނެފައެވެ.

މި ތިން ރިޕޯޓުގައި ވެސް ބުނަނީ އިގްތިސާދީ ދުވެލި ނުއަތަށް އެނބުރޭ ވާހަކައެއް ނޫނެވެ. އަދި ޓޫރިޒަމަށް ލިބުނު ޖުމްލަ އާމްދަނީ މަދުވެއްޖެ ކަމުގައެއް ވެސް ނޫނެވެ. ޓޫރިޒަމްގެ އާމްދަނީ އިތުރުވެ، ގައުމުގެ އިގްތިސާދު ވެސް އަންނަނީ ކުރިއަރަމުންނެވެ. މި ރިޕޯޓުތަކުގައި ބުނަނީ، ޓޫރިޒަމް އާމްދަނީ އާއި އިގްތިސާދު ކުރިއަރަމުން އައި ހަލުއިމިނަށް ލަސްކަމެއް އަތުވެއްޖެ ކަމުގައެވެ. އަދި މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ގެސްޓްހައުސްތައް ޚިޔާރުކުރާ ޓޫރިޒަމްގެ ނިސްބަތް އިތުރު ވެގެންދިޔުން ކަމުގައި ވެސް ވަނީ ބުނެފައެވެ.

މިއަަދު ވެސް އަދި ކުރިމަގުގައި ވެސް، ރާއްޖޭގެ އިގްތިސާދުގެ ބިންގަލަކީ ޓޫރިޒަމާ މެދަކު ޝައްކެއް ނެތެވެ. މިއަދުގެ ވާހަކައަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ވަނީ، އަގުބޮޑު ރިސޯޓު ދޫކޮށް ގެސްޓްހައުސްތަކާއި ދިމާއަށް މިސްރާބު ޖަހައިފައި ކަމަށާއި، އެކަމުގެ ސަބަބުން ސިނާއަތުގެ ޖުމްލަ އާމްދަނީއަށާއި، ގައުމީ އިގްތިސާދީ ދުވެލީގެ ސްޕީޑަށް ބަރުހެލިކަމެއް އަތުވެއްޖެ ކަމަށެވެ.

ދިގުރަށުގައި ހަދާފައިވާ ގެސްޓް ހައުސްއެއްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ: ލޯކަލް ޓޫރިޒަމް ރާއްޖޭގައި ދަނީ ފުޅާވަމުން -- ފޮޓޯ: މިހާރު

ގެސްޓްހައުސް ޓުއަރިޒަމް؟

ސިޔާސަތެއްގެ ގޮތުގައި 2009 އިން ފެށިގެން ގެސްޓްހައުސް ޓޫރިޒަމް ޕްރޮމޯޓް ކުރަން ފެށިއިރު އޮޕަރޭޓްކުރަމުން ގެންދިޔައީ 400 ގެސްޓްހައުސް އެނދެވެ. މިއަދު، 18 އަހަރުފަހުން، 3،000 ޕަސެންޓަށް ވުރެ ބާރަށް ކުރިއަރައި 14،146 އެނދަށް ވަނީ އިތުރުވެފަ އެވެ.

މިއަދު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގެސްޓްހައުސްތައް އޮޕަރޭޓް ކުރެއެވެ. މާފުށީގައި އެކަނި 65 ގެސްޓްހައުސްގައި 1،806 އެނދު އޮޕަރޭޓް ކުރެއެވެ. އެއީ 100 އެނދުގެ 18 ރިސޯޓަށް ވުރެ ގިނަ އެނދެވެ. އަރިއުތުރު އުތުރުގޮފީ ތޮއްޑޫގެ 56 ގެސްޓް ހައުސް އާ އެކު އެ އަތޮޅުގައި ޖުމްލަ 154 ގެސްޓް ހައުސްގައި 1،908 ގެސްޓްހައުސް އެނދު، (100 އެނދުގެ 19 ރިސޯޓުގެ އަދަދަށް) އޮޕަރޭޓް ކުރެއެވެ. ދެހާސްބާވީހުގެ ނިޔަލަށް ޖުމްލަ، 118 ރަށުގައި 874 ގެސްޓްހައުސްގައި 14 ހާހަށް ވުރެ ގިނަ އެނދު އޮޕަރޭޓް ކުރިއެވެ.

ބިޑު ކޮށްގެން ލިބޭ ރަށް ދޮލަނގަށް ލައިގެން ބޮޑެތި އިންވެސްޓަރުންގެ ގޭދޮރުމަތިން ކުރުކާލި ކެނޑުމުގެ ބަދަލުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސީދާ ގޮތުގައި ޓޫރިޒަމްގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތު ގެސްޓް ހައުސް ވިޔާފާރީގެ ސަބަބުން ހުޅުވިގެން ދިޔައެވެ. ރަށްރަށުގައި ކުދިހޮޓާތަކާއި، ކެފޭތަކާއި، ލޯންޑްރީތައް ހުޅުވި، ވިޔަފާރި ރަނގަޅުވިއެވެ. ޕިކްނިކް ދަތުރާއި މަސްދަތުރުތަކުގެ ސަބަބުން އޮޑިވެރިންނާއި ފަޅުވެރިންނަށް ނަފާލިބުނެވެ. ވަޒީފާވެރިން ގިނަވެ، ރަށުތެރޭގައި އިގްތިސާދީ މުއާމަލާތްތަކެއް އުފަންވިއެވެ. ގެސްޓްހައުސް ވިޔަފާރިއަކީ، ގައުމުގެ އާމްދަނީ ގިނަބަޔަކަށް ބެހިގެން ދިޔުމުގެ މަގު ފަހިކޮށްދޭ، ކުދި އަދި މެދު ފަންތީގެ ވިޔާފާރިތަކަށް ދިރުން ލިއްބައިދިނުމުގެ މުހިންމު މެދުވެރިޔެކެވެ.

ދެން ހަދާނީ ކިހިނެއް؟

އަގުބޮޑު ރިސޯޓް ދޫކޮށް ގެސްޓްހައުސްތައް ޚިޔާރުކުރާ ޓޫރިސްޓުން ގިނަވުމުގެ ސަބަބުން ޓޫރިޒަމްގެ ސިނާއަތާއި، ޖުމުލަ އިގްތިސާދީ ދުވެލި ލަސްވާކަމަށް ބުނުމުން، އެއީ ގައުމެއްގެ ގޮތުން އެންމެން ވިސްނަންވެއްޖެ ކަމަކަށް ނޫނީ ނުވާނެއެވެ.

މާފުށީގައި ޓޫރިސްޓުންތަކެއް މޫދުގައި: މި ރަށަކީ އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް އޮތް ރަށް -- ފޮޓޯ: މިހާރު

އަޅުގަނޑުމެން އެންމެންމެ ބޭނުމީ ޓޫރިޒަމްގެ ސިނާއަތް ކުރިއަރައި އެ ސިނާއަތުގެ ނަފާ ގިނަމީހުންނަށް ލިބޭތަން ދުށުމެވެ. ގޭ އޮޅި ގިރާކޮށް، ފަތުރުވެރިކަމުގެ މޭވާ، އާދާނާއި އައިސާގެ ކާމޭޒު މައްޗަށް ވެސް ފޯރުމެވެ. ކަންމަތީގޭ އަލިކޮޔަށާއި ޖެހިގެން ހުރިގޭ ދޮންކަތްދައަށް ވެސް ޓޫރިޒަމްގެ ސިނާއަތުގެ ތެރެއިން އާމްދަނީ ހޯދުމުގެ މަގު ފަހިވުމެވެ. ނަމަވެސް، ގެސްޓްހައުސްތަކުގެ ސަބަބުން ޖުމްލަ އިގްތިސާދުގެ ބުރަކިޖެހޭ ތަން ދުށުމަކަށް ގެސްޓްހައުސްތަކުގެ އިންވެސްޓަރުން، ރަށްރަށުގެ ކުދި ވިޔާފާރިވެރިން، ކައުންސިލްތަކުން އަދި ޢާންމު ރައްޔަތުން ވެސް ބޭނުމެއް ނުވާނެއެވެ.

ފަހެ، ފައިކުރި ކިތަންމެ ފުޅާ ކަމުގައިވިޔަސް، މިއީ އެންމެ އެކަކަށް، ބަސްބުނެ ނިންމާލެވޭ ވަރަށް ވުރެ މުހިންމު ގައުމީ މައްސަލައެކެވެ. އުންމީދަކީ، ނޫސްތަކުގައި ފަލަސުރުހީ އެޅުއްވުމަށް ވަގުތު ހޭދަ ކުރެއްވުމުގެ ބަދަލުގައި، ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭގޮތުން، ގިނަ ދާއިރާތަކުގެ ބައިވެރި ވުމާއެކު، މައްސަަލަ ދިރާސާކޮށް، ހައްލު ހޯދުމުގެ ގައުމީ މަސައްކަތެއް އަވަހަށް ފެށޭ ތަން ދުށުމެވެ.





More from Mihaaru