1،780 މުވައްޒަފުން ދޫކޮށްލިން: މުއާޒު

Tue, 23 Apr 2024 03:25 PM

View on this article on Mihaaru

1،780 މުވައްޒަފުން ދޫކޮށްލިން: މުއާޒު

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އޭރުގެ ސަރުކާރުން ވަޒީފާ ދީފައިވާ މުވައްޒަފުންގެ ތެރެއިން ކޮންޓްރެކްޓު ހަމަވި 1،780 މީހެއްގެ ކޮންޓްރެކްޓް އިތުރަށް އާ ނުކޮށް ދޫކޮށްލާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފެނަކައިގެ އެޗުއާރު ޕޮލިސީއާ ހިލާފަށް މިހާރުގެ މެނޭޖުމަންޓުން މުވައްޒަފުން ނަގަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޓީ އަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރު ބަދަލުވި ފަހުން އެޗްއާރު ޕޮލިސީއާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީ އަދި ވަކިކޮށްފައި ނުވާނެ ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ވަރަށް ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެނުއަރީ 1، 2023 އިން ފެށިގެން ސެޕްޓެމްބަރު 9، 2023 އާ ހިސާބަށް 2،105 މުވައްޒަފުން ރެކްރޫޓް ކޮށްފައިވާ ކަމަށާއި އެ މުއްދަތުގެ ކުރިއަށް ކުންފުނީގައި ތިބީ 4،825 މުއައްޒަފުން ކަމަށް މުއާޒު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި އިތުރު 122 މުވައްޒަފުން އޭރުގެ ސަރުކާރުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މުއައްޒަފުން ނަގާފައި ވަނީ ހުއްޓިފައި ހުރި މަޝްރޫއުތަކެއް ހިންގުމަށް ކަމަށާއި އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓު ހަމަވާން ކައިރިވެފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމީ ކޮންޓްރެކްޓުތައް އާ ނުކުރަން. މަޝްރޫއުތައް ހަމައަކަށް އަޅުވައި ތަރުތީބު ކޮށްފައި މުވައްޒަފުންތައް ނަގަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ނަގާފައިވާ 1،700 އެއްހާ މުވައްޒަފުން ވަޒީފާ އިން ކަނޑާލި ނަމަވެސް ފެނަކަ އިން ހިންގާ ގޮތަށް ފަށާފައިވާ މަޝްރޫއުތައް އަލުން ހިންގުމަށްޓަކައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް 1،529 މީހުން ނަގާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

އެ މީހުންނަށް ވަޒީފާ ދިނީ ޕްރޮޖެކްޓުތަކުގެ ބިލް އޮފް ކުއަންޓިޓީ (ބީއޯކިއޫ) ބިލް އޮފް މެޓީރިއަލް (ބީއޯއެމް) ހަަދައި ޕްރޮޖެކްޓް ހިންގަން ބޭނުންވަނީ ކިހާ މުވައްޒަފުންނެއްތޯ އައިޑެންޓިފައި ކުރުމަށް ފަހު ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިންތިހާބުތަކާ ދިމާކޮށް ފެނަކަ އަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. ރަށެއްގެ ފެނަކަ އޮފީސް ހިންގަން އެ ރަށުގެ ގިނަ އަދަދެއްގެ މީހުން ނެގުމާއި އޮފީސްތަކުގައި ޖާގަ ވެސް ނުހުންނަ ވަރަށް މީހުން ނަގާ މައްސަލަ އޮވެ އެވެ.

ފެނަކައިގެ މުވައްޒަފުންގެ އަދަދު ހޯދަން މީގެ ކުރިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅައިގެން ވެސް އެ މައުލޫމާތެއް އިބޫގެ ސަރުކާރަކުން ހާމައެއް ނުކުރެ އެވެ.





More from Mihaaru