ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް!

Sun, 28 Apr 2024 11:46 AM

View on this article on Mihaaru

ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް!

މިނިސްޓަރުން އިސްތިސްނާވާ ގޮތަށް، ރައީސް އޮފީހުގެ އެކިއެކި ބައްދަލުވުންތަކަށް ބޭރުން ދާ މީހުންގެ މޮބައިލް ފޯނު އެ އޮފީހަށް ވެއްދުން މަނާކޮށްފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ، ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އެ އަށް އަމަލުކުރަން ފެށިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އެކަމަކު، އެ ނިންމުން މީޑިއާގެ ސަމާލުކަމަށް މިއަދު އައީ ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ، އާ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދުގެ މީޑިއާ ބްރީފިން އަށް ދިޔަ ނޫސްވެރިންނަށް ފޯނު ނުވެއްދުމާ ގުޅިގެންނެވެ.

ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުމާ ގުޅިގެން، މިއަދުގެ ބްރީފިން އަށް ފޯނު ވެއްދުމުގެ ހުއްދަ ދިނެވެ. އެއީ ކުރިން އާންމުކޮށް އެކަން ނޫސްވެރިންނަށް ނާންގާ އޮތުމުން ދިން ހުއްދައެކެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި ނޫސްވެރިންގެ ބައްދަލުވުންތަކަށް ވެސް މޮބައިލް ފޯނު ނުވެއްދޭނެކަން މިއަދު އެންގި އެވެ.

ހަލީލް ވިދާޅުވީ، މިއީ ހަމައެކަނި ނޫސްވެރިންނަށް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށާއި މިހާރު އުސޫލުގައި އޮންނަނީ ރަައީސް އޮފީހުގެ މުވައްޒަފުން ނޫން އެހެން މީހުންނަށް ވެސް ފޯނު ނުވެއްދޭނެ ގޮތަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ އުސޫލުގައި އިސްތިސްނާ ވަނީ ހަމައެކަނި މިނިސްޓަރުންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެހެން އިސްވެރިންނާއި އެހެނިހެން ބޭފުޅުންނަށް ވެސް މިކަން އޮތީ މަނާކޮށްފަ އެވެ.





More from Mihaaru