ރާއްޖޭގެ ހަތަރު މިނިސްޓަރަކު ސައޫދީގައި

Sun, 28 Apr 2024 09:42 AM

View on this article on Mihaaru

ރާއްޖޭގެ ހަތަރު މިނިސްޓަރަކު ސައޫދީގައި

ރާއްޖޭގެ ހަތަރު މިނިސްޓަރަކު ތަފާތު މުހިންމު ބައްދަލުވުންތަކަށް ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.

މިނިސްޓަރު ޑރ. ޝަހީމް ސައޫދީ އަަށް ވަޑައިގަތީ މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. މުސްލިމް އެކި ގައުމުތަކުގެ ދީނީ އިލްމުވެރިން ތިއްބަވާ އެ ޖަމާއަތުގެ ސުޕްރީމް ކައުންސިލަށް ޑރ. ޝަހީމް އައްޔަންކުރީ ވަރަށް ފަހުންނެވެ. މިއީ ދިވެއްސަކަށް އެ ޝަރަފު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.

ޑރ. ޝަހީމް ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ ވެސް ބައްދަލުކުރައްވައި، ރާއްޖޭގެ ޒަކާތު ހައުސް ކުރިއަރުވަން މުވައްޒަފުންނާއި ޝަރީއާ ބޯޑު ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ސައޫދީގެ އިސްލާމިކް މިނިސްޓަރާ ވެސް ޑރ. ޝަހީމް ބައްދަލުކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ސައޫދީ އަށް ކުރައްވާ ދަތުރުގައި ވަނީ ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވައިފަ އެވެ. އޭގެ ތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިން ހިމެނެ އެވެ. އެ ބައްދަލުވުންތަކުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވެސް ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި އިކޮނޮމިކް މިނިސްޓަރު ސައީދު ސައޫދީ އަށް ވަޑައިގަތީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ހަކަތައާ ގުޅޭ ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބާއްވާ އެ ބައްދަލުވުމުގައި 700 އަށް ވުރެ ގިނަ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ޒަމީރުގެ ދަތުރުގައި އެކި ގައުމުތަކުގެ ވެރިންނާއި އެހެން ބައެއް އިސްވެރިންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.





More from Mihaaru