ހުޅުމާލޭގައި އަރަބި އަދި އިނގިރޭސި ބަހުން ކިޔަވައިދޭ ސްކޫލު އަންނަ މަހު ހުޅުވަނީ

Sun, 28 Apr 2024 11:08 AM

View on this article on Mihaaru

ހުޅުމާލޭގައި އަރަބި އަދި އިނގިރޭސި ބަހުން ކިޔަވައިދޭ ސްކޫލު އަންނަ މަހު ހުޅުވަނީ

ހުޅުމާލޭގައި އަލަށް އިމާރާތްކުރި އިންޓަނޭޝަނަލް ސްކޫލު "އަޖިއަލް ބައިލިންގުއަލް ސްކޫލް"ގައި އަންނަ މަހު ފަށާ ދިރާސީ އަހަރާއެކު ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް އަލްޖެރީ ހޯލްޑިންއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެ ސްކޫލުގެ ބިންގާ އެޅީ ޖޫން 14، 2022ގަ އެވެ. އަލްޖެރީ ހޯލްޑިންގެ ދަށުން އެ ސްކޫލު އިމާރާތް ކުރާނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ.

ހުޅުމާލޭ ފޭސް 1 ގެ އައިރާ ޓަވަރުގެ ފުރަގަހުގައި އޮތް ބިމުގައި އިމާރާތްކޮށްފައިވާ އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ.

އަޖިއަލް އިންޓަނޭޝަނަލް ސްކޫލު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ސްކޫލު ތަރައްގީކުރާ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިހާރު ނިމިފައިވާ ފުރަތަމަ ފިޔަވަހީގެ ދަށުން ކިޔައިވައިދޭން ފެށުމަށް ތައްޔާރުވެފައި ވާއިރު ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުޅުވާލާފައި ވަނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑްތަކަށެވެ.

ބާރަ ސަތޭކަ ދަރިވަރުންނަށް ކިޔެވޭ އެ ސްކޫލުގައި މިހާރު ހުޅުވާލާފައި ވަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ތިނަކަށް ދަރިވަރުން ވެއްދުމަށެވެ. ސްކޫލުގެ ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ:

ސްކޫލު ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ:

1. ޕްރީ ސްކޫލުން ފެށިގެން ކިންޑާގާޑަން: 5،053ރ.

2. ގްރޭޑް1 އިން ގްރޭޑް3: 6333ރ.

އަޖިއަލް އިންޓަނޭޝަނަލް ސްކޫލު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ސްކޫލުގައި އިނގިރޭސި މީޑިއަމާއި އަރަބި ބަހުން ވެސް ކިޔަވައިދޭނެ އެވެ. އެ ސްކޫލުގައި ހިމެނޭ ބައެއް ތަންތަނަކީ:

- ނަމާދުކުރާ ކޮޓަރި

- ޓީޗަރުންގެ ރިސާޗް ރޫމް

- މެޑިކަލް ރޫމް

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި ހިނގާ 2023ގެ ދިރާސީ އަހަރުގެ ފަހު ދުވަހަކަށް ވާނީ އަންނަ އަންގާރަ އެވެ. މި އަހަރު، 2024ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 26 ގަ އެވެ.





More from Mihaaru