ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަން ފަށައިފި

Sun, 28 Apr 2024 07:16 AM

View on this article on Mihaaru

ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަން ފަށައިފި

ރާއްޖޭގައި ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަން ފަށައިފި އެވެ.

ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހުން ފެށިގެން ރާއްޖެ އޮތީ "އެލާޓް ލެވަލް 1"ގަ އެވެ.

މިހާރު އެ ލެވެލްގައި އޮތީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކެވެ.

ގާ ހުދުވުން މިންކުރުމުގައި ބަލާ ފަސް ދަރަޖައެއް އޮވެ އެވެ. އެއީ؛

1. "ނޯ ސްޓެރެސް" ނުވަތަ އެއްވެސް ނުރައްކަލެއް ނެތް ދަރަޖަ

2. "ވޮޗް" ނުވަތަ ސަމާލުވާންވީ ދަރަޖަ

3. "ވޯނިން" ނުވަތަ ނުރައްކަލުގެ އިންޒާރުގެ ދަރަޖަ

4. "އެލާޓް ލެވަލް 1" ނުވަތަ ނުރައްކާތެރި ދަރަޖަ

5. "އެލާޓް ލެވަލް 2" ނުވަތަ އެންމެ ނުރައްކާތެރި ދަރަޖަ

"ކޮރަލް ރީފް ވޮޗް" އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ވަރަކަށް ހަފުތާގެ ތެރޭގައި މުޅި ރާއްޖެ "އެލާޓް ލެވަލް 2" ނުވަތަ އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރާނެ އެވެ.

މިއީ 2016ގެ ފަހުން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އަހަރަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ވެސް ވަނީ މި ފަހުން ލަފާކޮށްފަ އެވެ.

ގާ ހުދުވުމުގެ ހާދިސާއާ ގުޅިގެން 2016 ވަނަ އަހަރު އެކަން އެސެސްކުރުމުގައި އިސްކޮށް އުޅުއްވި މެރިން ބަޔޮލޮޖިސްޓް ނިޒާމް އިބްރާހިމް "މިހާރު" އަށް މީގެ ކުރިން ވިދާޅުވީ މިފަހަރު ގާ ހުދުވުމުގެ ހާދިސާ ނުރައްކާތެރި ދަރަޖައަކަށް އަރަން މި ފެށީ، މީގެ 8 އަހަރު ކުރިން ހިނގި ގާ ހުދުވުމުގެ ބޮޑު ހާދިސާ އަށް ފަހު މުރަކަތަކަށް އަލުން ދިރުން އަންނަން ފަށާފައި ވަނިކޮށް ކަމަށެވެ.

އެންމެ ހޫނު ގަދަ ދުވަސްވަރު އަދި ކުރިއަށް އޮތީ ކަމަށާއި މިހާރު ވެސް ވަރަށް ބޮޑަށް ގާ ހުދުވެފައި ވާތީ، މި ފަހަރު ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"2016 އަށް ވުރެ އަސަރު ބޮޑުވާނެ ކަމަށް ހުރިހާ ރީފް ސައިންޓިސްޓުން ބުނަނީ،" އޭނާ ވިދާޅުވި އެވެ.

ގާ ހުދުވުމަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ހާދިސާއެކެވެ. ދުނިޔެ ހޫނުވެ އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން، ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތަލޭ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން ގެނުވަ އެވެ.

މިއީ ދުނިޔޭގެ ހަތަރު ވަނަ ގްލޯބަލް މާސް ކޮރަލް ބްލީޗިން އިވެންޓް ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އަދި ދަ އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އައިސީއާރުއައި) އިން ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.

ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ ވެސް އެ ފަހަރެވެ. އެ ދިރާސާ އަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.



More from Mihaaru