ބިންގަރާސް

Sun, 28 Apr 2024 06:44 AM

View on this article on Mihaaru

ބިންގަރާސް

ބުދަ ދުވަހާ ގުޅޭ

"ހާދަ ލޯބި މާބޮނޑިއެކޭ! އަހަންނަށްތަ؟" ދިފްލާ ބުންޏެވެ.

ޖަވާބެއްދިނުމުގެ ކުރިން، ތިން ސިކުންތެއްހާ އިރު ވަންދެން ރާއިދު ވިސްނައިލިއެވެ. އެއަށް ފަހު، މާބޮނޑި ދިފްލާއަށް ދިއްކޮށްލިއެވެ. ދިފްލާ އެއަކު ނުހިފިއެވެ. ދިފްލާގެ މޫނުމަތިން ކުރިން ފެނުނު ހިނިތުންވުން ވެސް، ފަނޑުވެގެންގޮސް ގެއްލުނެވެ.

"ނުހިފާނަން. ދެނެއް ނުހިފާނަން." ދެރަނުވެ، ރުޅި ވެސް ނައިސް ދިފްލާ އެހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ.

ވީ ގޮތް ރާއިދަކަށް ނޭނގުނެވެ. ދިފްލާގެ ނަޒަރުގައި އެއީ ދިފްލާއަށް ދޭން ގެނައި މާބޮނޑިއެއް ނޫނެވެ. މާބޮނޑި ދިއްކޮށްލަން ވަގުތުނެގީ އެހެންވެއެވެ. އެ ކަމާ ވިސްނަން ރާއިދު ހުއްޓައި ދިފްލާ ހެދުން ބަދަލުކޮށްގެން ނުކުތެވެ.

"ހިފާބަލަ!" އަނެއްކާ ވެސް މާބޮނޑި ދިއްކޮށްލަމުން ރާއިދު އެދުނެވެ. "މީ ހާދަހާ ބޯހަރު ކުއްޖެކޭ! ކީއްވެގެންތަ ނުހިފަން ތިއުޅެނީ؟ ދިފްލާއަށް ގެނައި އެއްޗެއްވީމައެއްނު ދިފްލާއަށް ދޭނީ."

"އަހަންނަށް ގެނައި އެއްޗެއް އަހަންނަށް ދޭން އެންމެ ސިކުންތެއް ވެސް ނުނަގާނެ،" ހިނިތުންވެލާފައި ދިފްލާ ބުންޏެވެ. "ތި ދޭން އުޅޭ މީހަކަށް ދީ. ހުންނާނެ އެއްކަލަ ރިހަކައްކާފަ. ކާނަން؟ ބުނީމެއްނު ދެން އެ ރިހަ ކައްކާ ދުވަހަކުން ބުނައްޗޭ!"

ދިފްލާގެ ފަހަތުން ރާއިދު ހިނގައިގަތެވެ. އެ ވަގުތު ދިފްލާގެ މަންމަ ކޮޓަރިން ނުކުމެގެން، ރާއިދަށް ބަލައިލާފައި ހީނލައިފައި، ގޮސް ދިފްލާގެ ކޮޓަރިއަށް ވަނެވެ.

"ދިފްލާއަށް ފިފްޓީންތަ؟" ސަމާސާ ރާގެއްގައި ރާއިދު އެހިއެވެ. "އަހަންނަކަށް ގަބޫލެއް ނުކުރެވޭ! ވިސްނާ ގޮތާ، ބުނެލާ އެއްޗިއްސާ، އުޅޭ ގޮތުން ހީވަނީ ޓުވެންޓީ ޕްލަސްހެން."

"ތީ މަގޭ ބައްޕަތަ؟" ދިފްލާ ބުނެލިއެވެ. "ބައްޕަ ވެސް އިރުއިރުކޮޅާ ބުނާނެ ތިހެން."

"ނަޖޫއަކީ ސީދާ އޮޕަސިޓް،" ރާއިދު ބުންޏެވެ. "ވަރަށް ބޭބީކޮށް، ކިއުޓްކޮށް އުޅޭނީ."

"އަންހެންކުދިން ބޭބީކޮށް އުޅުނީމަ އަސްލު ވެސް ވަރަށް ކިއުޓްތަ؟" ދިފްލާ އެހެން އެހީ، ޔަގީން ނުކުރެވިގެން އަހާ ކަހަލަ ރާގެއްގައެވެ. "މަންމަ ބުނީ އަހަރެން ވަރަށް ކުޑައިރު ސީރިޔަސްވާން ފަށައިފިޔޯ! މަންމައަށް ވެސް ޖަވާބު ނޭނގޭ ކަހަލަ ސުވާލޯ އަހަރެން އަހާނީ. އުޅޭލެއް މުސްކުޅިކަމުން އަހަންނާ މެރީކުރާނެ މީހަކު ވެސް ނުވާނޯ! ތާން ނުދޮންނަ ބާފޮތިގަނޑަކަށޯ އަހަރެން ވާނީ. އެހެންތަ ކިޔަނީ؟ އަހަންނަކަށް ނޭނގެ އޭގެ މާނައެއް ވެސް. ރާއިދަށް އެނގޭތަ؟"

"ތިއެއް ނޫނޭ!" ރާއިދު ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "އަހަރެން ރޭގަ މެސެޖެއް ފޮނުވީމޭ! ކީއްވެ ރިޕްލައިނުކުރީ؟"

"އަހަރެން ހީކުރީ ނަޖޫއަށް ފޮނުވަންއުޅުނު މެސެޖެއް އަހަންނަށް ފޮނުވުނީކަމަށް. އެހެންވެ އަޅާނުލީ!" ވަރަށް ހަމަޖެހިލާފައި ދިފްލާ ބުންޏެވެ.

"އާނ އެހެންތާ ވާނީ،" ރާއިދު ބުންޏެވެ. "ކިހާ އެއްކަހަލަ ދެ ނަން ދޯ؟"

ދިފްލާ ހީނގެންފައި މޭޒުމަތީގައި ތަށި އަތުރަން ފެށިއެވެ. ރާއިދު ގޮނޑީގައި އިށީނދެ ހަމަޖެހިލި ތަނާ، މޭޒުމަތީގައި ހުރި ބިއްލޫރި ޖަގު ފެނުނެވެ. ޖަގުގެ މެދަކާ ހަމައަށް ފެން ހުއްޓެވެ. ރާއިދު ވަގުތުން ޖަގު ކައިރިކޮށްލިއެވެ.

"ހަމަ މި ކަމަށް ހުރި އެއްޗެއް." ރާއިދު ބުންޏެވެ.

ދިފްލާ ބަލައިލި އިރު މާބޮނޑި ހުރީ ޖަގަށް ޖަހައިފައެވެ. ރާއިދު އިނީ މާތައް ވިނަވާށެވެ.

"ދަމުން މާބޮނޑި ހިފައިގެންދާތި!" ދިފްލާ އެދުނެވެ. "އެހެންނޫނީ މަންމަ ވަރަށް ގިނަ، ބޭކާރު ސުވާލުކުރާނެ."

"މިސާލަކަށް ކޮން ސުވާލެއް؟" ބަތްއަޅަމުން ރާއިދު އެހިއެވެ.

"ދަރިފުޅަށް ވުރެ މާ ބޮޑުސިންގާ މީހަކު، ކީއްކުރަން އިރުއިރުކޮޅާ ގެއަށް ތި ގެންނަނީ؟" މައުސޫމާ އެހިއެވެ.

ކާކޮޓަރިއަށް މައުސޫމާ ވަނީ، ރާއިދު ދިޔަކަން ކަށަވަރުކުރުމަށް ފަހުގައެވެ. އޭރު ދިފްލާ ހުރީ ތަށިތައް ނަގާށެވެ. އެއީ މަންމަ އަލަށް އަހާ ސުވާލެއް ނޫނެވެ. ދިފްލާގެ ބައްޕަ ވެސް ހަމަ އެ ސުވާލުކުރެއެވެ.

"އަހަރެން ގެންނަނީކީ ނޫނޭ މަންމާ!" ދިފްލާ ޖަވާބުދިނެވެ. "މި ގެ ހުރަސްކުރާ ކޮންމެ ފަހަރަކު އޭނަ ޖެހޭ މި ގެއަށް ވަންނަން. ހަމަ އަހާނެ ނެތްހޭ މީރު ކާއެއްޗެއް. އަހަރެންގެ ރައްޓެހިން ތެރެއިން އޭނަ އެކަނި އެހެން އަހާނީ. އެހެން މީހުން ކުރާނީ ފޯނު. ދެން މެސެޖެއްކޮށްލަފާނެ. އޭނަ އަންނާތީ މަންމައަށް އުނދަގޫވަނީތަ؟ ބުނަންތަ މި ގެއަށް ނުވަންނާށޭ!"

ދިފްލާ އެހެން ބުނީ ސަމާސަޔަކަށެވެ. އެކަމަކު މައުސޫމާއަކަށް އެ ކަމެއް ނޭނގުނެވެ.

"އުހޫނ!" މައުސޫމާ ބުންޏެވެ. "އެހެން ނުބުނާތި! މަންމަ އަޑުއެހިން މި މަހު އޭނަ ނަޖްވާނާ އިންނަންއުޅޭ ވާހަކަ."

"އިނދެދާނެއްނު!" ވަރަށް ހަމަޖެހިލާފައި ދިފްލާ ބުންޏެވެ. "ނަޖޫއެއްނު ތި ކަމާ އުފަލުންއުޅޭނީ."

"ކާކު އުފާނުވާނީ؟" މައުސޫމާ އެހިއެވެ. "އެހާ ކަންނެތް، އުޅުމެއް ނެތް ކުއްޖަކަށް ރާއިދު ކަހަލަ މީހަކު ލިބުނީމަ އޭނަގެ މަންމަގެ ލޮލަށް ނިދި ވެސް ނާދޭ!"

ތަންމިނަށް ދެލޯ ހުޅުވައިގެން ދިފްލާ އޮއްވައި ގަޑިން ދަންވަރު އެކެއްޖެހިއެވެ. ރާއިދު ފޯނުބާއްވާކަށް ނޫޅުނެވެ. ދެއަތްދެއަތަށް ފޯނު ބަދަލުކޮށްކޮށް އަތްވާޅުވެ، ދިފްލާ އެންމެ ފަހުން އިއަފޯނު ބޭނުންކުރަންޖެހުނެވެ.

"ތީ ވެސް ތެދެއް." ދިފްލާ ބުންޏެވެ.

"ދިފްލާ ނިދިއައީ ދޯ؟" ރާއިދު އެހިއެވެ. "ރިޕްލައި މާ ކުރުވާން ފަށައިފި."

"ނިންޖެއް ނާދޭ!" ދިފްލާ ބުންޏެވެ. "އެކަމަކު ދެން ޖަހާނީ ދޭއް. ވެދަރ، ޕޮލިޓިކްސް، ބިޒްނަސް، އެންވަޔަމެންޓް، ހެލްތާ ބެހޭ ގޮތުން ވާހަކަ ވެސް ދެއްކިއްޖެ! އަސްލު ކީއްކުރަން ތި ގުޅީ؟"

"ވާހަކައެއް އަހަން ނުކެރިގެންނޭ މިއުޅެނީ. ހައްތާ ވެސް ދިފްލާ ނޫނެކޭ ބުނެފާނެތީ،" ކަރުކެހިލާފައި ރާއިދު ބުންޏެވެ. "ނޫނެކޭ ނުބުނައްޗޭ! މިހާރު ވެސް ހިތުގަ އަތްއަޅައިގެން މިއޮތީ. ބުނަންވީތަ؟"

ދިފްލާ ހީނގަތެވެ. އެ އަޑުގައި، ކުޑަ ވެސް ޖެހިލުންވުމެއް ނެތެވެ. ބުނަންއުޅެނީ ކީކޭކަން ދިފްލާއަށް އެނގެއެވެ.

"ސާބަހޭ ސާބަހޭ!" ދިމާކުރާ ރާގެއްގައި ދިފްލާ ބުންޏެވެ. "ރާއިދަށް އެނގޭނެ އަހަރެން ސަޕްރައިޒްވާ ވަރުގެ އެއްޗެއް ރާއިދަށް ނުބުނެވޭނެކަން. ތި އުޅެނީ މެރީކުރަން. އަހަރުމެންނަކީ ފްރެންޑްސް. ދެން ކޮން ސަސްޕެންސެއް؟"

"ނަޖޫގެ ވެޑިންޑްރެސް ފަހައިދީބަލަ!" ރާއިދު އެދުނެވެ. "ޕްލީޒް ނޫނެކޭ ނުބުނާތި! ދިފްލާ ބޭނުން އަގެއް ވެސް ކިޔަންވާނެ."

"މާ ކުރިން ވެސް އަހަންނަށް އެނގޭ ތިހެންކަން އަހަން ތި އުޅެނީ،" ހެމުންހެމުން ދިފްލާ ބުންޏެވެ. "އެ ވަރު އެއްޗެއް އަހަން ނުކެރިގެން ތި އުޅެނީ؟ ކީއްވެ ބޭރުން ނުގެންނަނީ؟ މާލޭގަ އުޅޭނެ ވެޑިންޑްރެސް ފަހަން ނުލާހިކު ފޭމަސް މީހުން."

"ތީ މައްސަލައަކީ. ތީ ބިރަކީ ވެސް،" ރާއިދު ކަންބޮޑުވެފައި ބުންޏެވެ. "ހެދުންފަހާނެ މީހަކު ނެތިގެނެއް ނޫޅެމޭ! ބޭރުން ނުގެނެވިގެނެއް ވެސް ނޫޅެން. ދިފްލާ ލައްވާ ފައްސަން ބޭނުންވަނީ. ނަޖޫ ކައިރީގަ ބުނާނަން މިންނަގަން ދާށޭ! އޯކޭ ދޯ؟ ނޫނީ ދިފްލާ އެ ގެއަށް ދާނީތަ؟ ދެމީހުން މި ގެއަށް އަންނާނީތަ؟"

އަންނާނެކަމަށް ހީކުރި ވާރޭގެ ކުރިން، ވިލާގަނޑުގެ ވައި ގަސްތަކަށް އިންޒާރުދޭން ފެށިއެވެ. އުޑުމައްޗަށް އަނދިރިކަން ވެރިވިއެވެ. ބޮޑު، ކަޅު ވިލާގަނޑެއް އުދަރެސް ބައްދައިލައިފައި، ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. ބުނާ ކަހަލައެވެ. ނަމަނަމަ ބޭރަށް ނުނިކުންނައްޗެވެ. ގެ ކައިރިކަމުން ކާރަކަށް ގުޅާކަށް ދިފްލާއަކަށް ނުކެރުނެވެ. ވައިގަދަކަމުން ކުޑަނަގައިގެން ދާކަށް ނުކެރުނެވެ. ރާއިދުގެ ގެއަށް، މިންނަގަން ދާން ދިފްލާ ހަމަޖެއްސީ ހަވީރު ހަތަރުގަޑި ބަޔަށެވެ. ބޯކޮށް ވާރޭއޮއްސައިލީ ހަތަރުގަޑި ވިހީގައެވެ. ގަޑިޖެހެން މިނެޓަކަށްވުމުން، ކުޑަހިފައިގެން ދިފްލާ ނުކުތެވެ. މި ކުރެވެނީ ރަނގަޅުކަމެއް ނޫންކަން އެނގިހުރެއެވެ. ރާއިދުގެ ގެކައިރިއަށް ގޮސް، ރަނގަބީލުޖަހައި، ދޮރުހުޅުވައި، ގޭތެރެއަށް ވަދެވުނު އިރު ދިފްލާ ތެމިފޯވެއްޖެއެވެ. އުނދޯލީގައި ރާއިދު އިންތިޒާރުގައި އިނެވެ. ދިފްލާ ވަނުމާއެކު ކުޑައިގައި ހިފިއެވެ. ދިފްލާއަށް ދޭން ކައިރީގައި ބާއްވާފައިއޮތް ތުވާލި ދިއްކޮށްލިއެވެ.

"އެނގޭ ތެމިގެންކަން އަންނާނީ. ތީ ހަމަ އާ ތުވާއްޔެއް،" ރާއިދު ބުންޏެވެ. "މަންމަ ވެސް ބޭރުގަ ތާށިވެފަ. ގޭގަ ނެތް އެކަކު ވެސް. ނަޖޫއަކަށް ވެސް އަދި ނާދެވޭ! އެކަމަކު އޭނަގެ ގެ ކައިރީ ވެސް. ކިހާ ރަނގަޅު؟"

"ތެންކްސް!" ތުވާލިން ބޯހިއްކައިލަމުން ދިފްލާ ބުންޏެވެ. "އެ އޯ.. އޯކޭވާނެ!"

ހީކަރުވައިގަނެގެން ދިފްލާގެ ދަތްދޮޅި ތުރުތުރުއެޅިއެވެ. ދިފްލާއަކީ ފިންޏަށް އެހައި ބަލިމީހެއް ނޫނެވެ. އެހެނަސް، ކޮންމެ މަހެއްގެ ވެސް ފިންޏަށް ބަލި ދުވަސްކޮޅެއް އާދެއެވެ. ވެގެންއުޅޭ ގޮތަކީ އެއީއެވެ. ރާއިދުގެ ގެއަކީ ގަސް ގިނަ ގެޔެކެވެ. އަންނަ ބާރުމިނުގައި ވައިރޯޅި ގޭގެ އެއްކޮޅުން ވަދެގެން އަނެއް ކޮޅުން، އެއްވެސް ހުރަހެއް ނެތި ނުކުމެއެވެ.

"ހީކަރުވަނީ ދޯ؟" ކަންބޮޑުވެފައި ރާއިދު ބުންޏެވެ. "ޓީ؟ ކޮފީ؟"

"ހޫނު ބްލެކް.. ޓިޓީ ޕްލީޒް!" ދިފްލާއަށް ބުނެވުނެވެ.

"ހިނގާ ކިޗަންއަށް." ރާއިދު އެދުނެވެ.

ދެމީހުން އެކުގައި ކާކޮޓަރިއަށް ދިޔައެވެ. އެ ތަނަކަށް ވަޔެއް ނުޖެހެއެވެ.

"މި ތަން އޯކޭއެއްނު!" ބޮކި ޖައްސަމުން ރާއިދު ބުންޏެވެ. "ދިފްލާ ބަސްއަހައިގެން އިނދޭ! ލައިޓުން ކޮންމެވެސް ވަރަކަށް ހޫނުވާނެ. ހަކުރުއަޅާތަ؟ ކިތެއް ސަމުސާ؟"

ދިފްލާ އަތުގެ އިޝާރާތުން ދޭއް ދައްކައިލައިފައި އިސްތަށިގަނޑު ބޮޑަށް ނިއުޅުވައިލިއެވެ. ރާއިދު ސައިހެދި އިރު ދިފްލާ އިނީ ބަލާށެވެ. ރާއިދު ވަރަށް ފަރިތައެވެ. ސައިހެދުމަކީ އޭނަ ކުރާކަމެއްކަން އެނގެއެވެ. ސައިފަތާއި، ހަކުރު ހުރި ތަންތަން ރާއިދަށް އެނގެއެވެ. ދިފްލާ ހިތަށްއެރިއެވެ. ރާއިދު ކަހަލަ މީހަކު، ނަޖްވާން ކަހަލަ ކުއްޖަކާ އިނދެގެން ކިތައް ދުވަހު އުޅެވޭނެބާއެވެ؟ ސައިތަށި ހިފައިގެން ރާއިދު އެނބުރިލި އިރު ދިފްލާ އިނީ ހެވިފައި ރާއިދަށް ބަލާށެވެ. ރާއިދު ބަލައިލުމުން ވެސް ދިފްލާ ކޮންމެހެން ނުބަލާކަމަށް ހެދޭކަށް ނޫޅެއެވެ. ދިފްލާގެ ތެމިފައިވާ ބޮޑު އިސްތަށިގަނޑު ހުރީ ބޮކީގެ ރަންއަލިން ފެވިފައެވެ. ކުރިން ދިފްލާޔާ ދިމާއަށް ނުބަލާ ބެލުމަކުން އެ ފަހަރު ރާއިދަށް ބެލުނެވެ. އެކަމަކު، ހިތަށްއެރި އެއްޗެއް ހިތުގައި ކަފުންކުރީއެވެ.

"ވަޓް؟" ދިފްލާ ހެވިފައިއިނުމުން ރާއިދު ސުވާލުކުރިއެވެ.

"ރާއިދު ފަރިތަކަމުން ހައިރާންވެފަ މި އިންނަނީ،" ދިފްލާ ބުންޏެވެ. "ނަޖޫ ހާދަ ލަކީއޭ! އެނދުގަ އޮއްވާ ރާއިދު އަންނާނެ ބްރޭކްފާސްޓް ހިފައިގެން. ހަމަ އެހާ ލޯބިވޭތަ؟"

އެ ވަގުތަކީ، ކާކޮޓަރީގެ ދޮރާ ހަމައަށް ނަޖްވާނަށް އާދެވުނު ވަގުތެވެ.

ނުނިމޭ





More from Mihaaru