ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ

Tue, 23 Apr 2024 07:20 PM

View on this article on Mihaaru

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އަދި މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހީނާ ވަލީދު މިއަދު ހަމަޖައްސައިފި އެވެ.

މިއީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމު ހީނާ އަދާކުރައްވަމުން ގެންދަވާނީ އެ މަގާމުގެ މުސާރަ ނުހިނގާ ގޮތަށް ކަމަށެވެ. އައްޑޫ ހިތަދު އަށް އުފަން ހީނާ އަކީ މިހާރު ވެސް އެންސްޕާގެ ސީއީއޯ ކަމަށް ވާއިރު، އެ މަގާމުގައި ވެސް ދެމިހުންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނުކަން ވެސް ކުރައްވާފައިވާ ހީނާ ވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި ޕީއެސްއެމްގެ ހެޑް އޮފް ނިއުސްގެ މަގާމު ވެސް ހީނާ ކުރިން އަދާކުރެއްވި އެވެ. އޭނާއަކީ ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މިހާރު ވެސް ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ ކުރީގެ ނޫސްވެރިޔާ މުހައްމަދު ޝަހީބެވެ. އެކަމަކު، ނޫސްވެރިންނަށް ޖަވާބުދާރީވާ ގޮތާ މެދު އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރީ އެވެ. ޗީފް ސްޕޯކްސްޕާސަންގެ މަގާމުގައި ޝަހީބަށް ހޭދަކުރެއްވުނީ ދެ ހަފުތާއެއްހާ ދުވަހަށެވެ.

އޭނާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.





More from Mihaaru